މޭގަން މާކެލް ވަނީ ޕްރިންސް ހެރީ އާއި ކައިވެނިކޮށް އެތައް ބައެއްގެ ލޯބި ހޯދާފައެވެ. ދެވަނަ "ޑަޔާނާ" ގެ މަގާމު މޭގަން މިހާރު ވެސް ކަށަވަރު ކުރައްވައިފި ކަމަށް އެތައް ބަޔަކު ބުނެއެވެ. އެއީ އޭނާގެ ހިތްތިރިކަމާއި، މީހުންނަށް އެހީތެރިވުމަށް ދެމުންދާ އިސްކަމާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހުންނަށް ދެމުންދާ އެއްބާރުލުން ފަދަ އެތައް ކަމަކުންނެވެ.

ފާއިތުވި ދެ ދުވަހު އަނެއްކާވެސް މޭގަންގެ ވާހަކަތައް މީޑިއާތަކުގެ ސުރުހީތަކުން ޖާގަ ހޯދީ 2017 ވަނަ އަހަރުގެ ޖަނަވަރީ މަހު މޭގަން އިންޑިއާ އަށް ކުރި ދަތުރެއްގެ ފޮޓޯތަކެއް އާއްމު ވުމުންނެވެ. އެދަތުރުގެ އެއް އަހަރު ފަހުން ފޮޓޯތައް އާއްމުވިއިރު ފޮޓޯތަކުން ފެންނަނީ މޭގަން އިންޑިއާގެ ސަގާފަތް ދައްކުވައިދޭ ސާރި ހެދުމުގައި ހުއްޓައެވެ.

ޕްރިންސް ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާން ކުރިތާ ދުވަސްކޮޅެއް ފަހުން މޭގަން އިންޑިއާ އަށް ކުރި އެދަތުރަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ "ވޯލްޑް ވިޝަން" އިން އިންތިޒާމް ކުރި ދަތުރެކެވެ. މޭގަން ވަނީ އެދަތުރުގައި އިންޑިއާގެ ނިއުދިއްލީ އާއި މުމްބާއީ އަށް ވަޑައިގެންފައެވެ.

މޭގަންގެ ދަތުރުގައި އޭނާ ވަނީ އަންހެން ކުދިން ސްކޫލަށް ދިއުމަށް ބާރުއަޅައި އެކި ފަރާތްތަކާއި ވާހަކަދައްކާފައެވެ. އަދި ވީހާވެސް ގިނަ މީހުންނަށް ރައްކާތެރިކަމާއި އެކު ފާހާނާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަށް އިންޑިއާ އިން ކުރަމުންދާ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ. މޭގަން ވަނީ ސާފުތާހިރުވުމަށް ބޭނުން ކުރާނެ ތަކެތި މި ދަތުރުގައި އިންޑިއާގެ އަންހެން ކުދިންނަށް ހަދިޔާ ކޮށްފައެވެ.

މޭގަން ވަނީ އދ.ގެ އެމްސެޑަރެއްގެ އިތުރުން އެތައް ޖަމިއްޔާއެއްގެ މެންބަރެއްގެ ގޮތުގައި މީގެ ކުރިން ވެސް އެތައް ބަޔަކަށް އެހީތެރިވުމުގައި އަމަލީ ގޮތުން ބައިވެރިވެފައެވެ.