ކުޑަކުދިންނަނީ އާއްމުކޮށް ފެންނަ ކޮންމެ އެއްޗެއް އަނގަޔަށް ލައިގެން އުޅޭ ކުދިންނެވެ. މީގެ ސަބަބުން ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގާފައި އެބަހުއްޓެވެ. އަނގަޔަށް ލައިގެން އުޅޭ އެއްޗެއް ކަރު ތެރެއަށް ނުވަތަ ނޭވާ ހޮޅީގެ ތެރެއަށް ގޮސްގެން މަރުވެސް ވެއެވެ.ބައެއް ފަހަރު، ބައެއް ކުދިން ސަލާމަތްވެފައިވެސް އެބަހުއްޓެވެ.

ދާދި ފަހުން އިންޑިއާގެ އަވަށަކަށް ނިސްބަތްވާ އުމުރުން 18 މަހުގެ ކުއްޖަކު އަނގަޔަށް ބޮލުގައި ޖަހާ ދައްޗެއް ލައިގެން އުޅެނިކޮށް ބަނޑު ތެރެއަށް ގޮސްގެން އެ ކުއްޖާ ވަނީ ސަލާމަތްކޮށްފައެވެ. އެ ކުއްޖާ ސަލާމަތްކުރެވިފައި ވަނީ ވަގުތުން އެކަން ޑޮކްޓަރުންގެ ސަމާލުކަމަށް ގެނައުމުން ކަމަށް ޑޮކްޓަރު ބުނެފައި ވެއެވެ.

މާރިޗް 20 ވަނަ ދުވަހު އެ ކުއްޖާ އަނގަޔަށް ލައިގެން އުޅުނު އެ ދަތި ގޮސްފައި ވަނީ އެ ކުއްޖާގެ ބަނޑު ތެރެއަށެވެ. ދަގަނޑުން ހަދާފައިވާ އެ ދަތި އެ ކުއްޖާގެ އަނގަ ތެރެއަށް ގޮސްގެން އެ ކުއްޖާގެ މައިންބަފައިން އޭނާ ހޮސްޕިޓަަލަށް ގެނައެވެ. އަދި އެކްސްރޭ ހެދުމުން އެނގުނުގޮތުގައި، އެ ކުއްޖާގެ ބަނޑު ތެރޭގައި އެ ދަތި އޮތް ކަމެވެ. އެ ދައްޗަކީ ކޮޅު ތޫނުކޮށް އޮތް ދައްޗެކެވެ.

އެ ދަތި ނެގުމަށް ހަތަރު ގަޑިއިރުވަންދެން ޑޮކްޓަރުން މަސައްކަތް ކުރިއެވެ. އެގޮތުން އެންޑަސްކޯޕީ ހަދައިގެން އެ ދަތި އެ ކުއްކާގެ ބަނޑު ތެރެއިން ވަނީ ނަގާފައެވެ.

އެ ކުއްޖާގެ އޮޕަރޭޝަން ކުރި ޑޮކްޓަރު ބުނީ،، އެ ކުއްޖާގެ ހަށިގަނޑު ތެރެއަށް އެ ދަތި ދިޔަކަން މައިންބަފައިންނަށް ވަގުތުން އެނގުނުކަމީ ނަސީބެއް ކަމަށެވެ. އަދި އެ ހަށިގަނޑަށް ދިޔަ ނަމަވެސް، އެއްވެސް އެހެން ގުނަވަނަކަަށް ގެއްލުންވެފައިނުވާކަމަށްވެސް ޑޮކްޓަރު ބުނެފައި ވެއެވެ.

އެ ދަތީގައި ހަ ވަރަކަށް ސެންޓިމީޓަރު ހުއްޓެވެ. އަދި އޭގެ ދެކޮޅުވެސް ތޫނު ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

މިފަދަ އެއްޗެހި ކުދިންގެ އަތަަށް ކުޅެން ދީގެން އުޅޭނަމަ ނުރައްކާތެރި އެތައް ހާދިސާތަކެއް ހިނގުމަށް މެދުވެރިވާނެއެވެ. އެހެންކަމުން މައިންބަފައިންވެސް މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުވުން ވަރަށް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު