އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ "އެވެންޖާޒް" ސީރީޒްގެ އެންމެ ފަހުގެ ފިލްމު "އެންޑްގޭމް" ގެ ރަސްމީ ޕޯސްޓަރުގައި ޑާނިއާ ގްރެރާގެ ނަން އިތުރުކުރުމަށް ފަހު މާވެލް ސްޓޫޑިއޯ އިން ޕޯސްޓަރު އިސްލާހުކޮށް ދައްކާލައިފި އެވެ.

ގިނަ ބައެއްގެ ފާޑުކިޔުން މި ޕޯސްޓަރަށް އަމާޒްވެގެންދިޔައީ މި ފިލްމުގެ ރަސްމީ ޕޯސްޓަރުގައި މައިގަނޑު ކާސްޓުގެ ނަންތައް ޕޯސްޓަރުގެ މަތީގައި ހިމެނި އިރު، ފިލްމުގެ އެނިމޭޓެޑް ކެރެކްޓާ "ރޮކެޓް" އަށް އަޑު އަޅައިދިން ބްރެޑްލީ ކޫޕާގެ ނަން ހިމެނިފައި، "އެންޑްގޭމް ޕޯސްޓަރު" ގައި ޑާނިއާގެ ފޮޓޯ ހިމަނާފައި އޭނާގެ ނަން ޖަހާފައި ނެތުމުންނެވެ.

މިފިލްމުގެ ރޯލަކުން ނުފެންނަ އެކްޓަރެއްގެ ނަން ޕޯސްޓަރުގައި ހިމެނުމަކީ އިންސާފެއް ނޫން ކަމަށާއި އޭގެ ބަދަލުގައި "އޯކޮއީ" ގެ ކެރެކްޓާ އިން ފެންނަ ޑާނިއާގެ ނަން ހިމެނުން މާ ހައްގު ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މާވެލްގެ ސުޕަހީރޯތައް އެކީގައި ފެނިގެންދާ މި ފިލްމުގައި ޑާނިއާ ތަމްސީލުކޮށްދޭ ކެރެކްޓާ "އޯކޮއީ" އަކީ "ބްލެކް ޕެންތާ"ގައި އޭނާ ކުޅުނު ކެރެކްޓާ އެވެ. މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެއްވެސް މެއެވެ.

"އެންޑްގޭމް" ސިނަމާތަކަށް ގެނެސްދޭން ނިންމައިފައިވަނީ އަންނަ މަހުގެ 26 ގަ އެވެ.