ޖެޓްބްލޫ އެއާލައިންގައި މަސައްކަތް ކުރާ ތިން އަންހެން ކެބިންކްރޫން ޕައިލެޓްގެ ފަރާތުން ޖިންސީ ގޯނާ އާއި ކުރިމަތިކަމަށް ބުނެފިއެވެ.

އެމެރިކާ އަށް ނިސްބަތްވާ ތިން އަންހެނުން މިދިޔަ ހޯމަ ދުވަހު ވަނީ މިމައްސަލައިގައި ގެއްލުމުގެ ބަދަލު ހޯދަން ޓެކްސަސްގެ ކޯޓަކަށް މައްސަލަ ހުށަހަޅާފައެވެ.

މައްސަލަ ހުށަހެޅި ތިން އަންހެނުންގެ ތެރެއިން ދެ އަންހެނަކު ބުނެފައި ވަނީ ޕައިލެޓް އެމީހުން ރޭޕް ކުރަން މަސައްކަތް ކުރީ 2018 ވަނަ އަހަރުގެ މެއި މަހު ސަން ޖުއާންގެ ހޮޓަލެއްގައި ކަމަށެވެ. އެމީހުން ބުނެފައިވާ ގޮތުގައި ޕައިލެޓް ފުރަތަމަ އެމީހުންނަށް ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދިނެވެ.

އެކެއުމުގައި އެމީހުންނަށް ޕައިލެޓް ބިއަރު ދަޅެއް ދިން ކަމަށާއި އެބިއަރު ދަޅު ބުއިމުން އެމީހުންނަށް ދެން ކަންތައްވީގޮތް އިރުގަނޑެއް ވަންދެން ނޭނގޭ ކަމަށް އެމީހުން ބުންޏެވެ. ދެއަންހެނުން ތުހުމަތު ކުރަނީ ބިއަރުގެ ދަޅުގެ ތެރެއަށް ޕައިލެޓް އިތުރު އެއްޗެއް އަޅާފައި ހުރިކަމަށެވެ.

ދެއަންހެނުން ބުނާ ގޮތުގައި އެމީހުންނަށް "ހޭވެރިކަން ވީއިރު" ޕައިލެޓް މަސައްކަތް ކުރަމުން ދިޔައީ އެމީހުން ރޭޕް ކުރާށެވެ. ޕައިލެޓްގެ ކިބައިން އެމީހުން ސަލާމަތްވެ، ޖެހިގެން އައި ދުވަހު އިތުރު ކްރޫ މެންބަރަކާއި އެވާހަކަ ހިއްސާ ކުރިއެވެ. އެހިސާބުން އެނގުނު ގޮތުގައި އެއަންހެން މީހާ އަށް ވެސް ޕައިލެޓްގެ ފަރާތުން މިފަދަ ކަމަކާއި ކުރިމަތިވެފައި ވެއެވެ.

ތިން އަންހެނުން ފުރަތަމަ މައްސަލަ ހުށަހެޅީ ޖެޓްބްލޫ އެއާލައިނަށެވެ. ނަމަވެސް އެއާލައިނުން ޕައިލެޓާއި މެދު އެއްވެސް ފިޔަވަޅެއް ނޭޅުމުން އެމީހުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ތިން އަންހެނުން ބުނާ ގޮތުގައި އެއާލައިނަށް މައްސަލަ ހުށަހެޅުމުން ވަޒީފާގެ މާހައުލުގައި އެމީހުންނާއި މެދު ގެންދަނީ ތަފާތުކުރުން ގެންގުޅެމުންނެވެ. އެތަފާތުކުރުންތަކުގެ ސަބަބުން އެމީހުންނަށް ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށް އެމީހުން ބުނެއެވެ.

ތިން އަންހެނުން ކޯޓުގައި އެދިފައި ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 75000 އެމެރިކާ ޑޮލަރާއި، ޤާނޫނީ ވަކީލުގެ ފީ ކޯޓު މެދުވެރިކޮށް ނަގައިދިނުމަށެވެ.

މިމައްސަލައިގައި ޖެޓްބްލޫ އިން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު