އާމިރު ހާން ދެން ފެނިގެންދާނީ ހޮލީވުޑްގެ މަޝްހޫރު ފިިލްމެއް ކަމަށްވާ "ފޮރެސްޓް ގަމްޕް" ގެ ރިމޭކް ފިލްމުނެއެވެ. މި ފިލްމުގެ ނަންވެސް ވަނީ އިއުލާން ކޮށްފައެވެ.

ޓޮމް ހޭންކްސްގެ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ 1994 ގެ "ފޮރެސްޓް ގަމްޕް" ރިމޭކިން ރައިޓްސް ޕެރަމައުންޓް ޕިކްޗާޒް އަތުން ހޯދާފައިވާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު 54 ވަނަ އުފަން ދުވަސް ފާހަގަ ކުރަން ބޭއްވި ހަފްލާގައި އާމިރު ވަނީ ބުނެފައެވެ. އަދި ފިލްމުގެ ނަމަކަށް "ލާކް ސިންގް ޗައްޑާ" ކިޔަން ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އާމިރުގެ ފިލްމު ކުންފުނި އާމިރު ހާން ޕްރޮޑަކްޝަން (އޭކޭޕީ) އާއި ވަޔަކޮމް 18 މޯޝަން ޕިކްޗާޒް ގުޅިގެން ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ޑައިރެކްޓަރަކީ އަދުވައިތު ޗަންދަން އެވެ.

އިތުރު ކާސްޓުންނަކީ ކޮބައިކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް މި ފިލްމު ގެ ޝޫޓިން އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. އަދި ފިލްމު ސިނަމާތަކަށް އަންނަ އަހަރު ގެންނަން ނިންމާފައިވާ އިރު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.

ރޮބަޓް ޒެމެކިސް ޑައިރެކްޓްކޮށް، ހޭންކްސް، ފޮރެސްޓް ގަމްޕް ގެ ރޯލު ކުޅެފައިވާ "ފޮރެސްޓް ގަމްޕް" އަކީ ކޮމެޑީ ޑްރާމާއެކެވެ. މި ފިލްމު ވަނީ އޮސްކާގެ 12 ކެޓަގަރީއަކުން ނޮމިނޭޓްވެ، ހަ ކެޓަގަރީއަކުން އެވޯޑް ލިބިފައިވާ ފިލްމެކެވެ.

ފަންސާސް ފަސް މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި ޖުލައި، 6، 1994 ގައި ރިލީޒް ކުރި "ފޮރެސްޓް ގަމްޕް" އަކީ 677.9 މިލިއަން ޑޮލަރުގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމެކެވެ.

އާމިރުގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ނާކާމީޔާބީއަކާ ކުރިމަތިލާން ޖެހުނު "ތަގްސް އޮފް ހިންދުސްތާން" އެވެ.