މިއީ ސަރުކާރުގައި ގާތްގަނޑަކަށް 25 އަހަރު ހޭދަކޮށް، އަދިވެސް ހުއްޓުމެއްނެތި ސަރުކާރުގައި މަސައްކަތް ކުރަމުން އަންނަ ހީވާގި މީހެކެވެ. މިއަދު ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ ޑިރެކްޓަރެއްގެ މަގާމް ފުރުއްވަމުން އެ ދަނީ، މީގެ އަހަރުތަކެއް ކުރިން ފަށައިގެން ހިދުމަތަށް ނުކުމެ ދެއްކި ނަމޫނާގެ ސަބަބުން ކަން ޔަގީނެވެ.

މިއީ އައްބާސް މުހައްމަދެވެ. މީގެ 25 އަހަރު ކުރިން، ޖުލައި މަހުގެ 28 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަން ފެށި ގޮތަށް، ސަރުކާރަށް، ނުވަތަ ގައުމަށް ހިދުމަތްކުރުން ހުއްޓައެއް ނުލައެވެ. އައްބާސްއަށް ސަރުކާރަށް ވަނުމުގެ ހިޔާލު ދިނީ ރަހުމަތްތެރިއެކެވެ. އެ ރަހުމަތްތެރިޔާގެ ދިން ހިތްވަރުން ކުރިއަށް ނެގި ފިޔަވަޅާއެކު މަގާމްގެ ކުރިއެރުން ލިބި މިހާރު ހުރީ އެތައް ބަޔަކު ބަލައިގަންނާނެ ފެންވަރުގެ މަގާމެއްގައެވެ. މިހާރު އޭނާވެފައި ވަނީ އެތަކެއް މުވައްޒަފުންގެ ބައްޕައަކަށެވެ.

"އޭރުގެ ވަރަށް ގާތް ރައްޓެއްސެއް، އޭނާ އުޅޭނެ އަބަދުވެސް ސަރުކާރުގައި އޭރުން ފެށިގެން. އޭރު އަޅުގަނޑު އުޅުނީ ގްރޭޑް 10ގައި. ދެން އޭނާ އަޅުގަނޑު ކައިރީ ބުނާނެ ސަރުކާރަށް ވަންނަން ހިނގާށޭ، އޭނާ އެގޮތަށް އަބަދު ވާހަކަދައްކަން ފެށުމުން ވަންނަ ހިތްވެގެން ގްރޭޑް 10 ގައި އުޅެފައި އީޕީއެސް ސްކޫލުން ޖީސީއޯލެވެލް ހަދާފައި ސަރުކާރަށް ޖޮއިން ކުރީ". އައްބާސް ވިދާޅުވިއެވެ.

އައްބާސް “ވަގުތު”އަށް އިންޓަވިއު ދެނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ރަހުމަތްތެރިޔާގެ އެދުމަށް ސަރުކާރަށް ވަދެ، ފިނޭންސް މިނިސްޓްރީގެ ފައިސާއާ ބެހޭ ބައިގައި އައްބާސް ދިޔައީ ވަރަށް އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އެތަނުގައި އެކިއެކި ލޯންތައް ބަލަހައްޓާ، ލޯންތަކާއި ގުޅޭގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދިޔައެވެ.

އަދި އެތަނުގައި ތިން އަހަރު ދުވަހު އުޅުމަށްފަހު ހޯމް މިނިސްޓްރީއަށް ބަދަލުވީ، އޭނާ ފައިސާއާ ގުޅޭ ކަންކަން ކުރުމަށް އާއިލާއިން ބޭނުންނުވާތީއެވެ. އޭނާ ހޯމް މިނިސްޓްރީގައި ފުރަތަމަ މަސައްކަތް ކުރަމުން ދިޔައީ އެންޖީއޯ ރެޖިސްޓްރޭޝަން ސެކްޝަންގެ އެސިސްޓެންޓް ޑިރެކްޓަރެއްގެ ވަޒީފާގައެވެ. އަދި އޭގެ ފަހުން އޭނާ މިނިސްޓަރގެ ޕީއޯ ޑެޕިޔުޓީ ޑިރެކްޓަރަކަށް ބަދަލުކުރިއެވެ. އަދި ފަހުން އޭނާ ވަނީ ނޭޝަނަލް އިވެންޓް ޔުނިޓަށް ބަދަލުކޮށްފައެވެ.

އެންމެ ކުރީގެ މަސައްކަތްތައް ކުރަމުންދިޔަ ގޮތަށް އަލިއަޅުވާލަމުން އައްބާސް ވިދާޅުވީ، އޭރު މާގިނަ ކޮމްޕިޔުޓަރުތަކާއި އެއްޗެހި ނުހުންނާތީ ގިނަ މަސައްކަތްތައް ކުރަން ޖެހޭނީ އަތުން ކަމަށެވެ. މިހާރު ޒަމާން ބަދަލުވެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރައިގެން ގޮސްފައިވާތީ މިހާރު ކޮންމެ ކަމެއްވެސް ކުރަން ޖެހެނީ ކޮމްޕިޔުޓަރު ބޭނުންކޮށްގެންނެވެ.

"އޭރު ގިނަ މަސައްކަތްތައް ކުރަން ޖެހެނީ ފޮތްފޮތުގައި ލިޔެގެން އަތުން. ދެން މިހާރު ވަރަށް ތަފާތު، ކޮމްޕިޔުޓަރު ބޭނުންކޮށްގެން ހުރިހާ މަސައްކަތްތަކެއް ކުރަނީ، އެއްވެސް އެއްޗެއް އަތުން ލިޔާކަށް ނުޖެހޭ. އަދި މިހާރު މަސައްކަތް ކުރާއިރު، ވަރަށް ވަރަށް ބޮޑަށް ފަސޭހަ ކުރިއާ ބަލާފައި" އައްބާސް ވިދާޅުވިއެވެ.

މީގެ އަހަރުތަކެއް ކުރިން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ، މި ޒަމާނާ ބަލާފައި ވަރަށް ކުޑައެވެ. އެކަން ފާހަގަކުރަމުން އައްބާސް ވިދާޅުވީ، އޭނާ ފިނޭންސް މިނިސްޓްރީއަށް ވަންއިރު މުސާރާގެ ގޮތުގައި ލިބެމުންދިޔައީ 1200 ވަރަކަށް ރުފިޔާ ކަމަށެވެ. އަދި ހޯމް މިނިސްޓްރީއަށް ބަދަލުވެގެން މުސާރަ 1500 އަށް ބަދަލުވިއިރު، ފަހުން ފަހުން އައިސް މުސާރާގެ އޮނިގަނޑުތަކާއި، އެލަވެންސްތައް އިތުރުވެ، މުސާރާ ފުދޭވަރަކަށް ރަނގަޅަށް ލިބެމުންދިޔަ ކަމަށް އައްބާސް ފާހަގަކުރިއެވެ.

"އަޅުގަނޑު އޭރު ނުޖެހޭނެ އެއްވެސް ކަހަލަ ކަންތަކެއް ކުރާކަށް. އަޅުގަނޑަށް ލިބޭ ލާރިން ބޭނުން އެއްޗެއް ގަނެވޭ ހަމަ، ގަނެފައި ބާކީވެސްވޭ، ދެން އެއްޗެހި ވެސް އޭރު ފުދޭވަރަކަށް އަގުހެޔޮކޮށް އުޅެނީ" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ، ހޯމް މިނިސްޓްރީގެ މާހައުލަކީ ވަރަށް އެކުވެރި މާހައުލެއް ކަމަށެވެ. އަދި މިނިސްޓްރީގެ ހުރިހާ ސްޓާފުންނަކީ ވަރަށް އެކުވެރި، ގުޅިގެން މަސައްކަތް ކުރާ ބައެއްކަން ފާހަގަކުރިއެވެ.

އިވެންޓް ޔުނިޓްގައި މަސައްކަތް ކުރަމުން އަންނަ އައްބާސް ވިދާޅުވީ، ރާއްޖޭގައި ފާހަގަކުރާ ހުރިހާ ދުވަސްތަކެއް ފާހަގަކުރުމާއި، ނެޝަނަލް ހުރިހާ އިވެންޓްތަކެއް ފާހަގަކުރަނީ އެ ޔުނިޓުން ކަމަށެވެ.

"މިގޮތަށް މަސައްކަތް ކުރާއިރު، މުޅި މިނިސްޓްރީގެ އެންމެން ވަރަށް ގައުމީ ޖޯޝަކާއެކީގައި ވަރަށް އެކުވެރިކޮށް ހުރިހާ މަސައްކަތަކެއްވެސް ކުރާނީ". އައްބާސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އޭނާ އެހާ ދުވަސްވަންދެން ސަރުކާރުގައި އަދި ހޯމް މިނިސްޓްރީގެ މަސައްކަތުގައި ދެމިހުރުމުގެ އަސްލަކީ އާއިލާގެ ފަރާތުންނާއި، މިނިސްޓްރީގެ މުވައްޒަފުން ފަރާތުން ލިބެމުންދާ އެއްބާރުލުމާއި، އެކުވެރިކަމުގެ ސަބަބުން ކަމަށެވެ.

"ހާއްސަކޮށް އަޅުގަނޑުމެންގެ މިނިސްޓަރ އަދި ސްޓޭޓް މިނިސްޓަރ އަދި ޕީއެސްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ހަމަ ކޮންމެ އިވެންޓެއް ނިންމާލާއިރުވެސް އެބޭފުޅުންގެ ވަރަށް ޕޮޒިޓިވް ކޮމެންޓްތަކެއް ލިބޭނެ އެހެންވެ ވަރަށް އުފާވޭ. ވަރަށް މަސައްކަތް ކުރާ ހިތްވޭ". އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީގޮތުގައި، މަސައްކަތުގެ މާހައުލުގައި އުޅޭއިރު، ވަރަށް ގިނައިން އުފާވެރި ދުވަސްތަކާއި ދިމާވާ ކަމަށެވެ. އެގޮތުން އިވެންޓްތައް ނިމުމުން، މިނިސްޓަރ އަދި އެ މިނިސްޓްރީތަކުގެ ވެރިންނާއި، އާއްމުންގެ ފަރާތުން ލިބެމުންދާ ކޮމެންޓްތަކުގެ ސަބަބުން ވަރަށް އުފާވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކޮންމެކަމެއްގައިވެސް ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ. އެކަންކަން ރަނގަޅު ކުުރުމަށް މަސައްކަތް ކުރަންވެސް ޖެހޭނެއެވެ، އައްބާސް ފާހަގަކުރިގޮތުގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި، މިނިވަން މުވައްސަސާތަކުގެ މުސާރާގެ ތަފާތުކަމެއް އެބަހުއްޓެވެ.

"ސަރުކާރުގެ ދެ އޮފީހުގައިވެސް ހަމަ އެއް ވަޒީފާއެއްގައި އުޅޭ މީހުންގެ އެބަހުރޭ މުސާރައިގެ ތަފާތުތަކެެއް. މިސާލަކަށް މިނިވަން މުވައްސަސާއެއްގައި މަސައްކަތް ކުރާ މީހަކަށް ލިބިދާނެ ގިނަ ފައިސާ، އެކަމަކު އެ މަސައްކަތް ކުރާ ސަރުކާރުގެ މުވައްޒަފަށް މި ލިބެނީ މަދުން. އަޅުގަނޑަށް ހީވަނީ އެކަހަލަ ކަންތައް ރަނގަޅުކޮށްލީމަ ރަނގަޅުވާނެ ކަންނޭނެ". އައްބާސް ވިދާޅުވިއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަސްވެރިޔާ

    އައްބާސް އަކީ ވަރަށް ނަމޫނާ ބޭފުޅެއް، ދުއްވާ އެއްޗެއްސާއި ދުރު ވަރަށް ރަގަޅު އަޚްލާގެއްގެ ސިވިލް ސަރވެންޓެއް. އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގައި މިފަދަ ނަމޫނާ ޒުވާނުން ދެއްކުން.

    25
    3
  2. ސާނު

    އަޅުގަނޑަށް އައްބާސް މުހައްމަދު (އައްބި) ފާހަގަ ކުރެވެނީ މުވައްޒަފުންނާ ގުޅޭ މަސައްކަތައް ވަގުތުދެއްވާ ހީވާގި ވެރިއެއްގެ ގޮތުގާ. ވަރަށް ކުރާހިތުން މަސައްކަތް ކުރއްވާނީ. ކުރާ މަސައްކަތެއް ރަނގަޅަށް ކުރައްވާނެ. އެކުގާ މަސައްކަތްކުރައްވާ މުވައްޒަފުން ދެކޭނީ އެންމެ ގާތް ރަހްމަތްތެރިންގެ ގޮތުގާ. އެންމެ ހާއްސަ ކަމަކީ މަސައްކަތް ކިތަންމެ ބުރަޔަސް ހާސްކަމެއް ނުފެންނާނެ. އަބަދު ހިނިތުންވެފަ ހުންނާނީ. ޣއސނ

    11
  3. އަބްދުސަމަދު

    އަޅުގަނޑު އައްބާސްއާއި ދިމާވީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރަން އުޅުނު އިރު. ފާހަގަވީ ވަރަށް އެހީތެރިވާ ބޭފުޅެއްކަން. އަދި ހެޔޮކަންކަމަށް، ރަނގަޅު ކަންކަމަށް ހިއްވަރުދެއްވާ އަޑުއައްސަވާ ބޭފުޅެއް. އައްބާސްއަށް އަޅުގަނޑު ހަނދުމަފުޅުނެތިދާނެ. އެކަމު އައްބާސްގެ އިޙްލާސްތެރި ހެޔޮކަން އަޅުގަނޑު ހަނދާން ހުންނާނެ.

  4. ވާހަކަ

    މިއުސިކްގެ އަޑު ތަންކޮޅެއް މަޑު ކޮށްލިނަމަ ވަކީން ފުރިހަމަވީސް ތިޔަ އިންޓަވިއު. އައްބާހަކީ އެއްވަނައިގެ މީހެއް.