ފަސޭހައިން އަދާކުރެވޭ، އެހެނަސް ބޮޑު އުޖޫރައެއް ލިބޭ ވަޒީފާއެއް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ނަމަވެސް އެއީ ވަރަށް މަދު ބަޔަކަށް ލިބޭ ނަސީބެއް ނޫނެވެ. އަރާމުގައި އުޅެމުން ތަނަވަސްކަން ހޯދާ ވާހަކައަކީ އާ ވާހަކައަކަށް ނުވާއިރު، އެފަދަ ފުރުސަތަކަށް ބަލަބަލައި ތިބޭ ފަރާތްތަކަށް މިއީ އުފާވެރި ޚަބަރަކަށް ވާނެއެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ހުޅުވާލި ފުރުސަތެއްގައި އެ އިދާރާއިން މި ވަނީ، ފަސޭހަކަމާއެކު އަރާމުކަންމަތީ ފައިސާ ހޯދޭނެ ޕްރޮގްރާމެއް އިއުލާނުކޮށްފައެވެ. ނާސާގެ ޚާއްސަ ތަހުލީލުތަކެއް ކުރިޔަށް ގެންދިއުމުގެ ބޭނުމުގައި ހުޅުވާލި މި ފުރުސަތަކީ ދެމަސް ދުވަހުގެ ފުރުސަތެކެވެ. އަދި އެކަމަށް ގިނަ ޢަދަދެއްގެ ބަޔަކު ހޯދަމުންދާ ކަމަށް ވެސް ނާސާއިން ވަނީ ބުނެފައެވެ. މި ޕްރޮގްރާމުގައި ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް ނާސާއިން ވަނީ ތިންލައްކަ އާއި ގާތްކުރާ އަދަދެއްގެ އުޖޫރައެއް ދިނުމަށް ނިންމާފައެވެ.

ޔޫރަޕިއަން ސްޕޭސް އޭޖެންސީ އާއި ގުޅިގެން ޖާމަން އެއިރޯސްޕޭސް ސެންޓަރުގައި ކުރިޔަށްގެންދާ މިޕްރޮގްރާމުގައި ބައިވެރިވުމަށް މާބޮޑު ތަމްރީނަކާއި ތަޖުރިބާއެއް ބޭނުމެއް ނުވެއެވެ. ނަމަވެސް ޖާމަނީ ބަހުން ވާހަކަ ދައްކަން ދަސްވެފައި ވުމަކީ މި ފުރުސަތު ދިނުމުގައި އިސްކަންދޭނެ ކަމެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި ނާސާއިން ދަނީ މި ޕްރޮގްރާމުހައި ބައިވެރިކުރުމަށް 24 ވޮލެންޓިއަރުން ހޯދަމުންނެވެ. އެފަރާތްތަކުން ކުރަން ޖެހޭ މަސައްކަތަކީ، ނާސާއިން ކަނޑައަޅާފައިވާ ވަކި ސެންޓަރެއްގައި ތައްޔާރުކޮށްފައިވާ ޚާއްސަ އާލާތެއްގެ ތެރޭގައި ދެމަސް ދުވަސް ހޭދަކުރުމެވެ. ހުރިހާ ބޭނުންތައް އޭގެތެރެއިން ފުއްދޭގޮތަށް ފަރުމާކޮށްފައިވާ އެ އާލާތަކީ ޖައްވީ ކުޑަ އުޅަނދެއްގެ ފަރުމާއެކެވެ.

އޮފިޝަލުން ބުނެފައިވާގޮތުގައި އެ އުޅަނދުގެ ތެރެއިން ބައިވެރިންނަށް ގިނަ ޚިދުމަތްތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ޓީވީ އާއި އިންޓަނެޓުގެ ޚިދުމަތް ލިބޭއިރު ފޮތްތައް ކިޔާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެހެންކަމުން ދެ މަސްދުވަހުގެ މުއްދަތު އެ އުޅަނދުގައި ބޭނުން ގޮތަކަށް ހޭދަކުރުމުގެ އިޚްތިޔާރު ބައިވެރިންނަށް ވަނީ ދީފައެވެ. މި ޕްރޮގްރާމް ހިންގާ ފަރާތްތަކުން ވަނީ ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާ ފަރާތްތަކުން މި ދުވަސްތަކުގައި އޮންލައިން ކޯސްތަކުގައި ބައިވެރިވުމަށް ހިޔާލު ހުށަހަޅާފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ނާސާއިން އަންނަ މެއި މަހުގެ 24 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު، ޓެސްޓުތައް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.

މި ޕްރޮގްރާމަކީ ގިނަ ދުވަސްތަކެއް ވަންދެން ދުނިޔޭގެ ވައިގެ ފަށަލަތަކުން ބޭރުން ޖައްވުގެ ދުރު ހިސާބުތަކަށް ކުރިޔަށް އޮތްތަނުގައި އެސްޓްރޮނޯޓުން ފޮނުވުމުގެ ކުރީން، އެފަދަ މާހައުލެއްގައި އިންސާނުންގެ ހަށިގަނޑަށް އައިސްދާނެ ބަދަލުތަކާއި އެކަމުން ކުރާ އަސަރު ދެނެގަތުމަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ.