އިންޑިއާގެ ގުޖުރާތުގައި ޕަބްޖީ ކުޅެގެން އެ ސްޓޭޓުގެ ޔުނިވާސިޓީއެއްގައި ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންތަކެއް ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ އެންޑީޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މޯބައިލް ގޭމް، ޕަބްޖީ ކުޅެގެން ޖުމްލަ ދިހަ ކުދިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގާފައި ވަނީ، ޕަބްޖީއަކީ މިހާރު ކޮންމެ ގެއަކަށް ދިމާވެފައިވާ ބޮޑު ނުރައްކަލެއް ކަމަށް އެޤައުމުގެ އިސް މިނިސްޓަރަކު ބުނިތާ ގިނަ ދުވަހެއް ނުވަނީސް، މީގެ ހަފްތާއެއްހައި ދުވަސް ކުރިން ކަމަށް އެންޑީޓީވީން ބުނެއެވެ.

އިންޑިއާގައި ޕަބްޖީ ކުޅުން މަނާ ކުރުމަށް އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ތައްޔާރުވަމުންދާކަމުގެ އަޑުތަކެއް މީގެ ކުރިން ފެތުރިފައި ވެއެވެ. އެހެން ނަމަވެސް އެއީ ހަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް ކުރިން އެޤައުމުގެ ބައެއް ނޫސްތަކުން ބުނެފައި ވެއެވެ. ނޫސްތަކުން ބުނާގޮތުގައި، އިންޑިއާގައި ޕަބްޖީ ކުޅުން މަނާކުރަނީ އެ ގޭމުގައި ކުރާ ކަންކަމާއި އޭގައި ގެންގުޅޭ ބަހުރުވައިގެ ސަބަބުން ކުދިންގެ އުޅުމަށް ނޭދެވޭ ބަދަލު އަންނަ ކަމަށް ބުނެއެވެ.

ޕަބްޖީ ކުޅެގެން ގުޖުރާތުން ހައްޔަރުކުރި ދިހަ ދަރިވަރުންނާއި ގުޅޭ މައުލޫމާތެއް ނޫސްތަކުގައި ހާމަކޮށްފައި ނުވާއިރު، އެ ކުދިން ކަފާލާތުގެ ދަށުން މިނިވަން ކޮށްފައިވާ ކަމަށް އެންޑީޓީވީން ބުނެއެވެ. އެކުދިން ފުލުހުންގެ ހައްޔަރުން ދޫކޮށްލާފައި ވަނީ، ހައްޔަރުކުރިތާ މާގިނައިރެއް ނުވަނީސް ކަމަށް ވެއެވެ.

ސަތޭކަ މިލިއަނަށްވުރެ ގިނަ ފަހަރު ޑައުންލޯޑްކޮށްފައިވާ މަޝްހޫރު ޕަބްޖީ ގޭމް ކުޅެގެން މިއީ މިހާތަނަށް ބަޔަކާއި މެދު ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. އިންޑިއާގެ މިނިސްޓަރަކު ޕަބްޖީ އާއި ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވާއިރު، އަންހެނަކު އޭނާގެ ދަރިފުޅު ޕަބްޖީއަށް ދެވިހިފާފައިވާ މިންވަރު ހާމަކޮށް ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށްބުނާ ވާހަކަތަކެއްވެސް ވަނީ ފެތުރިފައެވެ.