މަޝްހޫރު އެނިމޭޓާ ވޯލްޓް ޑިޒްނީގެ ކާޓޫން، "ދަ ލަޔަން ކިންގް"ގެ ރީމޭކް ފިލްމް ނެރެން ތައްޔާރުވެ އޭގެ ފުރަތަމަ ޓްރެއިލާ ދައްކާލައިފިއެވެ.

އޮސްކާ އެވޯޑް ލިބިފައިވާ ލަޔަން ކިންގް ކާޓޫނު ނެރެފައި ވަނީ 1994 ވަނަ އަހަރުއެވެ. ކޮމްޕިއުޓަރ އެނިމޭޝަން ބޭނުންކޮށްގެން އޭރު އުފެއްދި އެ ކާޓޫނަކީ މިއަދުވެސް އެތައް ބައެއްގެ ހިތްތަކާއި ކުޅެލާފަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ކާޓޫނެކެވެ. އެހެންކަމުން ކާޓޫނުގެ ރީމޭކް ފިލްމް ނެރޭ ޚަބަރު ގިނަ ބަޔަކަށް ވެގެން އުފާވެރި ޚަބަރަކަށެވެ.

އިއްޔެ ނެރުނު ޓްރެއިލާއިން އެފްރިކާ އާއި ޖަންގަލި ސަރަޙައްދުތަކާއި ޖަނަވާރާއި ދޫނިސޫފާސޫފި އަސްލާއި ދާދި އެއްގޮތަށް ފެނިގެން ގޮސްފައި ވެއެވެ. އަދި ލަޔަން ކިންގު ކާޓޫނުން ފެނިގެންދާ ޖަންގަލީގެ ރަސްގެފާނު "ސިމްބާ" މި ޓްރެއިލާ އިން ފެނިގެންދާއިރު، ސިމްބާގެ ބައްޕަ މުފާސާގެ އަޑުވެސް ޓްރެއިލާއިން އިވިގެން ދެއެވެ. އެހެންކަމުން މި ރީމޭކުގެ "ސްޓޯރީ" 1994 ވަނަ އަހަރުގެ ލަޔަން ކިންގް ކާޓޫނާއި ކުޑަ ތަފާތުތަކެއް ހުރެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

އިއްޔެ ނެރުނު ޓްރެއިލާ މިހާރު ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، މިހާތަނަށް 9.1 މިލިއަން ފަހަރު މި ޓްރެއިލާ ބަލާފައި ވެއެވެ. އަދި ތިން ލައްކަ އާއި ގާތްކުރާ އަދަދަކަށް، ޔޫޓިއުބުގައި "ވޯލްޑް ޑިޒްނީ ސްޓޫޑިއޯ" އިން އަޕްލޯޑުކޮށްފައިވާ ޓްރެއިލާގެ ވީޑިއޯއަށް ލައިކް ލިބިފައި ވެއެވެ.

މި ފިލްމް އަންނަ ޖުލައި މަހުގައި ސްކްރީންތަކާއި ހަމައަށް ނެރެން ތައްޔާރުވަމުން ދާއިރު، މިއީ މިއަހަރުގައި ނެރޭ ޑިޒްނީގެ ފުރަތަމަ ފިލްމެވެ. މި ފިލްމްގެ ޑައިރެކްޓަރ ޖޯން ފެވްރިއޯ އަކީ 2016 ވަނަ އަހަރު ޑިޒްނީ އިން ނެރުނު "ދަ ޖަންގަލް ބުކް"ގެ ވެސް ޑައިރެކްޓަރު ކަން ފާހަގަކޮށްލެވެއެވެ. ޖަންގަލް ބުކް އަކީވެސް ކުރީގައި ނެރުނު މަޝްހޫރު ކާޓޫނެކެވެ. އެ ކާޓޫނުގެ ރީމޭކަށް ގިނަ ބައެއްގެ ތަރުޚީބު ލިބިފައި ވެއެވެ.

ދަ ވޯލްޓް ޑިޒްނީ އަށް މިހާރު 95 އަހަރު ވެއްޖެއެވެ. އެ ކުންފުންޏަކީ ފިލްމު އުފައްދާ އެންމެ ކާމިޔާބު ކުންފުނި ވެސް މެއެވެ. މިހާތަނަށް ޑިޒްނީގެ 59 އުފެއްދުމެއް އޮސްކާ އެވޯޑަށް ނޮމިނޭޓް ވެފައިވާއިރު، 22 އޮސްކާ އެވޯޑު ހާސިލްކޮށްފައި ވެއެވެ. ޑިޒްނީގެ ކުރީގެ އުފެއްދުންތަކަށް އެތައް އަަހަރެއް ވެގެންގޮސް އެތަކެތި ތާރީޚުން ފޮހެވިގޮސްދާނެ ކަމަށްޓަކައި އެ ކުންފުނިން މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ.

ލަޔަން ކިންގުގެ އިތުރުން ޑިޒްނީގެ ކުރީގެ މަޝްހޫރު ކާޓޫނުތަކުގެ ތެރޭގައި "ސްނޯ ވައިޓް އެންޑް ސެވަން ޑުވާފްސް"، "އަލާއްދީން"، "ދަ ލިޓިލް މާމެއިޑް"، "ބިއުޓީ އެންޑް ދަ ބީސްޓް" އަދި "ޕިނޯކިޔޯ" ފަދަ ކާޓޫނުތައް ހިމެނެއެވެ.