"ދަ ބުރޮކަލީ ޓްރީ" އޭ ބުނުމުން ގިނަ ބަޔަކަށް އެގަހުގެ ފޮޓޯތައް ހުންނާނީ ފެނިފައެވެ. އިންސްޓަގްރާމްގައި ގިނަބައެއްގެ ޝައުގުވެރިކަން ހޯދި މި ގަހަކީ ކެއުމަށް ބޭނުންކުރާ ތަރުކާރީއެއް ކަމަށްވާ "ބުރޮކޮލީ" ގެ ބިޔަ ގަހެކެވެ.

މި ފޮޓޯތައް ފެށިގެންއައީ 2013 މެއިމަހު ސްވެޑަންގެ ފޮޓޯގުރާފަރެއްކަމަށްވާ ޕެޓްރިކް ސްވެގްބާގް އަށް ހުސްކްވާނާއިން ފެނިގެންދިޔަ މި ގަހުގެ ފޮޓޯއެއް އަމިއްލަ އިންސްޓަގުރާމް އެކައުންޓަށް ލުމުންނެވެ. އެއަށްފަހު ގިނަ ބައެއްގެ ލައިކްސް އެކި ދުވަސްތައް މަތިން އެ ފޮޓޯއަށް ލިބިގެން ދިޔައެވެ.

އެގޮތުން ސްވެގްބާގް އެކި ދުވަސްމަތިން، ހުސްކްވާނާއަށް ގޮސް، އެއްހިސާބެއްގައި ހުރެ އެ ގަހުގެ ފޮޓޯ ނަގާ އަމިއްލަ އިންސްޓަގުރާމް ޕޭޖްގައި ޝެއާ ކުރަންފެށިއެވެ. ނަމަވެސް އެކި މޫސުންތަކުގައި ތަފާތު ގޮތަކަށް އެޑޓް ކުރުމަށްފަހުގައި އެވެ. އަދި އެ ފޮޓޯތަކަށް ގިނަ ބައެއްގެ ތަރުހީބު ލިބެމުން ދިޔުމުގެ ސަބަބުން ސްވެގްބާގްގެ އަމިއްލަ އެކަންޓްގެ ނަން "ދަ ބުރޮކޮލީ ޓްރީ" ގެ ނަމަށް ބަދަލުކުރިއެވެ. އަދި އެ ޕޭޖްއަށް ހަމައެކަނި ބުރޮކޮލީ ގަހުގެ ފޮޓޯލާން ފެށިއެވެ. މިހާރުވެސް އެ އެކައުންޓް އިންނައިރު އެ އެކައުންޓް ފޮޓޯ ކުރާ 10 ހާހަށްވުރެ ގިނަ މީހުން އުޅެއެވެ.

އެއަށްފަހު އެ ފޮޓޯތަށް ގިނަ ބަޔަކަށް ކަމުގޮސް، އެ ގަސް ބަލާލުމަށްޓަކައި އެތަނަށް މީހުން ޒިޔާރަތް ކުރަން ފެށިއެވެ. އަދި ގިނަބަޔަކު އެގަސް ބެލުމަށްޓަކައި އަންނަން ފެށުމުގެ ސަބަބުން، އެއީ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށް ވެގެންދިޔަ އެވެ. އެގޮތުން ކައިވެނީގެ ހަފްލާގެ ފޮޓޯތަށް ނެގުމަށާއި ފޫހި ފިލުވާލުމަށާއި ކުޑަކުދިންގެ ކުޅެ އުޅުމަށް އައިސްއުޅޭ ހިޔާގަނޑަކަށް އެގަހުގެ ހިޔާގަނޑު ވެގެންގޮސް ގިނަ ބައެއްގެ ހަދާންތަކާއި ގުޅިގެންއައި ގަހަކަށް މިގަސް ވިއެވެ.

އަދި ސްވެގްބާގް ފޮޓޯ ނަގަން ގޮސްއުޅުމުގެ ތެރޭގައި މިދިޔަ އަހަރުގެ ސެޕްޓެންބަރ މަހު ގަހުން އެހެން ކަމެއް ފާހަގަވިއެވެ. އެ ގަހުގެ މައި ބުޑުގައި ކޯރާޑި ފަދަ އެއްޗަކުން ޖަހާފައި އިންތަނެވެ. ގަސް މަރުވާން ފެށުމުން ދުވަސްކޮޅެއް ފަހުން ފެނުނީ މިގަސް ކަނޑާ ތިރިކޮށްލާފައި އޮތް ހިތާމަވެރި މަންޒަރެވެ.

ވުލޮގް ބުރަދާސް ތައްޔާރުކުރި 4 މިނެޓްގެ ވީޑިޔޯއިން މި ގަހުގެ ފޮޓޯއާއިއެކު ވަރުގަދަ މެސެޖެއް ލިބިގެންދާނެއެވެ. "ދުނިޔޭގައި އެއްޗެއް ހިއްސާކުރުމުގެ ސަބަބުން އެއެއްޗެއް ނެތިދާނެ ކަމުގެ ބިރުބޮޑު، އަދި އެއެއްޗެއް ހިއްސާ ނުކޮށް ހުއްޓާ އެ އެއްޗެއް ގެއްލުމުން ދެރަވާނީ އެންމެ މީހެކެވެ. ނަމަވެސް އެ އެއްޗެއް ހިއްސާކޮށްފައި، އެއެއްޗަކަށް އެންމެންގެ ލޯބި ލިބުމުން އޭތި ނެތިދިޔުމުން އެންމެންގެ ހަދާނުގައި ހުންނާނެއެވެ. އަދި މިހާރު ބުރޮކޮލީ ގަސް ނެތް ނަމަވެސް އެ ގަހުގެ ރީތި މަންޒަރުތައް ފޮޓޯއިން ފެވިފައި އެބަހުއްޓެވެ." ވީޑިޔޯގައި ބުނެއެވެ

ކިޔުންތެރިންގެ ހިޔާލު