ދިރާސާއަކަށް އެމެރިކާގެ ސަރުކާރުން އެތަށް ހާސް ބުޅާ މަރާލިކަން ހާމަވެއްޖެއެވެ.

ދާދި ފަހުން އާންމު ކުރި ރިޕޯޓެއްގައިވާ ގޮތުން ލެބޯޓަރީތަކުގައި ދިރާސާތަށް ހެދުމަށް ބޭނުން ކުރުމަށް، 2003 ވަނަ އަހަރުން 2015 ވަނަ އަހަރުގެ ނިޔަލަށް އެމެރިކާ ސަރުކާރުން ވަނީ އެތަށް ހާސް ބުޅަލުގެ އިތުރުން ކުއްތާތަކެއްވެސް މަރާލާފައެވެ.

އެމެރިކާގެ ޑިޕާޓްމެންޓް އޮފް އެގްރިކަލްޗަރއިން ވަނީ ދުނިޔޭ އެކި ގައުމުތަކުން އެތަަށް ސަތޭކަ ބުޅާތަކެއް މި ދިރާސާތަކަށް ގަނެފައެވެ. މި ވާހަކަތައް ދާދި ފަހުން އާންމުވި ރިޕޯޓުގައި ވެސް ވަނީ ފާހަގަ ކޮށްފައެވެ.

އެމެރިކާއިން ދިރާސާ ހެދުމަށް އާންމުކޮށް ބުޅާ ގަނެފައިވަނީ ބްރެޒިލް, ކޮލަންބިއާ, ވިއެޓްނާމް އަދި ޗައިނާއިންނެވެ. އެމެރިކާ ސަރުކާރުން ގިނަ އަދަދެއްގެ ބުޅާތަކެއް ދިރާސާތަކަށް ބޭނުން ކޮށްގެން މަރާލި މައްސަލައެއް ފެންމަތިވި އިރު ބުޅަލަކީ އިންސާނުންނާއި ވަރަށް ރަހުމަތްތެރި އެއްވެސް ނުރައްކަލެއް ނެތް ޖަނަވާރެއްކަން ފާހަގަކޮށްލެވެއެވެ.

ބުޅާ އޮޅުކޮއްގެން ގެންގުޅުމަކީ މިހާރުވެސް އަދި ކުރިންވެސް ކުރަމުން އަންނަ ކަމެކެވެ. ބުޅާ ވަނީ މުޅި ދުނިޔޭގައިވެސް އެންމެ މަގުބޫލު އެއް ޕެޓްގެ މަގާމު ހޯދައިފައެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ބުޅާގެ އިތުރުން އެހެނިހެން ޖަނަވާރުތައްވެސް އޮޅުކޮއްގެން ގެންގުމަކީ ސްޓްރެސް ކުޑަކޮށްދީ، މީހާގެ ނިދި ހަމަކޮށްދޭ ކަމެއް ކަން ވަނީ ސާބިތުކޮއްދީފައެވެ.