އެޗްބީއޯއިން ދައްކަމުންދާ ދުނިޔޭގެ އެއްމެ މަޤުބޫލު ސީރީޒްތަކުގެ ތެރޭގައި ހިމެނޭ، "ގޭމް އޮފް ތްރޯންސް"ގެ މަޝްހޫރު ކެރެކްޓާ "ޖޯން ސްނޯ"ގެ ރޯލުން ފެންނަ ކިޓް ހެރިންޓަން ތުނބުޅި ބޭލުމުން ފޭނުން މުޅިން މާޔޫސް ކޮށްލައިފިއެވެ.

ގޭމް އޮފް ތްރޯންސްގެ ފަހު ސީޒަނަށް އެތައް ބަޔަކު އިންތިޒާރުގައި ތިބި އިރު، އެންމެ ލޯބިވާ ޖޯން ސްނޯގެ ތުނބުޅި ބޭލުން ބެލުންތެރިންނަށް އެހާ ކަމަކު ނުދިޔައެވެ. ކުއްލިއަކަށް އެކިއެކި ޓީވީ ޝޯތަކުގައި ޖޯން ސްނޯގެ އައިކޯނިކް ތުނބުޅިއާ ނުލާ ފެންނަން ފެށުމުން އެކަމާ ގުޅިގެން އޭނާއަށް ސުވާލުތަކެއްވެސް އައިސްފައިވެއެވެ.

ޖޯން ސްނޯ ބުނެފައި ވަނީ އޭނާ ތުނބުޅި ބޭލީ ތަފާތު ކޮށްލުމަށް ކަމަށާއި، މިހާރު މިއީ ތަންކޮޅެއް ތަފާތު ޖޯން ސްނޯއެއް ކަމަށެވެ.

ސަޕޯޓަރުން ބުނެފައި ވަނީ ޖޯން ސްނޯގެ ތުނބުޅި ބޭލިކަން ގަބޫލުކުރަން ބޭނުން ނުވާ ކަމަށާއި، އެހިސާބުން އޭނާގެ ރީތިކަން ގެއްލިއްޖެ ކަމަށެވެ. އަދި އެކަން ހަޖަމް ކޮށްލާނީ، އެއީ ވިޝުއަލް އެފެކްޓެއް ކަމަށް ބަލައިގެން ކަމަށްވެސް ސަޕޯޓަރުން ބުނެފައިވެއެވެ.