ހަޤީޤީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ އަދި ލީޑު ރޯލުން އަޖޭ ދޭވްގަން ފެނިގެންދާ "ރެއިޑް" އަށް ފުރަތަމަ ހަފްތާގެ ތެރޭގައިވެސް ބޮޑު ކާމިޔާބެއް ލިބިއްޖެއެވެ.

މި މަހުގެ 16 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި މި ފިލްމަށް ފުރަތަމަ ހަފްތާގެ ތެރޭގައިވެސް 41 ކުރޯޑު އިންޑިޔަން ރުޕީސް ލިބިފައިވާއިރު، މި ފިލްމު ދަނީ އަކްޝޭ ކުމާރުގެ "ޕެޑްމޭން" ގެ ރިކޯޑުތައް މުގުރަމުންކަމަށް ބޮލީވުޑު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގައި ދައްކުވައިދެނީ 1981 ވަނަ އަހަރެވެ. ފިލްމުގައި ކޮރަޕްޓް ސިޔާސީ ފަރާތްތަކެއްގެ ފަތިފުށް ހާމަކޮށް، ފަޤީރުންނަށް އެހީވާ އިންކަމް ޓެކްސް އޮފިސަރެއް ފެނިގެންދާއިރު، އެރޯލުން ފެނިގެންދަނީ އަޖޭ އެވެ.

މިއީ އަނެއްކާވެސް އަޖޭގެ "ސްޓައިލް" ފެނިގެންދާ ފިލްމަކަށް ވާއިރު، ރެއިޑުގެ އެހެން މުޙިއްމު ރޯލުތަކުން އިލިއާނާ ޑި ކްރޫޒް އާއި ސޯރަބް ޝުކުލާވެސް ފެނިގެންދެއެވެ.

ފިލްމު ރެއިޑް ޑައިރެކްޓް ކޮށްފައިވަނީ ރާޖު ކުމާރު ގުޕްތާ އެވެ. އެއީ، "ނޯ ވަން ކިލްޑް ޖެސިކާ" އަދި "އާމިރު" ވެސް ޑައިރެކްޓް ކޮށްފައިވާ ފަރާތެވެ.