ކޮތަރެއްގެ އަގު މިލިއަނުން ގުނާލެވޭ މިންވަރަކަށް އަރައިގެން ދިއުން އެއީ ޔަގީނުން ވެސް ގިނަ މީހުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބޭނެ ކަމެކެވެ. ނަމަވެސް ޗައިނާ މީހަކު މިވަނީ އޮންލައިން ކޮށް ކުރިއަށް ގެންދިޔަ ނީލަމެއްގައި 1.25 މިލިއަން ޔޫރޯ (21.8 މިލިއަން ދިވެހި ރުފިޔާ) އަށް ކޮތަރެއް ގަނެފައެވެ.

އާމަންޑޯ ނަމަކަށް ކިޔާ ކޮތަރު ބޮޑު އަގެއްގައި ގަނެފައި ވަނީ އެއީ ދުރު ރާސްތާ ރޭހެއް ޖެހުމަށް ވަރަށް ފުރިހަމަ އަށް ތަމްރީން ކޮށްފައިވާ ކޮތަރަކަށް ވާތީއެވެ.

ޗައިނާ އާއި ވިއެޓްނާމް މީހުން ބޮޑު އަގުގައި ކޮތަރު ގަނެ ވިއްކުމަކީ އާއްމު ކަމެކެވެ. ނަމަވެސް މިހައި ބޮޑު އަގެއްގައި މީގެ ކުރިން ކޮތަރެއް ވިކިފައިވާކަމަށް ރެކޯޑް ކުރެވިފައެއް ނުވެއެވެ.

މީގެ ކުރިން ކޮތަރެއްގެ އަގު އެންމެ މައްޗަށް ނީލަމެއްގައި ގޮސްފައި ވަނީ 376000 އެމެރިކާ ޑޮލަރަށެވެ. މިފަހަރު އެ ރެކޯޑް މުގުރާލާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފައެވެ. ނަމަވެސް ރެކޯޑް މުގުރާލާފައި ވަނީ ކުރިން ލަފާވެސް ކުރެވިފައިވާ ވަރަށް ވުރެ މާބޮޑު އަގެއް ހުށަހަޅައިގެންނެވެ.

އޮންލައިންކޮށް ކުރިއަށް ދިޔަ ނީލަމުގައި އާމަންޑޯގެ އިތުރުން ވެސް 178 ކޮތަރެއް ވަނީ ނީލަމުގައި ވިއްކާލާފައެވެ. އެކޮތަރުތައް ވިއްކާލައިގެން ވެރިފަރާތްތަކުން ވަނީ ޖުމްލަ ދެމިލިއަން ޔޫރޯ ހޯދާފައެވެ.

ކޮތަރުގެ ރޭސްތަކަކީ ޗައިނާ އާއި ވިއެޓްނާމްގެ އިތުރުން ބެލްޖިއަމް، އިނގިރޭސިވިލާތް، ފްރާންސްގެ އުތުރު އަދި ނެދަލޭންޑްސްގައި ވެސް ވަރަށް ފޯރި އާއި އެކު ކުރިއަށްދާ ރޭސްތަކެކެވެ. ނަމަވެސް މި ރޭސްތަކަށް ތައްޔާރުވާން އެންމެ ބޮޑު ޚަރަދެއް ކުރަނީ އޭޝިއާގެ ވިޔަފާރިވެރިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުފިޔާ

    ރުފިޔާއިން އަގުތިޖެހީ އެއީ ؟