ވަރަށް ހޫނުކޮށް ސައިބުއިމުން ކެންސަރަށް މަގުފަހިވާކަމަށް ސައިންސްވެރިން ބުނެފިއެވެ.

ސައިންސްވެރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ހޫނުކޮށް ސައިތަށި ބުއިމުގެ ސަބަބުން ކަރާއި ބަނޑު ގުޅުވައިދޭ ކާނާ ދަތުރުކުރާ ހޮޅި، ނުވަތަ "އެސޯފެގަސް" އަށް ކެންސަރު ޖެހެއެވެ.

"އެސޯފެޖިއަލް ކެންސަރ"ގެ ނަން ދީފައިވާ އެ ކެންސަރު ބަލި ޖެހެނީ އާދަޔާ ހިލާފަށް ހޫނުކޮށް ސައިބުއިމުން ކަމަށް އެ ދިރާސާގައި ބުނެފައިވެއެވެ.

އެ ދިރާސާގެ ތެރެއިން ސައިސްވެރިން ވަނީ އުމުރުން 40 އަހަރާއި 75 އަހަރުގެ 50000 މީހުންގެ ޓެސްޓުތަކެއް ހަދާފައެވެ. އެ މީހުންނަނީ އީރާންގެ ގޮލެސްޓަން ޕްރޮވިންސްއަށް ނިސްބަތްތާ ބައެކެވެ. އަދި އެ މީހުންނަކީ މިދިޔަ 10 އަހަރު ތެރޭގައި ވަރަށް ގަދަޔަަށް ސައިބޮއި އުޅުނު މީހުން ކަމަށް ވެއެވެ. މީގެ ތެރެއިން 317 މީހަކަށް އެސޯފެޖިއަލް ކެންސަރ ޖެހިފައިވާކަމަށް އެ ދިރާސާގައި ބުނެފައި ވެއެވެ.

މި ދިރާސާއިން ހާމަވިގޮތުގައި، 60 ޑިގްރީ ސެލްސިއެސް އަށްވުރެ ހޫނުކޮށް ހުންނަ ދެ ސައި ތަށި ދުވާލެއްގެ މައްޗަށް ބޯނަމަ، ކެންސަރު ޖެހުމުގެ ނުރައްކާ 90 އިންސައްތައަށް އިތުރުވެއެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި އެމެރިކަން ކެންސަރ ސޮސައިޓީގެ ޑރ ފަރްހާދް އިސްލާމީ ވިދާޅުވީ، ހޫނު ސައި، ކޮފީ، ފަދަ ބުއިންތަކަކީ ގިނަ ބަޔަކު ލޯބިކުރާ އެއްޗެއްކަމަށެވެ.

"ނަމަވެސް އަހަރުމެންގެ ދިރާސާއިން ދައްކާގޮތުގައި މިފަދަ ބުއިންތައް ހޫނުކަންމަތީ ބުއިމަކީ ކެންސަރަށް މަގުފަހިވާކަމެއް. އެންމެ ރަނގަޅު ގޮތަކީ، ސައިތަށި ނުވަތަ ކޮފީ ކުޑަކޮށް ފިނިވަންދެން މަޑުކޮށްލުން،" އޭނާ ވިދާޅުވިއެވެ.

މި ދިރާސާގައި ބުނެފައިވާގޮތުގައި، ހޫނު އެއްޗެހި ބުއިމުން އެންމެ ފުރަތަމަ ލިބެނީ "ތާމަލް އިންޖަރީއެވެ"އޭގެ ފަހުން އެ ކެންސަރަށް ބަދަލުވެއެވެ.

ހޫނުކޮށް ހުންނައިރު، އެއްޗެހި ބުއިމަކީ ހަށިގަނޑަށް ފައިދާހުރި ކަމެއް ކަމަކަށް ނުވެއެވެ. އެހެންކަމުން ހޫނު އެއްޗެއް ބޯއިރު، ހިހޫވަންދެން ބެހެއްޓުމަށްފަހު ބުއިން ބުއްދިވެރިއެވެ.