ޕްރިންސް ހެރީ އާއި މޭގަން މާކެލް ފުރަތަމަ ދަރިފުޅަށް އިންތިޒާރު ކުރަމުން އަންނައިރު މޭގަން ބަލިވެ އިން ޚަބަރު ލިބުމާއި އެކު ދެމަފިރިންނަށް ލިބޭނެ ދަރިއަކާއި ބެހޭ ގޮތުން އެކި ފަރާތްތަކުން އަންނަނީ ވާހަކަދައްކަމުންނެވެ. އެއްބަޔަކު ބުނާ ގޮތުން ހެރީ އާއި މޭގަން އަށް ލިބޭނީ އަންހެން ކުއްޖެކެވެ. އަނެއްބަޔަކު ބުނާ ގޮތުން އެދެމަފިރިންނަށް ލިބެނީ ފިރިހެން ކުއްޖެކެވެ.

މިހާރު އަނެއްކާވެސް މީޑިއާތަކުން ބުނަމުން އަންނަނީ ހެރީ އާއި މޭގަން އަށް ލިބެނީ އެއްމާބަނޑު ދެކުދިންނެވެ.

ހެރީ އާއި މޭގަން އަށް ލިބޭނީ އެއްމާބަނޑު ދެކުދިން ކަމަށް ބުނާ ޚަބަރު ވައިގައި ހިފާފައި ވަނީ ދާދިފަހުން ޕްރިންސް ޗާލްގެ އުފަން ދުވަހުގެ ޕާޓީއަށް ދިޔަ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ސިމޮން ވެސްޓޮން އާއި ޕްރިންސް ހެރީ ޕާޓީގެ ތެރެއިން ދެއްކި ވާހަކައެއްގެ ސަބަބުންނެވެ.

ދަރިއަކު ލިބުމުން އެތައް ރެއެއްގެ ނިދިން މަހްރޫމް ވާނެ ކަމަށް ސިމޮން ހެރީ އަރިހު ދެންނެވުމުން ހެރީ ވިދާޅުވީ އެއްމާބަނޑު ދެކުދިން ލިބިއްޖެނަމަ ދުވާލާއި ރޭގަނޑުގެ ނިދިން ވެސް މަހްރޫމް ވާނެ ނޫންތޯއެވެ.

އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ގޮތުގައި މިކަމުން ދޭހަވާ އެއް މާނައަކީ ހެރީ ހުރީ އެއްމާބަނޑު ދެކުދިންނަށް މަރުޙަބާ ކިޔަން ތައްޔާރަށް ކަމެވެ.

މޭގަން ވިހާނެ ތާރީޚެއް އަދި އިނގިރޭސިވިލާތުގެ ޝާހީ އާއިލާ އަކުން އިއުލާނެއް ނުކުރެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އޭޕްރިލް މަހު މޭގަން ވިހާނެއެވެ.

މިހާރު ހެރީ އާއި މޭގަންގެ ދަރިއަކަށް ކިޔާނެ ނަމަކާއި ބެހޭ ގޮތުން ވެސް އިނގިރޭސިވިލާތުގެ މީޑިއާތަކުން އަންނަނީ ވާހަކަދައްކަމުންނެވެ.