މީގެ ދެރޭ ކުރިން ބޭއްވި މިއަހަރުގެ ޒީ ސިނެ އެވޯޑްސް 2019 ގެ އެންމެ މޮޅު އެކްޓަރުންނަށް މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ދީޕިކާ ޕަޑުކޯން ހޮވިއްޖެއެވެ.

އަހަރުގެ އެންމެ ގިނަ އެވޯޑް އެ ހަފްލާގައި ގެންގޮސްފައިވަނީ ސަންނޭ ލީލާ ބަންސާލީ މިދިޔަ އަހަރު ސިނަމާތަކަށް ގެނައި ފިލްމު "ޕަދްމާވަތު" އިންނެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑް ދީޕިކާ އަށް ލިބިފައިވަނީ ވެސް އެ ފިލްމުންނެވެ. އަދި އެންމެ މޮޅު އެކްޓަރުގެ ރަންބީރަށް ލިބުނީ،ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށް ނެރުނު "ސަންޖޫ" އިންނެވެ.

މިފަހަރުގެ އެވޯޑް ހަފްލާގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނީ ފިލްމު "ޕަދްމާވަތު" އިން ބަންސާލީއެވެ. އަދި ބެލުންތެރިން ހޮވި އެންމެ މޮޅު އެކްޓަރުގެ އެވޯޑުވެސް ލިބުނީ ހަމަ އެ ފިލްމުން ރަންވީރް ސިންގް އަށެވެ. އެންމެ މޮޅު ކޮރެއޮގްރަފީ ވެސް ލިބުނީ އެ ފިލްމުގައި އިންނަ ލަވަ "ގޫމަރު" އަށެވެ.

އަހަރުގެ އެންމެ މޮޅު ޑެބިއު އެކްޓަރުންނަށް ފިލްމު "ދަޅަކް" އިން ފިލްމީ ދާއިރާއަށް ނުކުތް ޖާންވީ ކަޕޫރު އަދި އިޝާން ކައްތަރު ހޮވުނު އިރު އެންމެ މޮޅު ސަޕޯޓިން އެކްޓަރުންގެ އެވޯޑު އުފުލާލީ ފިލްމު "ޒީރޯ" އިން ކެޓްރީނާ ކައިފްގެ އިތުރުން ފިލްމު "ސަންޖޫ" އިން ވިކީ ކޯޝަލް އެވެ.

މި އަހަރުގެ އެވޯޑު ހަފްލާގައި އެކްސްޓްރާއޯޑިނަރީ ޕާފޯމާގެ އެވޯޑު ދީފައިވަނީ ފިލްމު "ބަދާއީ ހޯ" އަދި "އަންދާދުން"ގެ މޮޅު އަދި ބެލުންތެރިން ގަޔާވާ ކަހަލަ އެކްޓިން އެއް ދެއްކި އާޔޫޝްމަން ހުރާނާ އަށެވެ.

މިނޫންވެސް އެހެން ރޮނގުތަކުން ފިލްމުތަކަށް އަދި ފަންނާނުންނަށް އެވޯޑުތައް ލިބިގެންދިޔަ މި އަހަރުގެ ޒީ ސިނެ އެވޯޑުގައި ވެސް ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ފަރި ހުށަހެޅުންތައް ފެނިގެންދިޔައެވެ. އެ އެވޯޑް ހަފްލާ ދައްކާނީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭ ޒީ ޓީވީ އިންނެވެ.