ޕްރިންސް ހެރީ އާއި މޭގަން މާކެލް ދެމަފިރިންގެ ޚަރަދުތައް ޝާހީ އާއިލާގެ ތެރެއިން ހަމަޖެއްސުން ހުއްޓާލާ ދެމަފިރިން އަމިއްލައަށް ހޯދާ ފައިސާ އިން ހުރިހާ ކަމެއް ވެސް އަމިއްލައަށް ކުރަން ނިންމުމުން އެކަމަށް ރާނީ އެލިޒަބަތު އާއި ޕްރިންސް ޗާލްސް ހުރަސް އަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހެރީ އާއި މޭގަން ވަނީ އެމީހުންނަށް އަމިއްލައަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސޭ ވަރުގެ ބައިނަލްއަޤުވާމީ ބްރޭންޑެއް އުފައްދަން ނިންމާ އެކަމުގެ މައުލޫމާތު ވެސް ރާނީ އާއި ހިއްސާ ކޮށްފައެވެ. ނަމަވެސް ރާނީގެ ރުހުން އެ ޕްލޭނަކަށް ނުލިބުނެވެ.

ރާނީ އެލިޒަބަތާއި ޕްރިންސް ޗާލްސް ވިދާޅުވެފައި ވަނީ ހެރީ އާއި މޭގަންގެ ވިސްނުމަކީ ޝާހީ އާއިލާގެ ހަމަތަކާއި އުސޫލުތަކާއި ހިލާފު ކަމަކަށް ވާތީ އާނބަސް ބުނެވެން ނެތް ކަމަށެވެ.

ހެރީ އާއި މޭގަން ކައިވެންޏަށް ފަހު ދިރިއުޅުއްވަން ރާނީ ވަނީ އެކަމަނާގެ ވަރަށް ހާއްސަ ގަނޑުވަރެއް ދެއްވާފައެވެ. އެއީ ރަސްމީ ކަންތައްތަކެއް ކުރިއަށް ނުގެންދާ، އަދި ސައިޒްގެ ގޮތުން ވެސް ކުޑަ ގަނޑުވަރެކެވެ. ނަމަވެސް ގަނޑުވަރުގެ ހުރިހާ ޚަރަދެއް ކުރަމުން ގެންދަނީ އިނގިރޭސި ދައުލަތުންނެވެ.

ޝާހީ އާއިލާ މެންބަރުންނަށް އެތައް މިލިއަނަކުން ފައިސާ ޚަރަދު ކުރުމަކީ އިނގިރޭސިވިލާތުގެ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައި އޮންނަ މައްސަލައެކެވެ. ނަމަވެސް ޝާހީ އާއިލާއަށް ތާއިދު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޝާހީ އާއިލާ މެންބަރުންގެ ސަބަބުން ކޮންމެ އަހަރަކު އެގައުމަށް އެތައް މިލިއަން ފަތުރުވެރިންނެއް ޒިޔާރަތް ކުރެއެވެ. އެހެންކަމުން ޝާހީ އާއިލާ އަށް ބޮޑު ޚަރަދެއް ކުރުން އެއީ މައްސަލައެއް ނޫންކަމަށް އެފަދަ ފަރާތްތަކުން ދެކެއެވެ.