އުމުރު ދުވަހު ހޯދި ހުރިހައި މިދަލަކާއި ދިރިއުޅެމުންދިޔަ ގެ ވިއްކާލުމަށްފަހު ދުނިޔެ ދެކިލުމުގެ އުންމީދުގައި ބޯޓެއް ގަނެގެން ދަތުރުފެށި ދެމަފިރިން، ދަތުރު ފެށިތާ މާގިނަ ދުވަހެއް ނުވެ ބޯޓު އަޑިއަށްގޮސް ހާލުގައި ޖެހިއްޖެއެވެ.

އުމުރުން 26 އަހަރުގެ ޓޭނަރ ބްރޯޑްވެލް އާއި އޭނާގެ އުމުރުން 24 އަހަރުގެ އަނބިމީހާ ނިކީ ވޯލްޝް، އެމީހުންގެ ހުރިހާ މުދަލެއް ވިއްކާލުމަށްފަހު ދުނިޔެ ދެކިލަން ދަތުރު ފެށުމަށް ނިންމީ މިދިޔަ އަހަރުގައެވެ. އެއާއި އެކު އެމީހުން އުމުރު ދުވަހު ހޯދި ތަކެތި ވިއްކާލުމުގެ މަސައްކަތް ފެށިއިރު، އެންމެ ފަހުން ގެ ވިއްކާލީ މިއަހަރުގެ ކުރީކޮޅުގައެވެ. އަދި އެއަށްފަހު 28 ފޫޓުގެ ބޮޑު ބޯޓެއް ގަނެގެން ކަނޑުމަތީގައި ދިރިއުޅެން ފެށިއެވެ.

މީގެ ކުރިން ކަނޑު އުޅަނދު އެއްގޮތަކަށްވެސް ދުއްވާފައި ނުވާ، އެދި އެކަމުގެ ތަޖުރިބާއެއް ލިބިފައި ނެތް ބްރޯޑްވެލް ބުނެފައިވަނީ އެމީހުން ދަތުރުކުރި ބޯޓު އަޑިޔަށް ދިޔައީ މެކްސިކޯގެ ފަތުރުވެރި މަންޒިލަކަށް ދަތުރުކޮށްފައި ދަނިކޮށް، ގާގަނޑެއްގައި ޖެހި ބޯޓުގެ އަޑިން ބޮޑު ބައެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.

ދަތުރު ފެށިތާ ދެވަނައަށްވީ ދުވަހު މި ހާދިސާ ހިނގުމާއި އެކު އެމީހުން ބޯޓުން ބޭރަށް ފުންމާލަން ޖެހުނުއިރު، ސަލާމަތްކޮށްފައި ވަނީ އެ ސަރަޙައްދުން ދަތުރުކޮށްފައި ދިޔަ އެހެން ބޯޓަކުންނެވެ.

"އަހަންނަށް މިހާތަނަށް ލިބުނު ހުރިހައި އެއްޗެއް އެއީ. އެހުރިހާ އެއްޗެއް ގެއްލި ދިޔައީ އެންމެ ވިއްސަކަށް މިނެޓު ތެރޭގައި. އަހަރެން މިހުރީ ގޮތް ހުސްވެފައި،" ބްރޯޑްވެލް ބުނެފައި ވެއެވެ.

މި ހާދިސާގައި ބޯޓު އެއްކޮސް އަޑިއަށް ގޮސްފައިވާއިރު، އެތަނުން ބޯޓު ނަގައިގެން އަލުން ހެދުމަށް ބޯޓު ގަތް އަގު ހޭދަވާނެ ކަމަށް ބްރޯޑްވެލް ބުނެއެވެ. އެހެންކަމުން ބޯޓު ނެގުމުގެ ބޭނުމެއްވެސް ނެތްކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނެފައިވާގޮތުގައި، އެ ދެމަފިރިންގެ އަތުގައި މިހާރު އޮތީ އެންމެ 90 ޑޮލަރެވެ. އެހެންކަމުން މިހާރު ނިންމާފައި ވަނީ މައިންބަފައިންގެ ގާތަށް ގޮސް އަލުން ވަޒީފާއެއް ހޯދައިގެން ކުރިއަށް ދިއުމަށް ކަމަށް އޭނާ ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނުރަބޯ

    ބޯޓުގެ މައްސަލައެއް ނެތެވެ. މައްސަލައަކީ ނެވިނިޔަމިކަން ނުދަންނަ މީހަކު ކަނޑުއުޅަނދެއްގައި ދަތުރުކުރަން އުޅުމެވެ.

  2. ޖޮއްބެ

    އިށީންނާނެ ގަލެއްނެތީސް އުދުއްސައިގަނެވުނީމާ ދެން ވަރަށް ކަޑަވާނެ.....!!!

  3. މުއުމިން

    އަޅުގަނޑު ބުނެލަން ބޭނުމީ ދުނިޔެ މީ ކުރަން ޖެހޭ ކަންކަން ބަހަށްޓާފަ އުފާ ކުރަން އޮތް ތަނެއް ނޫން. ކޮންމެހެން ކުރަންޖެހޭ ކަންކަން އިންޝާﷲ ނިމުމުން ދެން އުފާ ކުރުމުގާވެސް އުސޫލެއް އަދި ހައްދެއްވޭ. އެންމެންވެސް އާޙިރަތުގެ ދާއިމީ އުފާ އިންޝާﷲ ލިބޭތޯ ވިިސްނާ މަސަތްކަތް ކުރަމާހިނގާށޭ. ދުނިޔެއަކީ މަދު ދުވަސް ކޮޅެއްގެ އިމުތިހާނެއް ކަން އިންޝާﷲ ހަނދާން ބަހައްޓަވާށޭ