ފްރާންސްގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއްގައި ރޯވެ، 2000 ވަރަކަށް ލަގްޒަރީ ކާރު މޫދަށް ފެތިއްޖެއެވެ.

އެ ކާގޯ ބޯޓުގައި އަލިފާން ހިފި އިރު، 27 މީހުންވެސް ބޯޓުގައި ތިބި ނަމަވެސް، އެ މީހުން ވަނީ އަނިޔާއެއް ނުވެ ސަލާމަތްވެފައެވެ. އެތައް މިލިއަން ޕައުންޑެއްގެ ކާރު ކޮންޓެއިނާތަކުގައި ހުރި އިރު، އެ ކާރުތަކަކީ ބްރެޒިލްގެ ކަސްޓަމަރުންގެ ހާއްސަ އޯޑަރަކަށް ގެންދިޔަ ކާރުތަކެކެވެ.

އޭގެ ތެރޭގައި 2،20،000 ޕައުންޑްގެ ޕޯޝޭގެ މޮޑެލްތައް ހުރި އިރު، އޯޑީގެވެސް އެތައް މޮޑެލްއެއްގެ ކާރު ވަނީ ކަނޑަށް ފެތިފައެވެ.

ގްރާންޑޭ އެމެރިކާ ނަމަކަށް ކިޔާ، ކާގޯ ބޯޑުގައި ރޯވެ، ކާރުތައް އަޑިއަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ ކާރުތަކަކީ ސީދާ އޯޑަރަށް ހަދާފައިވާ ކާރުތަކެވެ. އެހެން ކަމުން ކަސްޓަމަރުންނަށް ކުރިމަތިވި އެންމެ ބޮޑު ނުތަނަވަސް ކަމަކީ، ކުންފުނިން އެ މޮޑެލް އަލުން ޑިޒައިން ނުކޮށްދީފާނެ ކަމުގެ ބިރު އޮތުމެވެ.

އެހެން ނަމަވެސް، ޕޯޝޭ ފަދަ ކުންފުނިތަކުން ބުނެފައި ވަނީ ކާރުތައް އަޑިއަށް ދިޔަ ކަސްޓަމަރުން ބޭނުންވާ މޮޑެލްތައް އެ ކުންފުނިން އަނެއްކާވެސް އުފައްދާނެ ކަމަށެވެ.