އަމިއްލަ މަސައްކަތުން މިލިއަނަރަަކަށްވި މެތިވް ލެޕްރޭ، 26 އަހަރު މިހާރު އެ ހޯދަނީ އޭނާއެކު ދުނިޔެ ބަލާލަން ދާނެ މީހެކެވެ. އެ މީހަކު މެތިވްއާއެކީ އޭނާ ދާ ތަންތަނަށް ދެވޭއިރު މުސާރާއިގެ ގޮތުގައި 28000 ޕައުންޑް ދޭނެެއެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 572098.32 ރުފިޔާއެވެ.
މެތިވް ބުނެފައިވާގޮތުގައި، އޭނާއާއެކު ކުރާ އެ ދަތުރުތަކުގައި ތިބޭނީ ލަގްޒަރީ ތަންތަނުގައެވެ. މިއީ ޔަގީނުންވެސް އެތައް ބައެއްގެ ހުވަފެނީ ވަޒީފާއެވެ.
މެތިވްއަކީ ސިޑްނީއަށް ނިސްބަތްވާ މީހެކެވެ. އޭނާ އެ ބޭނުންވާ ޕާސަނަލް އެސިސްޓެންޓަށް އޭނާއާއެކު ޖަޕާން، ދުބާއި، ޔޫއެސް ފަދަ ތަންތަނަށް ވަރަށް ގިނައިން ދެވޭނެއެވެ. އެ ގައުމުތަކުގެ ކުންފުނިތަކަށް މެތިވް ދަނީ ފިލާވަޅު ނަގައިދެމުންނެވެ. އަދި އެ ޕާސަނަލް އެސިސްޓެންޓް މެތިވް ކުރަމުން އަންނަ މަސައްކަތްތައް އިޝްތިހާރުވެސް ކުރަން ޖެހޭނެއެވެ.
އޭނާއަކީ މަހެއްގެ މައްޗަށް 660000 ޕައުންޑް ލިބޭ މީހެކެވެ. އޭނާ އެ ވަޒީފާ ދޭ މީހާގެ މުސާރަ ދިނުމުގައި ބަލާނީ އެކްސްޕީރަންސްއަށް ބަލާފައެވެ. އަދި އެ މީހާއަށް އިތުރު ކަންކަންވެސް ފުރިހަމަކޮށްދިނުމަށް މެތިވް ވަނީ ނިންމާފައެވެ.
މެތިވްގެ ޕާސަނަލް އެސިސްޓެންޓްއަކަށް ވާން ބޭނުންވާ މީހާ ވާން ޖެހޭނީ ވަރަށް ރަނގަޅަށް ކޮމްޕިޔުޓަރ ކުޅެން ދަންނަ، ގިނަ މަސައްކަތް ކުރަން އިނގޭ، ވެލިޑް ޕާސްޕޯޓެއް އޮންނަ މީހަކަށެވެ.
އޭނާއަކީ ވަރަށް ތަންތަނަށް ދަތުރުކުރާ މީހެކެވެ. އަދި އާ ކަންތައް ތަޖުރިބާ ކުރަންވެސް ބޭނުންވާ މީހެކެވެ. އެ ފުރުސަތު އޭނާގެ ޕާސަނަލް އެސިސްޓެންޓަށްވެސް ދިނުމަށް އޭނާ ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު