މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި "އައިބީއެމް" އިން ދުނިޔޭގެ އެންމެ ކުޑަ ކޮމްޕިއުޓަރު އުފައްދައި، ދުނިޔެއަށް ދައްކާލައިފިއެވެ.

"ތިންކް 2018" ކޮންފަރެންސްގައި އައިބީއެމް އިން ދައްކާލި އެ ކޮމްޕިއުޓަރު އުފެއްދުމަށް ހަރަދުވަނީ އެންމެ 10 ސެންޓެވެ. އެ ކޮމްޕިއުޓަރުގެ ދިގުމިނުގައި އަދި ފުޅާމިނުގައިވެސް ހުންނަނީ އެންމެ މިލިމީޓަރެކެވެ. އަދި އޭގައި އެއް މިލިއަން ޓްރާންސިސްޓަރު ހުރެއެވެ.

އައިބީއެމް އިން ބުނީ އަލަށް ދައްކާލި އެ ކުޑަ ކޮމްޕިއުޓަރުގައި 1990ގެ އަހަރުތަކުގައި ނެރުނު ކޮމްޕިޓަރުތަކުގެ ބާރު ހުންނާނެ ކަމަށެވެ. މިއީ ކުޑަ ލޮނު ކޮޅެއް ނުވަތަ ވެލި ކޮޅެއް ވަރުވާ ކޮމްޕިއުޓަރަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުވަރު ކަމަށް މާހިރުން ބުނެއެވެ.

އެކުންފުނިން އިތުރަށް ބުނީ މި ކުޑަ ކޮމްޕިއުޓަރުތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކުޑަ އިލެކްޓްރޯނިކް އާލާތްތަކުގައި ބޭނުން ކުރާ އިރު ޓްރެކިން އަދި ޝިޕިންގައިވެސް އެ ކޮމްޕިއުޓަރުތައް ބޭނުން ކުރާނެ ކަމަށެވެ.

އޭގެ ކޮމްޕިއުޓަރުތަކެއް ޗިޕެއްގައި ހަރުކޮށްފައި ސައިންސުވެރިއެއްގެ އިނގިލިމަތީގައި ބާއްވާފައި ހުރިތަން ފެންނަ ފޮޓޯއެއް އައިބީއެމް އިން ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯއިންވެސް އެ ކޮމްޕިއުޓަރުތަކުގެ ކުޑަކަން ހާމަވެގެން ދެއެވެ.

ދުނިޔޭގެ އެންމެ ކުޑަ ކޮމްޕިއުޓަރު އާންމުންނަށް ދައްކާލާފައިވާއިރު ގިނަ ފަރާތްތަކުން ދަނީ ޓެކްނޮލޮޖީ ކުރިއަރައިދާ ބާރުމިނާމެދު ހައިރާންކަން ފާޅު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު