ފަރުވެފައި ތިބި މީހުންގެ ހަށިތަކާއެކު ގޮތްނޭގޭ ދޯނިތަކެއް ޖަޕާނުގެ އައްސޭރިއަށް ލައްގަމުންދާ ކަމަށް އެޤައުމުގެ ނޫސް އިދާރާތަކުން ބުނެފިއެވެ.

މި ދޯނިތަކަކީ "ޖިންނި ދޯނިތަކެއް" ކަމަށް ބުނެ ބައެއް މީހުން އެކަމާއި ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެންމެ ގިނައިން މިފަދަ ދޯނިތައް ލައްގަމުން ދަނީ ޖަޕާނުގެ އޯގާ ސިޓީއަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރުން ފެށިގެން މި ދޯނިތައް ޖަޕާނުގެ އައްސޭރީގެ ސިޓީތަކުން ދަނީ ފެންނަމުންނެވެ. އަދި ދުވަހެއް ދުވަހަކަށް މިފަދަ ދޯނިތައް ފެންނަ މިންވަރު ދަނީ އިތުރުވަމުން ކަމަށް އޮފިޝަލުން ބުނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މިދިޔަ އަހަރުގެ ފަހުކޮޅުން ފަށައިގެން މިއަހަރުގެ މިހާތަނަށް ޖަޕާނުގެ އައްސޭރިތަކުން މިފަދަ ގޮތްނޭގޭ 103 ބޯޓު ވަނީ ފެނިފައެވެ. އެ ބޯޓުތަކުން ޖުމްލަ 35 މީހެއްގެ މަރުވެފައިވާ ހަށިގަނޑު ފެނިފައިވާއިރު އޭގެތެރެއިން 13 މީހަކު ސިފަ ވަކިނުވާ ވަރަށް ކުނިވެފައވާ ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ހޯދުންތައް ހޯދާ ފަރާތްތަކުން ބުނެފައި ވަނީ، މިއީ އުތުރު ކޮރެއާ އިން މަސްވެރިކަމަށް ކަނޑުމައްޗަށް ނިކުމެ އުޅޭ އުޅުމުގައި ހާލުގައި ޖެހި ބެހިގެންދާ ދޯނިފަހަރު ކަމަށް ބެލެވޭ ކަމަށެވެ. ބައެއް ފަހަރު މިފަދަ ދޯނިތައް ސަލާމަތުން ތިބި މީހުންނާއި އެކު ވެސް ޖަޕާނުގެ އައްސޭރިން ފެންނަމުންދާކަމީ އެކަމުގެ ހެއްކެއް ކަމަށް އެފަރާތްތަކުން ބުނެއެވެ.

މި ބޯޓުތައް ފެންނަމުންދާ ކަނޑުގެ ސަރަޙައްދަކީ ފިނި މޫސުމުގައި ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްވެ މައިނަސްގެ މިންގަނޑަށްވެސް ތިރިވާ ސަރަޙައްދެއްކަމަށް ވެއެވެ. ހަމަ އެހެންމެ ކަނޑު ގަދަ ދުވަސްވަރު އެ ސަރަޙައްދުން ކުދި ދޯނިފަހަރުތަކުގައި ދަތުރު ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއްކަން އިދާރާތަކުން ކުރިން ފާހަގަކޮށްފައި ވެއެވެ.

ޖަޕާނުގެ ކަމާއި ބެހޭ އިދާރާތަކުން މިހާރު ދަނީ މިގޮތުން ފެންނަމުންދާ މީހުންގެ ޑީއެންއޭ ހަދައި އެއީ ކޮން ބައެއްތޯ ބެލުމަށްފަހު އާއިލާއާއި ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންނެވެ. "ޖިންނި ދޯނިތަކުން" ފެނުނު ކަމަށް ބުނާ މީހުންގެ ތެރެއިން ބައެއް މީހުންގެ ހުރީ ކަށިތައް އެކަނި ކަމަށް އިދާރާތަކުން ބުނެއެވެ.