ކަރަން ޖޯހަރު ޕްރޮޑިއުސްކޮށް، ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ފިލްމު "ސިމްބާ" ގައި އަންހެން ލީޑު ރޯލުން ފެނިގެންދާނީ، ސައިފް އަލީ ޚާނުގެ ދަރިފުޅު، ސާރާ އަލީ ޚާންކަން ހާމަކޮށްފިއެވެ.

މި ފިލްމުގައި ފިރިހެން ލީޑެއްގެ ގޮތުގައި، މިހާރު ބޮލީވުޑުގައި އެންމެ ނަން ހިނގާ ރަންވީރު ސިންގުވަނީ ހަމަޖައްސާފައެވެ. ރަންވީރާއެކު ސަރާ ފެނިގެންދާއިރު، މިއީ ސަރާގެ ފުރަތަމަ ފިލްމެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު، ސިނަމާތަކުގައި ސިމްބާ އެޅުވުމަށް ނިންމާފައިވާއިރު، މި ފިލްމުގައި ރަންވީރު ފެނިގެންދަނީ ވަރުގަދަ ފުލުސް އޮފިސަރެއްގެ ރޯލުންނެވެ. އަދި، އޭނާ ފުލުސް ޔުނީފޯމުގައި ހުއްޓާ ފެންނަ ޕޯސްޓަރެއް، މިހާރު އާއްމުކޮށްފައިވެސްވެއެވެ.

ސިމްބާ އިން އައު ތަރިއެއް ބޮލީވުޑަށް ތަޢާރަފުކުރުމަށް ތައްޔާރުވަމުންދާއިރު، ސާރާއަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދޭނެކަމަށް، އޭނާގެ ބައްޕަ ސައިފުވަނީ މީގެކުރިން ބުނެފައެވެ. އެހެންނަމަވެސް، ދުވަހަކުވެސް ސަރާ ފިލްމި ކުޅޭނެކަމަށް ހީވެސްނުކުރާކަމަށްވެސް ސައިފު ބުނެފައިވެއެވެ.

މިއީ ކަރަން އާއި ރޯހިތުވެސް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.