އިވެންޓް ހޮރައިޒަން ޓެލެސްކޯޕް (އީއެޗްޓީ) ބޭނުންކޮށްގެން ސައިންވެރިން ފުރަތަމަ ފަހަރަށް ފޮޓޯއެއް ނެގި ކަޅު ހޮހޮޅަ (ބްލެކް ހޯލް) އަށް ނަމެއް ދީފިއެވެ.

ބްލެކް ހޯލްއަކީ ކައުނުގެ އެކި ހިސާބުތަކުގައި، އެއާ ކިރިޔާ ގާތްވެލާ އެއްޗެއްވެސް އޭގެ ތެރެއަށް ދަމައިގަންނަ ކަމަށް ބުނެވޭ، ހަގީގަތް ނޭނގޭ ވަރުގަދަ ބާރެއް އެކުލެވޭ ތަންތަނަށް ދެވިފައިވާ ނަމެކެވެ. މިފަދަ ތަންތަނުގައިވާ ގޮތްނޭގޭ ވަރުގަދަ ބާރުގެ ސަބަބުން އިރުފަދަ ތަރީގެ އައްޔައްވެސް އެތަން ހުރަސް ނުކުރެވޭ ކަމަށް ވެއެވެ.

ނާސާގެ 200 ސައިންސްވެރިއަކު ދެ އަހަރު ވަންދެން ކުރި ބުރަ މަސައްކަތުން ނެގި ކަޅު ހޮހޮޅައިގެ ފޮޓޯ މި ހަފްތާގެ ކުރީ ކޮޅު އާންމު ކޮށްފައިވާއިރު މި ކަޅު ހޮހޮޅަށް އަށް މިހާރު ވަނީ އެމެރިކާގެ ޖަޒީރާއެއް ކަމަށްވާ ހަވާއީގެ ބަހަކުން ނަމެއް ކިޔާފައެވެ. ސައިންވެރިން މި ހޮހޮޅަ އަށް ދިން ނަމަކީ "ޕޮވޭހީ" އެވެ.

"ޕޮވޭހީ" މިނަން މި ހޮހޮޅައަށް ދިނީ މި ހޮހޮޅައިގެ ފޮޓޯ އެއް ނެގުމަށް ބޭނުން ކުރި 8 ޓެލެސްކޯޕްގެ ތެރެއިން ދެ ޓެލެސްކޯޕް ހުންނަނީ ހަވާއީގައި ކަމަށް ވާތީއެވެ. ޕޮވޭހީގެ މާނައަކީ ނިމުމެއް ނުވާ އަދިރި އުފެއްދެވުމެވެ.

އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ތާރިހުގައިވެސް ހޯދި މިބޮޑު ކާމިޔާބީއާއެކު ފުރަތަމަ ފަހަރަށް ފޮޓޯ ނެގި ކަނު ވަޅުގަނޑު ނުވަތަ ކަޅު ހޮހޮޅައަކީ ދުނިޔެއާ 500 ޓްރިލިއަން ކިލޯމީޓަރު ދުރުގައިވާ އެއްޗެކެވެ.

މި ކަޅު ހޮހޮޅައިގެ ފުޅާ މިނުގައި 40 ބިލިއަން ކިލޯމީޓަރު އެބަހުއްޓެވެ. މި ކަޅު ހޮހޮޅަ ފެނިފައިވަނީ "އެމް87" ގެ ނަން ދީފައިވާ ގެލެކްސީއަކުންނެވެ. މި ކަޅު ހޮހޮޅައިގެ މާސް، ދުނިޔޭގެ ސޫރުދަ ނިޒާމު (ސޯލާ ސިސްޓަމް) ގައި ވާ އިރުގެ މާސް އަށްވުރެ 6.5 ބިލިއަން ގުނަ އިތުރުވާނެ ކަމަށް ބުނާއިރު ފޮޓޯ އިން ފެންނަނީ އަލިފާން ކުލައިން ދިއްލިފައިވާ ވަށް ބުރުތަކެކެވެ. އޭގެ މެދުން ކަޅު ކުލައިގެން، ބުރު ހަމަ ލޯވަޅެއް ފަދަ ތަނެއް ފެނެއެވެ.

ސައިންސްވެރިން ބުނާ ގޮތުގައި މި ކަޅު ހޮހޮޅަށް އަރާ އަލި، ގެލެކްސީތަކުގެ ހުރިހާ ތަރިއެއްގެ އަލި އެކުވުމަށް ވުރެވެސް ގަދައެވެ. އޭގެ ވަށައިގެންވާ އައްޗަކީ ކައުނުގައި މި ކަޅު ހޮހޮޅަ ވީ ސަރަޙައްދުގައިވާ އިރުފަދަ ތަރިން ފެތުރިގެން ދިޔަ ދޯދިތަކެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މޯޑް

    ސުބުޙާނަﷲ.

  2. ކަޅު ބާގަނޑު

    ހޮހޮޅައަކީ ކޭވް (cave)
    ބާގަނޑަކީ ހޯލް (hole)
    އެހެންވީމާ ކަޅު ހޮހޮޅައޭ ކިޔުމުގެ ބަދަލުގައި ކަޅު ބާގަނޑޭ ކިޔަމާ.

    the difference between cave and hole is that cave is a large, naturally-occurring cavity formed underground, or in the face of a cliff or a hillside while hole is a hollow place or cavity;

    ބްލެކް ހޯލްއަށް ހޯލް/ ބާގަނޑެކޭ ކިޔަނީ އޭގެ ދަމާބާރުން އަލީގެ ދޯދިތައްވެސް ދަމައިގަންނާތީ. އެކަމަކު އަސްލު ބްލެކް ހޯލްއަކީ އިންސާނުންނަށް ތަސައްވުރު ނުކުރެވޭ ގޮތަކަށް ހުންނަ ބައްޓަމެއްގެ އެއްޗެއް. ހޮހޮޅައަކީ ހޮޅިއެއްގެ ބައްޓަމަށް ހުންނަ ތަނެއް. ބްލެކް ހޮލް އިންސާނުންނަށް ފެންނަނީ ބޯޅައެއްގެ ބައްޓަމަށް ވައްކޮށް. ބާގަނޑެކޭ ކިޔުނަސް އެއްކޮޅުން ދަމާފަ ނުކުންނަ ކޮޅެއް ނުހުންނާނެ. އެއްޗެހި ބްލެކްހޯލްއަށް ދަމާވަރަކަށް ބްލެކްހޯލް ދާނީ ބޮޑުވަމުން.

  3. ހޮހޮޅައިގެ ފޮޓޯ

    ކާކުތަ ބުނީ ހޮހޮޅައެކޭ..

  4. ދުވާރު

    މިއީ ނާސާއިން ކުރިކަމެއްނޫން، ބައިވެރިިވުން ނެތެކޭނޫން.