ވަރަށް މަދުން ނޫނީ ނުފެންނަ ހުދު ކުލައިގެ ބޮޑު މަހެއް މެކްސިކޯގެ އައްސޭރިފަށުން ފެނިއްޖެއެވެ.

މި ބޮޑުމަސް ފެނިފައި ވަނީ ސްކޫބާ އިނިސްޓެކްޓަރެއް ކަމަށްވާ މެނުއެލް ގޮންޒަލެޒް އަށެވެ. އޭނާ ވަނީ ހުދުކުލައިގެ ބޮޑުމަސް ފެންނަ ވީޑިއޯއެއް ފޭސްބުކްގައި އާއްމު ކޮށްފައެވެ.

ބޮޑުމަސް ހުދުކުލައިގައި ހުންނަނީ ޖެނެޓިކް މައްސަލައެއްގެ ސަބަބުންނެވެ. ބޮޑުމަހުގެ އިތުރުން އެހެން ބައި ޖަނަވާރު ވެސް މިގޮތައް ބައެއް ފަހަރު ހުދުވެފައި ހުރެއެވެ. ޖެނެޓިކް މައްސަލައެއްގެ ސަބަބުން ބޮޑުމަސް ހުދުވުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންކަމުން މިބާވަތުގެ މަހެއް ފެންނަނީ ވެސް ވަރަށް މަދުންނެވެ.

ހުދުކުލައިގެ ބޮޑުމަހުގެ ވީޑިއޯ ކުރިން ގޮންޒަލެޒް ބުނީ އެފަދަ މަހެއް ފެނިދާނެ ކަމަށް އޭނާ ދުވަހަކު ވެސް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް މިއީ ދެކެން ވަރަށް ބޭނުންވި ހުވަފެނެއް ހަޤީޤަތަކަށް ވުން ކަމަށެވެ.

"އަހަރެންނަށް ބޮޑުމަސް ފެނުމުން އަހަރެންނަށް ގަބޫލުކުރަން ވެސް ދަތިވި އަހަރެން މިވަރަށް ދެކެން ބޭނުންވި ހުވަފެން މިގޮތައް ހަޤީޤަތަކަށް ވީކަމަށް." އޭނާ ބުންޏެވެ.

މެކްސިކޯގެ އައްސޭރި ފަށުން ކޮންމެ އަހަރަކު ވެސް ވަކި ދުވަސްވަރެއްގައި ވަރަށް ގިނައިން ބޮޑުމަސް ފެނެއެވެ. އެދުވަސްވަރު ބޮޑުމަސް ބެލުމަށް އެތައް ހާސް ބަޔަކު އެސަރަހައްދަށް ދަތުރު ވެސް ކުރެއެވެ.

2008 ވަނަ އަހަރު ކެލިފޯނިއާ ކައިރިން ހުދު ކުލައިގެ ބޮޑުމަހެއް ފެނުނެވެ. ސައިންސްވެރިން އެމަހަށް ދިން ނަމަކީ މިލްކް ގެލޮން އެވެ. 2016 ވަނަ އަހަރު ހަމަ އެމަސް އެސަރަހައްދުން އަނެއްކާވެސް ސައިންސްވެރިންނަށް ފެނިފައިވެއެވެ.