މިހާތަނަށް އައި އިރު ދިވެހި ސިނަމާއަށް ތަފާތު ރަފަ ތަކުގެ ފިލްމުތަކެއް ގެނެސްދީފައިވާ ފިލްމު ކުންފުނި ޑާކްރެއިން އެންޓަޓެއިންމެންޓުން އިތުރު ދެ ފިލްމެއްގެ މަސައްކަތް ތައްޔާރުވަމުން އަންނަ ކަމަށް ޑާކްރެއިން އިން ބުނެފިއެވެ.
އިތުރު ދެ ފިލްމަކަށް ރެޑީ ވާކަން ހާމަކޮށް ޑާކްރެއިން އިން މިއަދު ފޭސްބުކްގައި ބުނެފައިވަނީ "ނޮވެމްބަރ" އަދި ނަން ފައިނަލް ކޮށްފައި ނުވާ ދެ ފިލްމެއްގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

"ނޮވެމްބަރ" ޑައިރެކްޓްކުރާނީ ޑާކްރެއިންގެ ގިނަ ފިލްމުތަކެއް ޑައިރެކްޓްކޮށްދީފައިވާ އަލީ ޝިފާއު (ޗިއްޕެ) އެވެ. އަދު ނަން ހާމަކޮށްފައިނުވާ ފިލްމު ޑައިރެކްޓް ކުރަން ނިންމާފައިވަނީ އަހުމަދު ޝިނާނެވެ. އެ ފިލްމަކީ ސިނަމާތަކަށް އަންނާނެ ވަރުގަދަ ބިރުވެރި ފިލްމެކެވެ.

ޝިނާން ވަނީ ޑާކްރެއިން އިން މިދިޔަ މަހު ބެލުންތެރިންނަށް ގެނެސްދިން "ގޮށްރާޅު" ވެސް ޑައިރެކްޓްކޮށްފައެވެ. އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނެވެ.

ޑާކްރެއިން އިން ކުރިއަށް މަސައްކަތް ފަށަން ނިންމާފައިވާ ދެ ފިލްމުގެ މާ ގިނަ ތަފްސީލް ތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް "ނޮވެމްބަރ" ގެ ކާސްޓުން މިހާރު ވަނީ ފައިނަލް ވެފައެވެ. ނަމަވެސް ކާސްޓުން އިއުލަން ކުރާނީ އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވާ އިވެންޓެއްގެ ތެރެއިންނެވެ.

ޑާކްރެއިން އިން ބުނީ ދެ ފިލްމުގެ ތެރެއިން ކުރިން ސިނަމާ އަށް އަންނާނީ "ނޮވެމްބަރ" ކަމަށެވެ. އަދި އެއަށްފަހު ބިރުވެރި ފިލްމު ލަސްނުވެ ގެނެސްދޭނެ ކަމަށް ވެސް ބުންޏެވެ. އެ ދެ ފިލްމު ވެސް ރިލީޒްކުރާނީ އަންނަ އަހަރުއެވެ.

ދެން އެންމެ އަވަހަށް ޑާކްރެއިން އިން ގެނެސްދޭނީ "މާމުއި" އެވެ. އެ ފިލްމު އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރަން އަންނަނީ ތައްޔާރުވަމުންނެވެ.