އުމުރުން ދުވަސްވުމުން ކަންފަތުން އަޑު އިވުމަށް ބަދަލުތަކެއް އަންނަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ދުވަސްވީ މީހުންނާއި ވާހަކަ ދައްކާ ދެއްކުމުގާއި އާއި އެފަދަ މީހުންގެ ވާހަކަތަކުންވެސް އެކަން އެނގިގެން ދެއެވެ. އެހެން ނަމަވެސް އުމުރުން ދުވަސް ވުމުގެ ކުރިންވެސް އަޑު އެހުމުގެ ހިއްސުން ބައެއް މަހުރޫމްވެގެން ދާ ދިއުމަކީ ގިނަ ބަޔަކަށް ނޭނގި އޮވެދާނެ ވާހަކައެކެވެ. އެކި އުމުރުތަކުގައި އަޑު އިވޭއިވުމަށް ބޮޑެތި ބަދަލު އަންނަ ކަމާއި، އުމުރުން ހޭދަވާ ކޮންމެ ހިނދުކޮޅަކީވެސް އެކަމަށް ބޮޑެތި ބަދަލު ގެނުވާ ކަމެއްކަން ނޭގި އޮވެދާނެއެވެ.

ސައިންސްވެރިން މީގެ ކުރިން ވަނީ މިކަމާއި ގުޅޭގޮތުން ގިނަ ދިރާސާތަކެއް ކުރިޔަށް ގެންގޮސްފައެވެ. އުމުރުން ދުވަސްވާ ވަރަކަށް އަޑުއިވުމަށް އަންނަ ބަދަލުތައް ވަރަށް ތަފްސީލުކޮށް އެ ހޯދުންތަކުން ވަނީ ދެނެގަނެވިފައެވެ. އެގޮތުން 17.4 ކިލޯހާޓްސް ފްރީކްއެންސީއެއް ހުންނަ އަޑެއް އިވޭނީ އުމުރުން ގާތްގަނޑަކަށް 25 އަހަރުން ދަށުގެ މީހުންނަށް ކަމާއި، އުމުރުން 50 އަހަރުވުމުން 12 ކިލޯހާޓްސް ފްރީކްއެންސީތަކުގެ އަޑު ނީވޭނެކަން އެ ހޯދުންތަކުން ވަނީ ހޯދިފައެވެ.

ތިރީގައި މިވަނީ، އުމުރުން ދުވަސްވުމާއި އެކު އަޑު އިވުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ސައިންސްވެރިން ހޯދި ހޯދުންތަކުގެ އަލީގައިވާ ބައެއް ކަންކަން ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެކެވެ. މި ވީޑިއޯގައި އެކި އުމުރުތަކުގައި އިވޭ އަޑުތައް ފާހަގަކޮށްދީފައި ވެއެވެ. ނަމަވެސް ވީޑިއޯގައި ހިމަނާފައިވާ އަޑުތަކާއި އެ އަޑުތައް އިވޭކަމަށް ބެލެވޭ އުމުރަކީ ނިސްބަތުން އެންމެ ގިނަ ބަޔަކަށް އަޑުއިވުމުގެ ތަފާތުތައް އަންނަ ގޮތަށް ބަލާފައި އެކުލަވާލާފައިވާ އުމުރުތަކެވެ.

ހޯދުންތަކުން އެނގޭގޮތުގައި، ހަށިގަނޑުގެ އެހެން މުޙިންމު ގުނަވަންތަކާއި ޚިލާފަށް ކަންފަތުގެ އެންމެ އެތެރޭގައިވާ ބައިތައް ނުވަތަ އަޑު އެހުމުގެ ހިއްސާއި ގުޅޭ ޚާއްސަ ސެލްތައް އަލުން އިޔާދަކުރުމުގެ ބާރެއް ހަށިގަނޑަށް ލިބިގެންނެއް ނުވެއެވެ. "ހެއާސެލް"ގެ ނަމުން ނަންދެވިފައިވާ މި ސެލްތަކަކީ އެކި ފްރީކްއެންސީތަކުގައި އަންނަ އަޑުތައް އިއްވައިދިނުމަށް އެހީތެރިވާ ސެލްތަކެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް މި ސެލްތައް ބަލިވެ ހަލާކުވާން ދިމާވެއެވެ. މިކަމުގެ ސަބަބުން އުމުރުން ދުވަސްވާ ވަރަކަށް އަޑުތައް އިވޭ މިންވަރަށް ބަދަލު އާދެއެވެ.

ދިރާސާތަކުން ހާމަވާގޮތުގައި އެންމެ ފުރަތަމަ ހަލާކުވެ ނެތިގެންދާނީ މަތީ ފްރީކްއެންސީތަކުގެ އަޑުތައް ދެނެގަންނަ ސެލްތަކެވެ. ޒުވާން އުމުރުގައިވެސް ބައެއް މަތީ ފްރީކްއެންސީތަކުގެ އަޑުތައް ނީވެން ދިމާވާ ސަބަބަކީ މިއީއެވެ. މި ސެލްތައް ހުންނަނީ މިފަދަ ސެލްތައް ތަރުތީބު ކުރެވިފައިވާ ގޮތުން އެންމެ ބޭރުގައެވެ. އެހެންކަމުން ކޮންމެ އަޑެއް ކަންފަތާއި ހަމައަށް ވާސިލުވީނަމަވެސް، އެ އަޑުތައް ފުރަތަމަ ހުންނަ ހުރިހާ ސެލްއެއް ގިރާ ކުރާނެއެވެ. މިގޮތުގައި ގިނަ ދުވަސްވާ ވަރަކަށް ސެލްތަކަށް ގެއްލުން ލިބެއެވެ. ޒުވާން އުމުރުގައިވެސް ބައެއް ފްރީކްއެންސީތަކުގައި އަޑު ނީވޭ ސަބަބަކީ މިއީއެވެ.