ސެމްސަންގް ކުންފުނީގެ އައު ފޯނު ގެލެކްސީ ފޯލްޑް އާންމު ނަމުންނަމަ ފަތްޖެހި ފޯނު މިމަހުގެ 26 ވަނަ ދުވަހު ބާޒާރަށް ނެރެން ނިންމާފައި ވަނިކޮށް ފަސްކޮށްފިއެވެ.

މި ފޯނު ނެރުން ލަސްކޮށްފައިވަނީ ބައެއް މޮޑެލް ފޯންތައް ހަލާކުވާ މައްސަލަ ފެންމަތި ވުމުގެ ސަބަބުންނެވެ. މި ހަފްތާގެ ފެށުން ދިމާވެފައިވަނީ ފަތްޖެހި ފޯނުގެ ދެރަކަމާއި ފީކަޅާކަމުގެ ވާހަކަ ތަކުންނެވެ. މި ގޮތުން މި ފޯނު ބޭނުން ކޮށްފައިވާ ބައެއް ފަރާތްތަކުން ބުނެފައިވަނީ ފޯނު ބޭނުން ކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވަނީ ފޯނުގެ ޑިސްޕްލޭ ހަލާކުވެފައިވާކަމަށެވެ. ބައެއް ފަރާތްތަކުން ވަނީ ފޮޓޯ އަދި ވީޑިއޯ މެދުވެރިކޮށް ޓުވިޓާގައި މި ވާހަކަތަށް އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ސެމްސަންގް ކުންފުނިން ބުނެފައިވަނީ ގެލެކްސީ ފޯލްޑް ނެރޭނީ އެއަށް ދިމާވި ކަމަށް ބުނާ ހުރިހާ މައްސަލައެއް ބަލައި، އެކަން ރަނގަޅު ކުރުމަށްފަހު ކަމަށެވެ. އަދި އެކަން ވަރަށް ސީރިއަސްކޮށް ބަލަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. މި ކުންފުނިން ބުނެފައިވަނީ މާ ގިނަ ދުވަހެއް ނުކޮށް ފޯން އަލުން ނެރޭނެ ދުވަހެއް އިއުލާން ކުރާނެ ކަމަށެވެ. މި ދިމާވި މައްސަލައާއި ގުޅިގެން ހޮންގްކޮންގްއާއި ޝަންހާއީގައި މި ހަފްތާ ތެރޭގައި ބާއްވަން ހަމަ ޖެހިފައިވާ އިވެންޓްވެސް ވަނީ ކެންސަލްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގެލެކްސީ ފޯލްޑްގެ އަގުތައް ފެށެނީ 2،000 ޑޮލަރު (30،840) ރުފިޔާ އިންނެވެ.