ބޮލީވުޑްގައި މަޝްހޫރު ބަތަލް، އާމިރް ހާންގެ ފިލްމު "މަހާބާރަތާ" ގެ މައްސަކަތް ފެށެން ކައިރިވެފައިވާއިރު "މަހާބާރަތާ" އުފައްދަން ރިކޯޑް ބަޖަޓެއް އެކުލަވާލަން ނިންމައިފިއެވެ.

އާމިރުގެ މި ފިލްމު އުފެއްދުމަށް އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ މުކޭޝް އަންބާނީ، 1000 ކަރޯޑު ރުޕީސް ދޭން ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން އާމިރް މަހާބާރަތާ ގެނެސްދޭނީ ތިނެއް ނޫނީ ފަސް ފިލްމަށް ބަހާލައިގެންނެވެ.

ބޮލީވުޑްގެ އެތަށް ޕްރޮޑިއުސަރުން އާމިރުގެ މި ފިލްމު ޕްރޮޑިއުސް ކުރުމަށް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ އިރު އެ ފިލްމުގެ މަސައްކަތްތަކާއި ބެހޭ ގޮތުން މީޑިއާ ގައި ގިނަ ވާހަކަތަކެއް ނުދެކެވުނަސް ވަރަށް އަވަހަށް އެ ފިލްމާއި ބެހޭގޮތުން މީޑިއާގައި އާމިރު ވާހަކަ ދައްކާނެ ކަމަށް ބެލެވެ އެވެ.

ފިލްމާއި ބެހޭގޮތުން މީގެ ކުރިން އާމިރް ބުނެފައި ވަނީ މިއީ އޭނާގެ ޑްރީމް ޕްރޮޖެކްޓަކަށް ވާތީ މި ފިލްމަކީ ބްލޮކްބާސްޓާ ފެންވަރުގައި ތައްޔާރު ކުރެވޭ ފިލްމަކަށް ހަދަން ބޭނުންވާކަމަށެވެ.

އާމިރު ބުނީ 'މަހާބާރަތާ' ފިލްމުގެ މަސައްކަތައް އޭނަގެ ހަޔާތުން 15 ނޫނީ 20 އަހަރު ހޭދަ ކުރަން ޖެހޭނެ ކަމަށާއި މި ފިލްމުގެ މަސައްކަތައް އޭނާ ބޮޑު ޝައުގުވެރިކަމެއް ހުރިއިރު އެނާ ބޭނުންވަނީ މި ފިލްމަކީ "ވޯލްޑް ކްލާސް ފިލްމު ސީރީޒް" އަކަށް ހަދަން ކަމަށެވެ.

އާމިރްގެ ފިލްމުތައް އަންނަނީ ބޮކްސް އޮފީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އާމިރްގެ އެންމެ ފަހުން ނިކުތް ފިލްމު "ސީކްރެޓް ސުޕަސްޓާ" އަށް ވަނީ ދާދިފަހުން ޗައިނާގެ ބޮކްސް އޮފީހުގައި 700 ކަރޯޑު ހޯދާފަ އެވެ.