ފުރަތަމަ ދަރިފުޅަށް ބަލިވެ އިން މޭގަން މާކެލް ވިހަން ހޮސްޕިޓަލަށް ވަޑައިނުގަންނަވާނެ ކަމަށާއި އޭނާ ވިހާނީ ވިންސާ ކޮޓާޖްގައި ކަމަށް މޭގަންގެ ރަހުމަތްތެރިޔަކާއި ހަވާލާދީ އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނެފިއެވެ.

ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން ވިހާނެ ކަމަށް ބެލެވެނީ މިމަހުގެ ފަހުކޮޅު އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މޭގަން ވިހެއުމުގެ އެހީތެރިވާނީ ވެސް ފޫޅުމައެކެވެ.

ރާނީ އެލިޒަބަތު ވެސް ހަތަރު ބޭފުޅުން ވިހެއީ ބަކިންހަމް ޕެލަސްގައެވެ.

މޭގަން ވިހަން ހޮސްޕިޓަލަށް ވަޑައިނުގަންނަވާނެ ކަމަށް މީޑިއާތަކުން ބުނި ނަމަވެސް އުމުރުން 35 އަހަރުން މަތީގެ އަންހެނުންނަށް ވިހެއުމުގައި ދަތިތައް ދިމާވެ ކުއްލި ސިއްހީ މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އަދި ގިނަ ހާލަތްތަކުގައި ސިޒޭރިއަން ހަދަން ވެސް ޖެހެއެވެ. މޭގަންގެ އުމުރުން މިހާރު 37 އަހަރެވެ.

މައުލޫމާތު ދިން ރަހުމަތްތެރިޔާ ބުނީ ވިހަން ފަސޭހަ ވާނެ ކަންކަން މޭގަން ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ހާއްސަ އިސްކަމެއް ދީގެން މޭގަން ޔޯގާ ކަސްރަތު ކުރާކަމަށް ރަހުމަތްތެރިޔާ ބުންޏެވެ.

ކުރިން ބެލެވިފައި އޮތީ މޭގަން ވެސް ވިހަން ވަޑައިގަންނަވާނީ ކޭޓް ވެސް ވިހަން ވަޑައިގެންނެވި ހޮސްޕިޓަލަށް ކަމަށެވެ. މޭގަން ވިހަން ވާއިރަށް އެހޮސްޕިޓަލް ތައްޔާރީ ހާލަތަކަށް އައިސްފައިވާ ކަމަށް މީގެ ކުރިން އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓް ވެސް ކޮށްފައި ވެއެވެ.

މޭގަން ވިހަން ހޮސްޕިޓަލަށް ވަޑައިނުގަންނަވާނެ ކަމަށް އިނގިރޭސިވިލާތުގެ މީޑިއާތަކުން ބުނާ ޚަބަރަށް ޝާހީ އާއިލާ އިން އަދި އެއްވެސް ކޮމެންޓެއް ނުކުރެއެވެ.