އަނގައިން ނުބައި ވަސް ދުވުމަކީ މީހާގެ ސާފުތާހިރުކަމުގެ މިންވަރު އެހެން މީހުންނަށް ވަރަށް ފަސޭހައިން ހާމަވެގެންދާނޭ ގޮތެކެވެ. އެގޮތުން ބައެއް ފަހަރު އަނގައިން ނުބައި ވަސް ދުވުމާއި މީހާގެ ސާފުތާހިރުކަމާއި އެއްވެސް ކަހަލަ ގުޅުމެއް ނެތަސް މީހާއަށް ކެވޭ އެއްޗެއްގެ ސަބަބުން އެފަދަ ހާލަތެއް ކުރިމަތިވުމަކީ ވަރަށް ގާތް ކަމެކެވެ.

ފުންނާބުއުސް ޑެންޓިސްޓެއް އަދި ބެކްޓީރިއޮލޮޖިސްޓެއްކަމުގައިވާ ޑރ. ހަވާޑް ކެޓްޒް ބުނާގޮތުގައި އަނގައިން ނުބައިވަސް ދުވަން މެދުވެރިކުރުވާ ވަރަށް ގިނަ ކާނާ ހުރެއެވެ. އާންމުކޮށް އަނގައިން ނުބައިވަސް ދުވަން މެދުވެރިވަނީ މީހާގެ އަނގައިގެ އެތެރެ ހިކުމުގެ ސަބަބުންނެވެ.

އެހެންނަމަވެސް އިނގުރު، ލޮނުމެދު އަދި މަހުގެ ބައެއް ބާވަތްތައް ކެއުމުން އަނގައިން ދުވާ ނުބައި ވަސް އިތުރުވާން މެދުވެރިކުރުވައެވެ. ފިޔާ، ޑެއިރީ ޕްރޮޑަކްޓްސްގެ އިތުރުން ހަކުރު ހިމަނައިގެން ތައްޔާރުކުރެވޭ ބައެއް ބުއިންތަކުންވެސް އަނގައިން ނުބައި ވަސް ދުވަން މެދުވެރިކުރުވައެވެ. އެފަދަ ބުއިންތަކުގެ ތެރޭގައި ބައެއް ބާވަތުގެ ޖޫހާއި ކޮފީވެސް ހިމެނެއެވެ.

އަނގައިން ނުބައިވަސް ދުވުން ހުއްޓުވުމަށްވެސް ކެވިދާނެ ބައެއް ކާނާ އެބަ ހުއްޓެވެ. އޭގެ ތެރޭގައި މޭވާ އަދި ތަރުކާރީގެ ބާވަތްތައް ހިމެނޭއިރު ކެރެޓް އަދި އާފަލަކީ އަނގައިން ނުބައި ވަސް ކަނޑުވަން އެންމެ ރަނގަޅު އެފަދަ ބައެއް ކާނާއެވެ.

ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ ކާނާ ކެއުމުގެ އިތުރުން ރަނގަޅަށް ފްލޮސްކުރުމަށްފަހު، މައުތްވޮޝް ފަދަ އެއްޗެއް ބޭނުންކުރުމަކީވެސް އަނގައިން ނުބައިވަސް ކެނޑުވުމަށް ކުރެވިދާނޭ ކަމެކެވެ. ހާއްސަކޮށް ކެއުމަށްފަހު އެގޮތަށް އަމަލުކުރުމަކީ އެންމެ އެދެވޭ ގޮތެވެ.

ކިޔުންތެރިންގެ ހިޔާލު