ފޭސްބުކް އިން އަނެއްކާވެސް ފޭސްބުކް މެސެންޖާ އާއި ފޭސްބުކް އެއްކޮށް، އެއް އެޕްލިކޭޝަނެއްގެ ގޮތުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ފޭސްބުކް ތެރެއިން ޗެޓް ކުރެވޭނެ ފީޗާ ޓެސްޓު ކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މިހާރު ވަކި ދެ އެޕްލިކޭޝަންއެއްގެ ގޮތަށް މަސައްކަތްކުރާ މި ދެ އެޕްލިކޭޝަން އެއްކޮށްލަން ނިންމާފައިވާއިރު، މި ބަދަލު ގެނެވިއްޖެނަމަ އެއް އެޕް މެދުވެރިކޮށް ދެ ފީޗާވެސް ބޭނުން ކުރެވޭނެއެވެ.

އަދި މި ބަދަލާއެކު މެސެންޖާ އެޕްއަށް ގޮސް ޗެޓް ކުރުމުގެ ބަދަލުގައި ސީދާ ފޭސްބުކް މެދުވެރިކޮށް ޗެޓް ވިންޑޯއެއް ގޮތަށް މެސެންޖާ ބޭނުން ކުރެވޭނެއެވެ. އެހެންކަމުން މި ބަދަލާއެކު ފޭސްބުކް އެޕްލިކޭޝަނުގެ ކަނާތު ކަނުގައި އިންނަ މެސެޖިންގ ފީޗާ ފިއްތާލުމުން މެސެންޖާ އެޕްލިކޭޝަންއަށް ނުގޮސް ފޭސްބުކް އެޕްލިކޭޝަން ތެރެއިން ޗެޓު ކުރެވިގެންދާނެއެވެ.

މި ބަދަލު ގެނައި ނަމަވެސް، މިއީ ހަމައެކަނި މެސެޖް ކުރުމާއި، މެސެޖް ލިބިގަތުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ފީޗާއެކެވެ. ނަމަވެސް މި ފީޗާގެ އެހީގައި ގޭމް ނުކުޅެވޭނެއެވެ. އަދި މެސެންޖަރ މެދުވެރިކޮށް ކޯލްވެސް ނުކުރެވެނެއެވެ. އަދި މި އިން އެޕްލިކޭޝަނުން ފޮޓޯވެސް ނުފޮނުވޭނެ ކަމަށް ބައެއް މަސްދަރުތަކުން ބުނެފައި ވެއެވެ.

ފޭސްބުކް އާއި މެސެންޖާ ވަކިކޮށް، ފޭސްބުކް މެދުވެރިކޮށް މެސެޖު ފޮނުވޭގޮތަށް ބަދަލު ގެނައީ 2011 ވަނަ އަހަރުއެވެ. ނަމަވެސް އަނެއްކާ ވެސް ފޭސްބުކުން ގެނަނާން އުޅޭ ބަދަލާއެކު ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.