އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ރޭޕް ކުރަން އުޅުނު އަންހެނަކު އެކަމާއި ދެކޮޅު ހެދުމުން އޭނާގެ ގައިގާ އަލިފާން ޖަހައިފިއެވެ.

އިއްޔެ ހެނދުނު މި ހާދިސާ ހިނގާފައި ވަނީ އޭނާގެ ދެ ދަރިންނާއެކު ބޭރަށް ނުކުމެ އުޅެނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ އަންހެން މީހަގެ ގައިގާ އަލިފާން ޖެހުމުން އޭނާގެ ހަށިގަނޑުގެ 80 ޕަސެންޓް ވަނީ ފިހެވިފައެވެ. އޭނާގެ ހާލު ސީރިއަސްއެވެ.

އުމުރުން 35 އަަހަރުގެ އެ އަންހެން މީހާއަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު، އެ އަންހެން މީހާ ބުނިގޮތުގައި، އޭނާ ރޭޕް ކުރަން މަސައްކަތްކޮށްފައި ވަނީ އޭނާ ދަރިންނާއެެކު ބޭރަށް ގޮސް ހުއްޓާ ފިރިހެނަކު އައިސް އޭނާ ރޭޕް ކުރަން އުޅުނުކަމަށާއި، އެކަމައި ގަދަ ދެއްކުމުން އޭނާގެ ގައިގާ އަލިފާން ޖެހީ ކަމަށެވެ.

އެ ހާދިސާގައި އެ އަންހެން މީހާގެ ދަރިންގެ ހަށިގަނޑުން ބައެއް ތަންތަންވެސް ވަނީ ފިހެވިފައެވެ.

އަދި އެ އަންހެން މީހާ ބުނިގޮތުގައި، މީގެ ކުރިންވެސް އެ މީހާ އޭނާ ރޭޕް ކުރަން އުޅުނެވެ. އަދި އެ މައްސަލަ ފުލުހަށްވެސް ހުށަހެޅިއެވެ.

ފުލުހުން ބުނީ، އެ މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހާއްސަ ދެ ޓީމެއް އެކުލަވާލާފައިވާކަަމަށްވެސް އޭނާ ބުންޏެވެ.