ކައިވެނީގެ ގުޅުމުން ދެމީހަކު ގުޅޭނީ ފޮނި އުންމީދުތަކާއި އެކު އުފާވެރި ހަޔާތެއް ހޭދަކުރުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާއިރު، އެކަން ތަފާތު އެކި ގޮތްގޮތަށް ކުރަމުން އަންނަ މީހުންނާއި ދިމާވެއެވެ. މިއީވެސް އެފަދަ "ކައިވެންޏެއް"ގެ ވާހަކައެވެ. ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވައިގެން އަންހެނަކު، ބިރުވެރި ސިފައެއްގައި ހުރި ބުދަކާއި އަންހެނަކު ކައިވެނިކުރި މި ހާދިސާ ގިނަ ބައެއްގެ ސަމާލުކަމަށް މިހާރު ވަނީ އައިސްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާގެ އަވަށެއް ކަމަށްވާ ޓިވާޓަންގައި ހިނގި މި ހާދިސާގައި އުމުރުން 20 އަހަރުގެ ފެލިސިޓީ ކަޑްލެކް ނަމަކަށްކިޔާ އަންހެނަކު ބުދަކާއި ކައިވެނިކުރި ހަފްލާ މިހާރު މީޑިއާގެ ސަމާލުކަމަށް ވެސް އައިސްފައިވާއިރު، އޭނާ ބުނެފައިވަނީ އޭނާ ކައިވެނިކުރީ ކެލީ ރޯސީ ނަމަކަށްކިޔާ "ޒޯމްބީ" ބުދަކާއި ކަމަށެވެ.

ކަޑްލެކް ބުނެފައިވާ ގޮތުގައި އޭނާ ކައިވެނިކުރި ކެލީގެ އުމުރަކީ 37 އަހަރެވެ. އަދި ކެލީއާއި އޭނާ ކައިވެނި ކުރީ ބުދާއި އެކު އުފާވެރި ދިރިއުޅުމެއްގައި އުޅުމުގެ އުންމީދުގައި ކަމަށް އޭނާ ބުނެއެވެ. ހަތަރު މީހަކާއި އަށް ބުދު ބައިވެރިކޮށްގެން ކުރިޔަށްގެންދިޔަ މި ކައިވެނީގެ ހަފްލާއަށް ކަޑްލެކް ވަނީ 400 އެއްހައި ޕައުންޑު ހޭދަކޮށްފައެވެ.

"އަހަރެމެންގެ ކައިވެނީގެ ހަފްލާ ވަރަށް ފުރިހަމަ ވެފައި ރީތި. އަހަރެން މިހިރީ ކެލީ އާއި ކައިވެނި ކުރެވުމުން ވަރަށް އުފަލުން. މިއީ އަހަރެން ކުރަމުން އައި އުންމީދުގެ ނިމުން،" ކަޑްލެކް ބުނެފައި ވެއެވެ.

ކަޑްލެކް ބުނެފައިވާގޮތުގައި އޭނާ ކެލީ އާއި އެކު ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ހަތަރު ވަރަކަށް އަހަރު ވަނީ ވެފައެވެ. އަދި ކެލީ އާއި ކައިވެނި ކުރީ ކައިވެނި ކުރުމުގެ ކަންކަން އޮންނަ ގޮތަށް ރަސްމީކޮށް ކަމަށާއި، އެހެންކަމުން ކައިވެންޏާއި މެދު ހިތްހަމަ ޖެހޭ ކަމަށް ކަޑްލެކް ބުނެފައި ވެއެވެ. އޭނާ ބުނާގޮތުގައި ކެލީ އާއި ކައިވެނި ކުރެވުމުން އެ ގުޅުން އިތުރަށް ވަނީ ވަރުގަދަ ވެގެން ގޮސްފައެވެ.

ކަޑްލެކް އާއި ގުޅޭގޮތުން އޭނާ ދަންނަ ފަރާތްތަކުން ނޫސްތަކުގައި ބުނެފައިވަނީ، އޭނާ އަކީ ބިރުވެރި ފިލްމުތައް ބަލަން ވަރަށް ބޮޑަށް ދެވިހިފާފައި ހުރި އަންހެނެއް ކަމަށެވެ. ބިރުވެރި ސިފައެއްގައި ހުރި ބުދަކާއި އޭނާ ކައިވެނި ކުރި ސަބަބަކީ އެއީ ކަމަށް އެފަރާތްތަކުން ބުނެއެވެ. ކަޑްލެކްގެ މި އަމަލާއި ގުޅިގެން ގިނަ ބައެއްގެ މަލާމާތް އޭނާއަށް އަމާޒުވެގެން ގޮސްފައިވާއިރު، އެފަރާތްތަކުން ބުނަމުންދަނީ ބިރުވެރި ފިލްމުތައް މާ ގިނައިން ބަލާތީ ކަޑްލެކް ވަނީ ދުނިޔެއިން މޮޔަވެފައި ކަމަށެވެ. އަދި އޭނާ ބޭއްވި ކައިވެނީގެ ހަފްލާއަކީ އެކަން ސާބިތުވެގެން ދިޔަ ކަމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.

އެމެރިކާގައި މީގެ ކުރިންވެސް މިފަދަ "ކައިވެނި"ތައް ކޮށްފައިވެއެވެ. އެގޮތުން މީގެ ކުރިން އަންހެނަކު ގަހަކާއި ކައިވެނިކޮށްފައިވާއިރު، އެހެން މީހަކު ވަނީ އޭނާގެ އަމިއްލަ ނަފްސާއި ކައިވެނިކޮށްފައިވާކަން އިއުލާނުކޮށްފައެވެ. މީގެ އިތުރުން ޖިންނީންނާއި ކައިވެނިކުރުމަށް ކަމަށް ބުނެވެސް އެޤައުމުގައި ބައެއް މީހުން ކައިވެނީގެ ހަފްލާތައް ކުރިން ބާއްވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގ

    މޮޔައިންވެސް އުޅޭ ..މިވަރެއްނެތް

  2. ޤައުމު

    މޮޔަ ޤައުމެއްގައި އުޅޭނީވެސް މޮޔައިބް.