ހޮލީވުޑް އަދި ބޮލީވުޑްގެ ވެސް މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ، ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމު "ދަ ސްކައި އިޒް ޕިންކް" އަށް ފަހު އޭނާ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ވެސް ބޮލީވުޑު ފިލްމެއްގައި ކަމަށް އިންޑިއާގެ ހަބަރުތަކުން ބުނެފިއެވެ.

ސޮނާލީ ބޯސް ޑައިރެކްޓުކުރާ ފިލްމު، "ދަ ސްކައި އިޒް ޕިންކް" ގައި މިހާރު ޕްރިޔަންކާ މަސައްކަތް ކުރަމުން އަންނައިރު އެފިލްމުގައި އޭނާއާއެކު ފަރްހާން އަކްތަރާއި ޒައިރާ ވަސީމް ވެސް ފެންނާނެއެވެ.

ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ ކައިވެނި ކުރުމުގެ ކުރިން އޭނާއަށް ވަނީ ސަލްމާން ހާނުގެ "ބާރަތު" ގައި މަސައްކަތް ކުރުމަށް ވެސް ހުށަހަޅާފައެވެ. އަދި ފިލްމުގައި މަސައްކަތްކުރަން ނިންމާ އެންމެ ފަހު ވަގުތު ޕްރިޔަންކާ ވަނީ ފިލްމު ދޫކޮށްލާފައެވެ. އެކަމާ ވަރަށް ބޮޑަށް ސަލްމާން ހިތްހަމަނުޖެހިފައިވާ ކަމަށް އަޑުތަކެއް އިންޑިއާގެ މީޑިއާއިން ވަނީ ފަރުރާފައެވެ.

ޕްރިޔަންކާ ވަނީ ޖޯނަސް ބްރަދާސް ގިނަ އަހަރުތަކަކަށް ފަހު ބެލުންތެރިން އަށް ގެނެސްދިން ލަވަ 'ސަކާ" އިން ފެނިގެން ގޮސްފައެވެ. މި ލަވައިން ޖޯނަސް ބުރަދާސްގެ ހަޔާތުގެ ބައިވެރިން ކަމުގައިވާ، ސޯފީ ޓަނަރ އަދި ޑެނީލިއާ ޖޯނަސް ވެސް ވަނީ ފެނިގެން ގޮސްފައެެވެ.