އަބީޝޭކް ވަރްމަން ޑައިރެކްޓްކޮށް އަންނަ މަހު 17 ވަނަ ނެރުމަށް ހަމަޖެހިފައިވާ ފިލްމު "ކަލަންކް" ގެ ޝޫޓިންތައް ކުރިއަށް ގެންދިއުމަށް 10 ކްރޯޑު ރުޕީސްގެ ސެޓެއް އުފެއްދައިފައިވާ ކަމަށް އިންޑިއާގެ ހަބަރުތައް ބުނެފިއެވެ.

މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންދިޔައީ މުމްބާއީގެ ފިލްމު ސިޓީގައެވެ. އެގޮތުން ދިއްލީ ކުރިން އޮތް ގޮތް ސިފަކޮށް ތައްޔާރުކުރި ސެޓު އުފެއްދުމަށް 10 ކްރޯޑު ރުޕީސް ހަރަދު ކުރިކަމަށް އަޑުތައް ފެތުރެމުން އައި ނަމަވެސް އެކަމާއި ގުޅިގެން މި ފިލްމު ޕްރޮޑިއުސަރުން އަދި ޖަވާބެއް ލިބިފައެއް ނުވެއެވެ.

މި ފިލްމުން ފެނިގެންދާނީ ވަރުން ދާވަން އާއި އާލިއާ ބަޓްގެ އިތުރުން މާދުރީ ދިކްސިޓް އާއި ސޮނާކްޝީ ސިންހާ އަދި އަތިދްޔާ ރޯއީ ކަޕޫރުގެ އިތުރުން ސަންޖޭ ދަތުއެވެ. މިއީ ސަންޖޭ އާއި މަދޫރީ 20 އަހަރަށް ފަހު އެކުގައި ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމު ވެސް މެއެވެ.

ހަމައެހެންމެ މިއީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަނުން ސިނަމާއަށް ގެންނަ ފުރަތަމަ ޕީރިއަޑް ފިލްމު "ކަލަންކް" ގައި 1940 ގެ އަހަރުތަކުގައި ހިނގާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. މި ފިލްމަކީ ކަރަންގެ ހިތާ ވަރަށް ގާތް ފިލްމެއް ކަމަށް ކަރަން ބުނާއިރު އެ ފިލްމަކީ ކަރަންގެ ބައްޕަ ޔާޝް ޖޯހަރު ސްކްރީނަށް ގެންނަން އަމާޒު ހިފައި، އެކަމަކު އެކަން ވަރަށް ބޮޑަށް ދިގުލައިގެންދިޔަ ފިލްމެކެވެ. 2004 ވަނަ އަހަރު ކަރަންގެ ބައްޕަ މަރުވިއިރު އެފިލްމު ނެރެނީ ކަރަންގެ ބެލުމުގެ ދަށުންނެވެ.