ބަޑި ގެންގުޅުމުގެ ތެރޭގައި ގަސްދުވައި ނޫން ނަމަވެސް އެތައް ބަޔަކު މަރުވަމުންދާ އެމެރިކާގައި ހަތަރު އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުން އޭނާގެ ހަ އަހަރުގެ ދައްތަގެ ގަޔަށް ބަޑި ޖެހި، ދައްތަ މަރުވެއްޖެއެވެ.

އެމެރިކާގެ ޖޯޖިއާގައި ދިރިއުޅޭ ދެކުދިންގެ ތެރެއިން ހަ އަހަރުގެ މިލީ ޑްރޫ މަރުވީ ގޭތެރޭގައި އޮތް ބަޑިއެއް ނަގައިގެން ކޮއްކޮ އުޅުމުގެ ތެރޭގައި އޮޅިގެން ދައްތަ އާއި ދިމާއަށް ބަޑި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މިހާދިސާ ހިނގީ މިދިޔަ ހަފްތާގައެވެ.

ބަޑި ޖެހުނު ހާދިސާ ހިނގި އިރު އެކުދިންގެ މަންމަ ވެސް ގޭގައި އުޅެއެވެ. މަންމަ ވަގުތުން ޕެރަމެޑިކުންނަށް ގުޅުމުން ޕެރަމެޑިކުން އައިސް މިލީ ހޮސްޕިޓަލަށް ގެންދިޔައެވެ. ނަމަވެސް ފުރާނަ ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިލީ މަރުވީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާތާ ދެ ދުވަސް ފަހުންނެވެ.

މިމައްސަލައިގައި އަދި އެއްވެސް މީހެއްގެ މައްޗަށް ދައުވާ އުފުލާފައެއް ނުވެއެވެ. ނަމަވެސް ދެކުދިންގެ މަންމަގެ މައްޗަށް ދަރިން ބެލުމުގައި އިހުމާލު ވުމުގެ ދައުވާއެއް އުފުލާނެ ކަމަށް ބެލެވޭ ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިލީ މަރުވުމުން އޭނާގެ އާއިލާ އިން ވަނީ މިލީގެ އެތެރެހަށީގެ ބައެއް ގުނަވަންތައް އެހެން މީހުންނަށް ހަދިޔާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު