ޖައްވުގެ ތެރެއިން ދުނިޔެއަށް ވެއްޓޭނެ އިންސާނުން އުފައްދާފައިވާ އެއްޗިހީގެ ތެރެއިން އެންމެ އާދަޔާޙިލާފް އެކަތި ވެއްޓެން މާ ގިނަ ދުވަހެއް ދެން ނެތެވެ. ރޮކެޓް ލެބް ނަމަކަށް ކިޔާ ކުންފުންޏަކުން މިދިޔަ ޖެނުއަރީ މަހު ލޯންޗު ކުރި ދަ ހިއުމަނިޓީ ސްޓާރ ނަމަކަށްކިޔާ ސެޓެލައިޓެއް ހީކުރިވަރަށްވުރެ އަވަހަށް ދުނިޔޭއަށް ވެއްޓެން ދަތުރުކުރަމުންދާކަމަށް ސެޓެލައިޓް އުފެއްދި ކުންފުނިން ވަނީ ހާމަކޮށްފައެވެ.

މި އަހަރުގެ ދިގު މުއްދަތަކަށް ދަ ހިއުމަނިޓީ ސްޓާރ ދުނިޔެ ވަށައި އެނބުރެމުންދާނޭކަމަށް ކުރިން ލަފާކުރެވުނުއިރު މިއީ ބޮޑު ޑިސްކޯ ބޯޅައަކާއި ވައްތަރު ސެޓެލައިޓެކެވެ. އަދި އެ ސެޓެލައިޓަކީ އެއްވެސްކަހަލަ ސައިންޓިފިކް ބޭނުންމެއް ހުރި އެއްޗެއްވެސް ނޫނެވެ. ހީކުރި ވަރަށްވުރެ އަވަހަށް އެ ސެޓެލައިޓް ވެއްޓެން ދަތުރުކުރާއިރު އެ ސެޓެލައިޓް ލޯންޗުކުރެވުނީ އިންސާނުން އެމީހުންގެ އަމިއްލަ ހަޔާތާއި އަމަލުތަކާއި ދޭތެރޭ ތަންކޮޅެއް ތަފާތުގޮތަކަށް ވިސްނައި ފިކުރުކުރުވުމަށްކަމަށް އެ ސެޓެލައިޓް ލޯންޗުކުރި ރޮކެޓް ލެބް ކުންފުނީގެ އިސްވެރިޔާ ވަނީ ހާމަކޮށްފައެވެ.

ބޮޑު ޑިސްކޯ ބޯޅައެއްގޮތަށް ފަރުމާކުރެވިފައިވާ އެ ސެޓެލައިޓްއަކީ 65 ރިފްލެކްޓިވް ޕެނަލް ހިމެނޭ ކާބޮން ފައިބާރއިން އުފެއްދިފައިވާ ސެޓެލައިޓެކެވެ. އެ ސެޓެލައިޓް ޖައްވުގައި ދަތުރުކުރަމުންދާއިރު އެނބުރުމުގެ ސަބަބުން އެޔަށް އެޅޭ އަލި ރިފްލެކްޓްވެ ނިވިދިއްލޭފަދަ ގޮތަކަށް ދުނިޔެއަށް ފެނިގެންދާނެއެވެ. ދަ ހިއުމަނިޓީ ސްޓާރ ދުނިޔެއަށް ވެއްޓުމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭނޭކަމަށް ބެލެވިފައިވާއިރު އެ ސެޓެލައިޓް ދުނިޔޭގެ އެޓްމޮސްފިއާގެ ތެރެއަށް ވަނުމަށްކުރާ ދަތުރުގައި އަނދައި ހުލިވެ އެ ސެޓެލައިޓްގެ އެއްވެސް ހިލަމެއްވެސް ނުވާނޭކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު