މެކްސިކޯގެ އައްސޭރީގައި އޮންނަ ލޮސް ކަބޯސް ކައިރިން ކަނޑުގެ ސަރަޙައްދުން އާދަޔާއި ޚިލާފު މަހެއް ބާނައިފިއެވެ.

ލޮސް ކަބޯސްގެ މަސްވެރިންތަކެއް މިދިިޔަ އަންގާރަ ދުވަހު ބާނާފައިވާ މި މަހުގެ ފޮޓޯތައް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެތައް ބައެއްގެ ނަޒަރު އެ ފޮޓޯތަކަށް ވަނީ ހުއްޓިފައެވެ.

މި މަސް ފެނުމާއި ގުޅިގެން ކަނޑުގެ ދިރުންތަކާއި ބެހޭ ދިރާސާތައް ކުރާ ޚާއްސަ ގްރޫޕަކުން އެއާއި ގުޅޭ ހޯދުންތައް ވަނީ ހޯދާފައެވެ. އެފަރާތްތަކަށް ވެސް އެއީ ކޮން ވައްތަރެއްގެ މަހެއްކަން ބުނަން ނޭނގުނުއިރު، ބައެއް ދިރާސާވެރިން ބުނެފައިވަނީ އެއީ މޫދުގެ އެންމެ އަޑީގައި އުޅޭ މިޔަރުގެ ވައްތަރެއް ކަމަށް ވެދާނެ ކަމަށެވެ.

މީގެ ކުރިން ފެނިފައިނުވާ، އާދަޔާއި ޚިލާފަ ބޮޑު މިވައްތަރުގެ މަސް އެ ސަރަޙައްދުގައި އިތުރަށް އުޅެދާނެ ކަމަށް ބެލެވިފައިވާތީ ދިރާސާވެރިން ވަނީ އެކަމާއި ގުޅޭ އިތުރު ހޯދުންތަކެއް ހޯދުމަށް ނިންމާފައެވެ. އެފަރާތްތަކުން ބުނެފައިވަނީ މި ބާވަތުގެ މަހަކީ ދުނިޔޭގައި ވަރަށް މަދުން ނޫނީ އުޅޭނެ މަހެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންކަމުން އެ ވައްތަރުގެ މަސްތައް އުޅޭ ސަރަޙައްދެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ލޮސް ކަބޯސް އިން މި މަސް ބޭނި ފަރާތްތަކުން ވަނީ، ފަހުސް އެ މަސް ކަނޑަށް ދޫކޮށްލާފައެވެ.

މީގެ ކުރިން ފެނިފައިނުވާ ގިނަ ދިރުންތައް ކަނޑުގެ އެކި ސަރަޙައްދުތަކުން މަސްވެރިންނަށް ކުރިންވެސް ފެނިފައި ވެއެވެ. ސައިންސްވެރިން ބުނާގޮތުގައި އިންސާނުންނަށް ކުރިން ފެނިފައިނުވާ އެތައް ހާސް ވައްތަރެއްގެ ދިރުމެއް ކަނޑުގެ އަޑީގައި އަދިވެސް އުޅޭނެއެވެ. އެހެންކަމުން އާ ވައްތަރެއްގެ ދިރުމެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.

މި މަސް ފެނުނު ލޮސް ކަބޯސް އިން 2012 ވަނަ އަހަރުވެސް އާދަޔާއި ޚިލާފު، ކުރިން އެއްވެސް މީހަކު ނުދެކޭ ވައްތެރެއްގެ މަހެއް ބާނާފައި ވެއެވެ.