ކޮންމެ މީހަކަށްމެ ނިދި ބޭނުންވެއެވެ. ހަމަ ނިދި ނުލިބިއްޖެ ނަމަ އެކަމުގެ ސަބަބުން އެތައް އުނދަގުލެއް ކުރިމަތިވާއިރު، ސިއްހީ ނުރައްކާތަކާއި ވެސް ކުރިމަތިވެއެވެ. ނަމަވެސް މިއީ ތަފާތު ވާހަކައެކެވެ. ދިމާވެފައިވާ ހާލަތެއްގެ ސަބަބުން ޅަ އުމުރުން ފަށައިގެން ހަމަ ނިދި ހޯދުމަށް އެތައް ވޭނެއް ތަޙައްމަލްކުރަމުންދާ ކުއްޖެއްގެ ވާހަކައެވެ.

އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 21 އަހަރުގެ ރޮދާ ރޮޑްރިގުއޭޒް ނަމަަށް ކިޔާ އަންހެނަކު ތިން ހަފްތާ ވަންދެން ނިދައިފިއެވެ. އޭނާއަށް ޖެހިފައި ހުންނަ ބައްޔެއްގެ ސަބަބުން އޭނާ ތިން ހަފްތާ ވަންދެން ނިދުމުގެ ސަބަބުން އޭނާ ކިޔަވަމުންދިޔަ ޔުނިވާސިޓީގައި ހަދަން ޖެހޭ އިމްތިހާނުތަކާއި އެނޫންވެސް ގިނަ ކަންކަން ވަނީ ނުކުރެވި ވަގުތު ފާއިތުވެގެން ގޮސްފައެވެ.

ކުޑައިރުވެސް އޭނާއަށް ދިޔައީ މި ހާލަތު ކުރިމަތިވަމުންނެވެ. މާގިނައިން ނިދި އައުމާއި، ނިދުމަށްފަހު ފަސޭހައިން ހޭނުލެވުމަކީ ކުރިންވެސް އޭނާއަށް ދިމާވަމުންދިޔަ ހާލަތެކެވެ. އެއިރު، އޭނާގެ ބައްޔަކީ ހައިޕަ-އިންސޯމްނިއާ ކަމަށް ޑޮކްޓަރުން ބުނި ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި އޭނާއަށް ޖެހިފައިވަނީ ކްލެއިން-ލެވިން ސިންޑްރޯމް ނަމަކަށްކިޔާ ބައްޔެއްކަން ވަނީ ހާމަވެގެން ގޮސްފައެވެ.

ކުޑައިރުން ފެށިގެން ޖެހިފައިވާ މި ބަލީގެ ސަބަބުން އޭނާއަށް ނިދި ހަމަކުރުމަށްވެސް ބައެއް ފަހަރަށް ހުރަސް އެޅެއެވެ. ގިނަ އިރު ވަންދެން ނުނިދިއްޖެ ނަމަ އޭނާއަށް ހަމަ ނިދި ނުލިބުމުން އާންމު އެހެން ފަރާތްތަކަށް ދިމާވާ މައްސަލަތައް ދިމާވެއެވެ. އެހެންކަމުން އޭނާ ގިނަ ވަގުތުތައް އޭރުވެސް ހޭދަކުރަމުން އައި ނިދުމަށެވެ. މި ސަބަބަށްޓަކައި އެކުގައި ކިޔަވާ ކުދިންނާއި ދަންނަ ގިނަ ބަޔަކު އޭނާއަށް މަލާމާތްކޮށް ފުރައްސާރަ ކުރުމުގެ ގޮތުން އޭނާއަކީ "އެންމެ ކަންނެތް" މީހާގެ ގޮތުގައި ދިޔައީ ސިފަ ކުރަމުންނެވެ. އަދި އަނެއް ބަޔަކު ބުނަމުން ދިޔައީ އޭނާ އެއީ "ސްލީޕިންގ ބިއުޓީ" ކަމަށެވެ.

ރޯދާ ބުނީ، އޭނާ ނިދާފައި އޮންނަ ވަގުތުތަކުގައި މުހިންމު އެތައް ކަމެއް "މިސް" ވެފައިވާނެ ކަމަށެވެ. އަދި ހޭލާއިރު، ހަފްތާއެއްހާ ދުވަސް ވަންދެން ނިދިފައި އޮތްކަންވެސް އެނގިގެން ދާއިރު އެއީ ވަރަށް ބޮޑަށް ކަންބޮޑޫވެ ދެރަވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ. މި ކަމުގެ ސަބަބުން ކުޑައިރު ރަހުމަތްތެރީންނާއި އެކު ވަގުތު ހޭދަކޮށްލުމާއި ކިޔެވުމަށް ވަގުތު ހުސްކުރުމަށްވެސް އޭނާއަށް ވަނީ ނުކުޅެދިފައި ކަމަށް ރޯދާ ބުނެފައި ވެއެވެ.

ރޯދާއަށް ދިމާވެފައިވާ ހާލަތަކީ ރަނގަޅު ކުރެވޭނެ ހާލަތެއް ކަމުގައި ޑޮކްޓަރުން ބުނެއެވެ. އާއްމު ގޮތެއްގައި މި ހާލަތު މެދުވެރިވަނީ ކުޑަކުދިންނާއި، ބޮޑުވަމުން އަންނަ ކުދިންނަށެވެ. އެހެންކަމުން ރޯދާ ހުރީ، ދިރިއުޅުމުގެ ބޮޑުބައި ނިދުމުގައި ބޭކާރުވެދިއުމުގެ ކުރިން މި ހާލަތުން އަރައިގަނެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.

ކިޔުންތެރިންގެ ހިޔާލު