އެމެރިކާގެ އަންހެނެއްގެ ބޭންކް އެކައުންޓުން، އޭނާ އަށް ނޭނގި ފައިސާ އުނިކޮށްފައިވާ ކަމަށް ބުނެ ބޭންކްގައި އަލިފާން ރޯކޮށްލައިފިއެވެ.

އެމެރިކާގެ ޑަލަސްގައި ހުންނަ ބޭންކް އޮފް އެމެރިކާގެ ބްރާންޗަށް ވަދެ އެތަނުގައި އަލިފާން ރޯކޮށްލީ އުމުރުން 56 އަހަރުގެ އަންހެނެއް ކަމަށްވާ ރައެކްސާ ކެއޯ ނަމަކަށް ކިޔާ އަންހެނެކެވެ. ކެއޯ އަލިފާން ރޯކޮށްލާފައި ވަނީ ބޭންކްގެ އެތެރޭގައި ހުރި އޭޓީއެމްއެއްގައެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބޭންކަށް ވަންނަ ދޮރާއި އޭޓީއެމްއަށް އަލިފާނުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނެވެ. ނަމަވެސް އަލިފާންގަނޑު އިތުރަށް ފެތުރިގެން ދިއުމުގެ ކުރިން އަލިފާން ނިއްވާ މީހުން ބޭންކަށް ގޮސް ވަނީ އަލިފާން ނިއްވާލާފައެވެ.

އަލިފާން ނިއްވާ މީހުން ބޭންކަށް ދިޔައިރު ވެސް ކެއޯ ބޭންކް އެތެރޭގައި ހުއްޓެވެ.

މިހާރު ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ. އޭނާގެ މައްޗަށް ގަސްދުގައި ތަނެއްގައި އަލިފާން ރޯކޮށްލުމުގެ ދައުވާ ވަނީ އުފުލާފައެވެ. ކެއޯ އަލިފާން ރޯކޮށްލާފައި ވަނީ ބޭންކެއްގައި ކަމަށް ވާތީ އޭނާގެ މައްޗަށް އަންނާނެ އަދަބު ބޮޑުވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކެއޯ ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނީ އޭނާގެ އެކައުންޓުން ގިނަ އަދަދެއްގެ ފައިސާ މަދުވެފައިވާ ކަން ފާހަގަ ކުރެވުމުން އެކަން ބެލި ބެލުމުން ފައިސާ ނަގާފައި ވަނީ ބޭންކުން ކަން އެނގުނު ކަމަށެވެ. އެއްވެސް ސަބަބެއް ނެތި ބޭންކުން އޭނާގެ އެކައުންޓްގައި ހުރި ފައިސާތައް ނެގި ސަބަބު ހޯދަން ބޭންކަށް ދިޔަ ކަމަށާއި ނަމަވެސް މައުލޫމާތު ސާފުކޮށް ނުދިން ކަމަށް އޭނާ ބުންޏެވެ.

މިމައްސަލައިގައި ބޭންކް އޮފް އެމެރިކާ އިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރެފްރީ

    ފުލުހުންގޮސް ތިއަންހެންމީހާހައްޔަރުކޮށްގެން ތަހުގީގުކޮށްފަ ކޯޓުމަރުހަލާއިން ދޫކޮށްލާނެކަމަށްބެލެވޭ . ދިވެހިރާއްޖޭގާނަމަ ވަރަށްބޮޑުހުކުމެއްކުރާނެކަން ޔަގީން .. ރާއްޖެ އިޒް ދަ ބެސްޓް ފަނޑިޔާރުގެ،

    1
    13