އިނގިރޭސިވިލާތުގެ ދެމަފިރިއަކު އެމީހުންގެ ތިން އަހަރުގެ އަންހެން ދަރިފުޅާއި އެކު ރާއްޖެއަށް ކުރި އުފާވެރި ޗުއްޓީ ދަތުރު ނިންމާލަން އުޅެނިކޮށް ދަރިފުޅު ބަލިވެ އެންމެ ފަހުން ދަރިފުޅު މަރުވުމުން އާއިލާ އަށް ވަރަށް ފުންހިތާމައެއް ލިބިއްޖެއެވެ.

މިހާދިސާ ހިނގީ މިދިޔަ އަހަރުގެ މާޗް މަހު އެވެ. ނަމަވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުގެ ސަމާލުކަމަށް މިހާދިސާ އިއްޔެ އައީ އަވާ އަކާސް ނަމަކަށް ކިޔާ އެކުއްޖާގެ ހަނދާނުގައި އާއިލާ އިން ކުރިއަށް ގެންދާ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާގެ މަސައްކަތްތަކުގެ ސަބަބުންނެވެ.

ޕިލް އާއި ހެލީނާ އެމީހުން ދަރިފުޅާއި އެކު ޗުއްޓީއަށް ރާއްޖެ އައިސް ވަރަށް އުފާވެރި ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެނބުރި ދިއުމަށް އެއާޕޯޓަށް ދިޔައެވެ. އަވާ އޭނާގެ ގައުމަށް ގެންދާނެ ހަދިޔާއެއް ގަންނަން އެއާޕޯޓްގެ އެތެރޭގައި އުޅެނިކޮށް ކުއްލިއަކަށް ވެއްޓުނެވެ.

"ދަރިފުޅު ކުއްލިއަކަށް ވެއްޓުނީ ފިޓް ޖެހިގެން. އޭގެ ކުރިން އެފަދަ ކަމެއް އޭނާ އަށް ދިމައެއް ނުވޭ. އަހަރެމެން އެހީއަކަށް އެދި އެއާޕޯޓްގެ ތެރޭގައި ދުއްވައި ގަތިން. ވަރަށް އަވަހަށް މާލޭގެ ބޮޑު ހޮސްޕިޓަލަކަށް ދަރިފުޅު ގެންދެވުނު. އެހޮސްޕިޓަލްގައި ހަފްތާއެއްހާ ދުވަސް ވަންދެން ފަރުވާ ދެވުނު. ދަރިފުޅުގެ ހާލު ފެންނަ ފެނުމަށް އެއްކޮށް ރަނގަޅުވި. ނަމަވެސް އެމްއާރްއެމްގެ ނަތީޖާ އިން ދެއްކީ ސިކުނޑިއަށް ގެއްލުން ވެފައިވާ ކަމަށް." ހެލީނާ ކިޔައިދިނެވެ.

އެހާ ހިސާބުން އިންޝްއަރެންސް ކުންފިނިން ޗާޓަރު ކުރި ޕްރައިވެޓް ޖެޓެއްގައި އެމީހުން ދިޔައީ ބެންކޮކަށެވެ. ބެންކޮކްގައި ފަރުވާ ދިނުމަށް ފަހު ޑޮކްޓަރު ލަފާ ދިނީ އިނގިރޭސިވިލާތައް ކުއްޖާ ގެންދިއުމަށެވެ.

އިނގިރޭސިވިލާތައް ގެންގޮސް ހޮސްޕިޓަލާއި ހަމައަށް ދެވުނު ނަމަވެސް ގިނަ އިރުތަކެއް ނުވެ އަވާ ވަނީ މަރުވެފައެވެ.

މިހާރު އަވާގެ މައިންބަފައިން މަސައްކަތް ކުރަމުން ގެންދަނީ މިފަދަ ސިއްހީ ކުއްލި މައްސަލައެއް ދިމާވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަރުގަދަ ފަންޑެއް އުފެއްދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރިފާ

    އިންޝިއުރަސްގެ ފަރާތުން ޕްރިވެޓް ޖެޓް ފޮނުވާލަނި، ރާއްޖޭގެ އިންޝިއުރަން ކޮންޕެނީތަކުން ފެނިގެން ދަނީ އަވަހަށް ބޯ ދަމައި ގަނެވޭތޯ

    55
    • ހަސަނު

      ތިހެންވެ އެޖެންޑާ 19 އަށް ވޯޓް ދޭންވީ

      12
      23
      • ވިސްނޭ

        އެޖެންޑާ 19 ލައިގެން ނުވާނެ އެއްކަމެއްވެސް..ތީ އަންނި ގެ 19

        12
        7