މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ޒުވާނަކަށް މީގެ އަހަރުތަކެއް ކުރީން ދިމާވި ނާމާން ހާދިސާއެކެވެ. މި ވާހަކަ ލިޔެފައި ވަނީ ހާދިސާ ދިމާވި ފަރާތުން "ވަގުތު" އާއި ޙިއްސާކުރި މަޢުލޫމާތާއި އެއްގޮތްވާގޮތަށްް، ހާދިސާއަށް އުނި އިތުރެއް ނުގެނެވިއެވެ. ނަމަވެސް ސަބަބުތަކަށްޓަކައި މި ވާހަކައިގައި ބޭނުންކޮށްފައި ވާނީ އަސްލު ނަންތަކެއް ނޫނެވެ.

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. އެހެނަސް އެދުވަސް އަހަރެންގެ ހަނދާނުގައި ހަރުލާފައިވަނީ އިއްޔެ ހިނގާ ދިޔަ ކަމެއް ފަދައިންނެވެ. ޒުވާން ކަމުގެ އަވައިގައި ޖެހި، ޒުވާން ދުވަސްވަރުގެ ފޮނި މީރު ޝަރާބުން މަސްތުވެ، އޭގެ ލައްޒަތުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ހިނގި އެ ހާދިސާ އިތުރު އެހެން މީހަކަށް ކުރިމަތިވުމަށް އަހަރެން ނޭދެނީ އެދުވަހުގެ ނާމާން އަދި ބިރުވެރި އިހުސާސްތަކުން އަދިވެސް އަހަރެންގެ ހިތް ނުތަނަވަސްވެފައިވާ މި ހާލު އިތުރު މީހަކަށް މެދުވެރިވުމަށް ނޭދޭތީއެވެ.

އަހަންނާއި ޒަރާގެ ލޯބީގެ ގުޅުމަށް އޭރު ވާނީ މަހެއްހައި ދުވަހެވެ. އެހެނަސް އަހަރެމެން ލޯބީގެ ޝަބްނަމުން ގުލްހަޒާރުމާތަކަށް އާރޯކަން ގެނުވަމުން ދިޔައީ އެގޮތުގައި ނިމިދާންދެން ތިބެ އެ ގުޅުން ތާއަބަދަށް ދަމަހައްޓާން އެދޭ ހާލުގައެވެ. ޒަރާއަކީ އަހަރެންގެ ހަޔާތުން ޖާގަ ހޯދި ފުރަތަމަ ކުއްޖާއަށް ނުވީނަމަވެސް އޭނާއަށް އަހަރެންގެ ހިތުން ދެވުނު ދަރަޖަ މިއަދާއި ހަމައަށްވެސް އިތުރު މީހަކަށް އަހަންނަކަށް ނުދެވި ވަނީ އަހަރެނަގެ ކުށަކުންނެއް ނޫނެވެ.

ލޯބީގެ ގޮތުން އަހަންނާއި ޒަރާ ގުނަމުން ދިޔަ ފުރަތަމަ އެ ދުވަސްކޮޅަކީ އަހަރެމެން އެކުގައި ލޯބިން އެތައް ތަޖުރިބާތަކެއް ކުރި ގިނަ ހަނދާންތަކެއް ޝާހީގެ ފޮތުގައި ލިޔެވިގެންދިޔަ ދުވަސްކޮޅެކެވެ. ދެމީހުނަށްވެސް ލިބިފައިވީ މިނިވަންކަން އެކަމަށް ލިބުނު އިތުރު ހިއްވަރަކަށްވެސް ވިއެވެ.

އެރެއަކީ އާދައިގެ މަތީން އަހަންނާއި ޒަރާ ދުއްވާލަން ދިޔަ ރެއެކެވެ. އަހަރެމެން އެރޭވެސް ދުއްވަމުން ދިޔައީ އެހެން ރޭތަކެކޭވެސް އެއްފަދައިން އަހަރެމެން ދާ މަންޒިލަށް ވާސިލްވުމަށެވެ. ރަށުގެ އެންމެ ދެކުނުން ހުޅަނގުގައި އޮންނަ ހިތްފަސޭހަ ގޮނޑުދޮށުގައި ތިބެގެން އަހަރެމެންގެ ލޯބީގެ ވާހަކައަށް ސަފުޙާތަކެއް އިތުރު ކޮށްލުމަށެވެ. ރަށުގެ ފުއްޓަރު ފަރާތުގައި އޮންނަ އެ ގޮނޑުދޮށަކީ އާންމުކޮށް މީހުން ގޮސް ނޫޅޭ ފަޅު ހިސާބެއް ކަމުން އަހަރެމެން އެކުގައި އެންމެ މިނިވަންކަމާއި އެކު ވަގުތު ހޭދަކޮށްލުމަށް އެތަނަކީ "އެއްވަނަ" އެވެ.

އެރޭގައިވެސް އަހަރެން ޒަރާ ގޮވައިގެން ގޮސް މަޑުކޮށްލީ ގޮނޑުދޮށާއި ދާދި ކައިރީގައި ހުންނަ ބޮޑު ފުނަ ގަހުގެ ކައިރިއަށެވެ. ސާދަ ފަނަރައިގެ ފުރިހަމަވެފައިވީ އެރޭގެ ހަނދުން، ގަހުގެ ފަތްތަކުގެ ތެރެއިން ފުރޭނިގެން އައިސްފައިވާ ދޯދިން އަހަންނަށް ޒަރާގެ ޖާދޫވީ މޫނާއި ރަކި ހިނިތުންވުން އެއްވެގެންދާ މަންޒަރު ރީތިކޮށް ފެނެއެވެ.

ޒަރާގެ ގައިގައި ބއްދާލައިގެން ސައިކަލުގެ އެއް އަރިމައްޗަކަށް ލެނގިލައިގެން ހުރެ އަހަރެ ދިޔައީ ލޯބީގެ ފޮނި ވާހަކަތަކުން އޭނާގެ ހިތް ފުރުވައިދެމުންނެވެ. އޭނާވެސް އޭނާގެ ހިތުގައި އަހަންނަށް ދެވިފައިވާ ދަރަޖަ އަހަންނަށް ހަނދާންކޮށްދެމުން ދިޔައިރު އަހަރެމެން ދެމީހުނަށް ތިބެވުނީ ލޯބީގެ މާތަކުން ފުރިފައިވާ ބަގީޗާއެއްގައި ކަހަލައެވެ.

ލައްޒަތުން ފުރިފައިވި މި ބަގީޗާއަށް ބަހާރުމޫސުން ގެނުވަމުން ދެގޮތެއް ނުވާ ލޯބީގެ ފުން ކަނޑަށް އޭރު އަހަންނާއި ޒަރާ ގެނބިގެން ދަނީއެވެ. ލޯބީގެ އިޝްގުން ފުރިގެން އެކަމަށް ފެންބޮވައި ގަނެވިފައި ތިބިލެއް ބޮޑުކަމުން، އެވަގުތު އަހަރެމެންނަށް ތިބެވުނު ތަނަކާއި މެދު އެއް ގޮތަކަށްވެސް އަހަރެމެން ނުވިސްނަމެވެ. ވިސްނާނެ ފުރުސަތެއް ނުވަތަ ހިނދުކޮޅެއްވެސް އަހަރެމެންނަށް އޭރުގައި ނެތީއެވެ.

ވަގުތީ އެދުމެއްގައި މަސްއޫލުވެގެން އަހަރެމެން މާސިންގާ ޖަންގައްޔެއްގެ ތެރެއަށް ގެއްލިފައިވީ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނީ އެއްލާލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތް އެއްޗަކުންނެވެ. އަހަރެމެން ދެމީހުން ތިބި ދިމާލަށް މަތީގައި، ފުނަ ގަހުގެ އެންމެ ތިރީގައި ހުރި ގޮފިގަނޑެއްގައި އެލިގެން އޮތީ ޔަޤީނުންވެސް އިންސާނެއް ނޫނެވެ..

ވަގުތީ އެދުމެއްގައި މަސްއޫލުވެގެން އަހަރެމެން މާސިންގާ ޖަންގައްޔެއްގެ ތެރެއަށް ގެއްލިފައިވީ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނީ އެއްލާލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތް އެއްޗަކުންނެވެ. އަހަރެމެން ދެމީހުން ތިބި ދިމާލަށް މަތީގައި، ފުނަ ގަހުގެ އެންމެ ތިރީގައި ހުރި ގޮފިގަނޑެއްގައި އެލިގެން އޮތީ ހަމަ ގައިމުވެސް އިންސާނެއް ނޫނެވެ. ބިރުވެރި ސިފައެއްގައި ހުރި އެ ބިރުވެރި "އެތި" އޭގެ މާސިންގާ ރަތްކުލައިގެ ކަޅި އެއްފަހަރުވެސް ޖަހައިނުލައި ބަަލަން އޮތީ އަހަރެމެންނާއި ދިމާލަށްކަން އަހަންނަށް ޔަޤީން ކުރެވެއެެވެ.

ސިހިފައި ހުރިލެތް ބޮޑު ނަމަވެސް އަހަރެން ހުރީ ހިއްވަރުކޮށްލައިގެންނެވެ. ކުޑަކޮށް ޒަރާ އާއި ދުރަށް ޖެހިލުމަށްފަހު ސައިކަލުގައި އަޅުވާފައު އޮތް ޓީޝާޓު ނަގައި "ބޮލުން ވައްޓާލައި"ގެން ދާން އަވަސްވެގަތީމެވެ. ޒަރާ އެކަމާއި ނުރުހުން ވެފައި ހުރިކަން އަހަންނަށް އެނގުނެއް ކަމަކު އެނޫން އިތުރު ގޮތެއް ނެތްކަން އަހަންނަށް އެނގެއެވެ. މަތިން ގަހުގެ ފަތްތައް ހެލޭ އަޑު އޭރު އިވެމުން ދިޔައެވެ. "އޭތި" ތިރިޔަށް އަންނަނީ ކަމަށް އަހަރެން ހުރީ ނިންމައިގެންނެވެ. ހިތުން ކިއުނުހައި ހެޔޮ އެއްޗެއް އަހަރެން ހުރީ ކިޔާށެވެ. މި ހާލުގައި ހުރެ އެކަމުން ކުރާނެ އަސަރެއް ނެތްކަން އެނގޭ ހާލުގައިވެސް މެއެވެ.

އަހަންނަށް ހުރެވުނީ ގަނޑުވެފައެވެ. އޭރު ވެގެން އުޅެގޮތެއް ޒަރާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އޭނާވެސް ދާން ތައްޔާރުވަނީއެވެ. ޒަރާ އަށް އަހަންނަށް ފެނުނު މަންޒަރު ފެނިއްޖެނަމަ އަދި މާ ބޮޑަށް ބިރު ގަންނާނެކަން އެނގޭތީ އެ މަންޒަރު އޭނާއަށް ފެންނާނެ ފުރުސަތެއް ނުދީ އަވަހަށް އެތަނުން ދާން ވެއްޖެ ކަމަށް ބުނެ އަހަރެން ސައިކަލަށް އަރައި ސްޓާޓްކޮށްލެވޭތޯ ބެލީމެވެ. އެހެނަސް ސައިކަލު ސްޓާޓު ވާގޮތެއް ނުވިއެވެ.

އަހަރެމެން ދެމީހުންގެ "ޒަމާން މި ދިޔައީ" ކަމަށް ނިންމައިގެންވެސް އަހަރެން މަސައްކަތް ކުރަމުން ދިޔައީ ސައިކަލު ސްޓާޓު ކުރުމަށެވެ. އެއްފަހަރުވެސް މައްޗަށް ބަލައިލާނެހައި ހިއްވަރެއް އަހަރެންގެ ގައިގައި ނެތެވެ. ދެން ފެނިދާނެ ބިރުވެރު މަންޒަރަކުން ވާނެ ގޮތެއް ހުދު އަހަންނަށްވެސް ނޭނގޭތީއެވެ.

ސައިކަލު ސްޓާޓު ކުރެވޭތޯ މަސައްކަތް ކުރަމުން ދަނިކޮށް މާގިނައިރެއް ނުވެ އެކަން ކާމިޔާބުވެއްެޖެއެވެ. ޒަރާ ފަހަތަށް އެރުމާއި އެކު ވީ އެންމެ ބާރަކަށް އަހަރެމެން އެތަނުން "ނައްޓާލެވޭތޯ" ބެލީވެ. ނަމަވެސް ސަައިކަލު ކުރިއަށް ނުގޮސް މަޑުޖެހިފައި ހުރީއެވެ. ފަހަތުން މީހަކު ހިފަހައްޓައިގެން ހުރި ކަހަލައެވެ. އެހެނަސް ފަހަތަށް އެނބުރި ބަލާން ނެތި އަހަރެން ބެލީ ކުރިއަށް ފައިން ސައިކަލު ދަމައިގެން ނަމަވެސް އެތަނުން ދެވޭތޯއެވެ. ވީގޮތެއް ނޭނގިގެން ހިތްހަމަ ނުޖެހިފައި ހުރެ އޭރު ޒަރާ ސުވާލު ކުރަމުން ދެއެވެ. ދޭނެ ޖަވާބެއް ނެތި ބިރުން ފިއްކަނޑައިގެން ދާވަރުވިއިރުވެސް އަހަރެން ހުރީ އަނގައިން ނުބުނެއެވެ. ސައިކަލު ކުރިއަށް ދުވަން ފެށީ އެތަނުގައި ތާށިވެފައި އަހަރެމެން ތިބޭތާ ދިހަ ވަރަކަށް މިނެޓުވެސް ވީފަހުންނެވެ.

އެ ބިޔަ ޖަންގަލީން ނިކުތުމަށަ ބާރު ބާރަށް ދުއްވާފައިދިޔަ މަގުމަތީގައި ޒަރާ އޭނާގެ ކަރުގައި އެއްޗަކުން ޖެހުނުކަމަށް ބުންޏެވެ. އޭނާ އޭރު ހުރީ ބިރުގަނެފައިކަން އަހަންނަށް އެނގެއެވެ. ވެގެން އުޅެގޮތް އަހަންނަށް އެނގޭތީ ސައިކަލު މަޑުނުކޮށް ދުއްވާފައި ގޮސް އެތަނުން ނިކުމެ ޒަރާ ގެޔަށްލާފައި އަހަރެންވެސް އައީ ގެއަށެވެ.

ގެއަށް ގޮސް ފޯނު ބަލައިލިއިރު ޒަރާގެ މެސެޖެއް އަހަންނަށް ލިބިފައި އޮތެވެ. އޭނާގެ ކަރުގައި ދެފަރާތުން ބާރަށް ވަކިއަޅަފައިވާކަމުގެ ނިޝާން ފެންނާން ހުރި ފޮޓޯއެއްވެސް ފޮނުވާފައި އިނެވެ. އަދި ވާ ތެރެއިން ނިކުންނަން ދުއްވާފައި ދިޔަ ވަގުތުގައި ކަމެއް ގޯސްވެއްޖެކަން އެނގުނު ކަމަށާއި ފަހަތުން މީހަކު ދުވެފައި އައި އަޑު އިވުނު ކަމަށް ޒަރާ ބުންޏެވެ. ނަމަވެސް ކަރުގައި ހުރި ނިޝާންތައް ފެނުމާއި ހަމައަށް ހީކޮށްގެނަ ހުރީ އެއީ "ކޮންމެވެސް މީހެއް" ކަމުގައި ކަމަށް އޭނާ ބުންޏެވެ.

ހިނގައިދިޔަ ހާދިސާއަށްފަހު ވީގޮތެއް އަހަންނަކަށް ނޭނގުނެވެ. ޒަރާ އެރެއަށްފަހު އަހަންނާއި ދުރުވާކަން އަހަންނަށް އައީ ފާހަގަ ކުރެވެމުންނެވެ. އެރެއަށްފަހަށް އޭނާ އަހަންނާއި ބައްދަލުވެސް ވާން ބޭނުން ނުވާއިރު އަހަރެމެންގެ އުންމީދުން ފުރިގެންވީ ގުޅުން ނިމެން މާގިނަ ދުވަހެއް ނުވެއެވެ. އޭގެ ފަހުން އެތައް އަހަރެއް ވެގެނަ ދިޔައިރު އަހަރެން ޒަރާ ނުވެސް ދެކެމެވެ. އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަހަންނަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ނުދިންތާ އަންގާވެސްނުލައެވެ.

އެ ހާދިސާއަށްފަހު އަހަރެން ދުވަހަކުވެސް "އެތަނަކަށް" ނުދަމެވެ. އަދި ޒަރާއަށްފަހު އިތުރު ކުއްޖަކާއިވެސް ލޯބީގެ ގުޅުމެއް ނުބާއްވަމެވެ. އެ ބިރުވެރި ހާދިސާއަށްފަހު އަހަންނަށް ވިސްނުނީ އެފަދަ ބޮޑު މުންކަރާތަކަށް އަރައިގެން އުފަލެއް ނެތްކަމެވެ. އެ ނާމާން ހާދިސާ އަހަންނަށްވީ ލިބުނު އިބުރަތަކަށެވެ.

- ނިމުނީ -

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. މާމިގިލީ މީހާ

    ފޭކު ވާހަކައެއް މީ.

    27
    43
  2. އ. ޖ. އ

    މީ ކުރިން ވެސް މި ނޫހުގަ ގެނެސްފައިވާ އެއްޗެއް..

    69
    4
  3. ވަގުތު ހޭޓަރ

    ވާހަކަ ހުސްވީތޯ އަބަދު އެކައްޗެއް

    69
    7
  4. ޚ

    އިބްރަތްތެރި ވާހަކަ އެއް.

    41
    7
  5. ހެޔޮއެދޭމީހާ

    وَذَكِّرْ فَإِنَّ الذِّكْرَىٰ تَنفَعُ الْمُؤْمِنِينَ
    ކަލޭގެފާނު ހަނދާންކޮށްދެއްވާށެވެ! ފަހެ، ހަމަކަށަވަރުން، ހަނދާންކޮށްދިނުމަކީ، مؤمن ންނަށް މަންފާކުރާނޭ ކަމެކެވެ.
    سورة الذازيات (٥٥)

    110
    3
    • އ. ޖ. އ

      ރަނގަޅު

      29
      1
  6. ތަހުތު

    މެދުރާއްޖެތެރޭކަމެއްތީ

    14
    3
  7. ކިޔާމީހާ

    މީގެ ކުރިންވެސް މިވާހަކަ ގެނެސްދީފައި އޮތެވެ

    18
    2
  8. ޛިކުރު

    ކީރިތި ޤުރުއާނުގައި ﷲ އަންގަވާފައިވާ އެންގެވުންތަކުން ޢިބުރަތެއް ޙާޞިލް ނުކުރާ ބަޔަކަށް ތިޔަ ޙާދިސާ ޢިބްރަތަކަށް ނުވަތަ ފިލާވަޅަކަށް ވާނެތޯ؟

    39
    1
  9. އޭނާރކީ

    "މި ވާހަކައަށް އަށް އުނި އިތުރެއް ނުގެނެވިއެވެ. "ދޮގު ހަދާލާދޯ "އެހެނަސް އަހަރެމެން ލޯބީގެ ޝަބްނަމުން ގުލްހަޒާރުމާތަކަށް އާރޯކަން ގެނުވަމުން ދިޔައީ އެގޮތުގައި ނިމިދާންދެން ތިބެ އެ ގުޅުން ތާއަބަދަށް ދަމަހައްޓާން އެދޭ ހާލުގައެވެ." ކިޔާދޭމީހަކު މިގޮތަކަކަށް ނުކިޔާދޭނެ.

    32
    3
    • ޙަހަ

      ލޮލް ހަހަ. ޢައި ކްރައި

      12
      3
    • ...

      ޙހަހަހަ ބައްޔެއްނު??

    • ޒާ

      ހާދިސާ އަށް އުނިއިތުރެއް ނުގެންނަ ވާހަކަ އޮތީ. ކިޔައިދިން މީހާ ކިޔައިދިން ގޮތަށް އަކުރުން އަކުރަށް ލިޔާ ވާހަކަ އެކޭ ބުނެފަ ނެތެއްނު

      23
      1
  10. ފަހުދާ

    މޭކު އައުޓު ބުނަން 6 ޕެރެގުރާފު.....ޅޮލް

    15
    3
  11. ބޭގަރާރު

    މިޒަމާނުގެ މީހުންނެއް މިހެން ދައްކާ ބިރަކަށް ފަހަކަށް ނުޖެހޭނެ. މިއުޅެނީ ﷲއަށް ވެސް ބިރު ނުގަނެގެން. އެހެން ގޮތެއް ވިސްނާ.

    20
    2
  12. ޓ

    ތިމީހުން ހަމަތިތާ ރީތިކޮށް ތިބިނަމަވެސް ތިޖިންނިއެއް ފެނުނީސް. ފެންނަން ހުރި އެއްޗެއް ފެންނާނެ. ބަދުއަޙްލާގީ ކަމެއް ހިންގަންތިބީމަ އެއީ ސަބަބު ކަމަށް ކަނޑައަޅައިގެން. ތިހެންވެއްޖެއްޔާމުން ތިތާ މަސްކަނޑަން ތިބިބަޔަކަށް ފެނުނީއްޔާ މަސްކެނޑުން ގޯސްވާނީ.

    6
    52
    • ލޮލް

      އެ ގަޑީގަ މަސް ވެރިން މަސް ކަނޑަން އޮންނާނެތިއްޔާތަ ފެންނާނީ. މަސް ކަނޑާ ގަޑި އެއް އެ ނޫނިއްޔާ ނުފެނުނީ.. އާނ މަސް ކަނޑަން އެތިބީ.

      17
      2
    • ބޯގޯސް

      އަދިވެސް މިޖަހާލަތު ހަމަ ޖާހިލީ. ކީއްތޯ ކުރާނީ.

      28
      3
    • ޢަލީ

      ކޮއްމެކަމެއް ކޮއްމެ ވަގުތަކުވެސް ކުރުމަށް ކުޅަދުންވަންތަ ފަރާތެއް ވާކަންވެސް ނިކަމެތިއިންސާނާޔަށް ނުވިސްނެނީތަ؟؟؟ ހާދަ ފަޤީރޭދޯ! ވިސްނުނީ ކާކުކޮއްދިންކަމެއްތަ؟އަމިއްލަޔަށްތަ؟؟؟

      26
      1
  13. އާދަނު

    ފޭކު ވާހަކަ އެއް. ތި ފެނުނީ ވާލެއް ކަމަށްވާނީ. ތީތި ކަޑައޭ ބްރޯ. ގަހުގެ ގޮފިގަނޑުގައި އެލިގެން ރަތްކުލައިގެ ދެލޮލެކޭ.... ޖިންނި އަކީ ވަރަށް ރީތި އެއްޗެއް. އޭގެ ލޯ ރަތެއްވެސް ނުވާނެ. ބޭފުޅާ މާގިނައިން ކާޓޫނު ބަލަނީ ކަމަށް ވެދާނެ. މިކަހަލަ އެއްޗެއް ގަބޫލުކުރާނީ މޮޔައިން

    4
    40
  14. ޢަލީ ޝަރީފުބެ

    ހާދަ ދެރައެވެ. އަހަރެމެންގެ ޒުވާނުންގެ އީމާންތެރިކަމާ ޢަޤީދާ ބަލިކަށިވާތީވެ އަހަރެން ބިރުގަނެއެވެ. ސުނާމީއެއް އެޔަސް މިއުޅޭ ކުދިން ބުނާނީ ތީ ކޯފާއެއްނޫނެވެ. ބިންހެލުން އައީމާ ބިމުއަޑީގެ އޮއިވަރަށް އައި ބަދަލަކުން ވީކެމެކެވެ. ޔާﷲ މި ޤައުމުގެ މީސްތަކުންގެ ހިތްތަކުގައި އިމާންކަމުގެ މަތިވެރިނޫރު ލައްވައި ފުރުހަމަ ޢަޤީދާގެ މަތީގައި ސާބިތުވެ ތިބުމުގެ ތައުފީޤް މިންވަރު ކުރައްވާންދޭވެ. އާމީން!

    19
    1
  15. عبدالله

    ބޭކާރުވާހަކައެއް، ތިޔަފަދަކަމެއް ނުހިނގާނެ،

    1
    8
  16. ކިންޒީ

    ލަޓޯފަޓޯ ހެދިގެންވިޔާނުދާ ގޮތްގޮތަށް ނޫޅެ އަބުރުވެރިން ގޮތުގައި ކައިވެނިކޮށްބަލަ.