މިއީ މިހާރު މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގައި (އެމްއޭސީއެލް)ގެ ސޭފްޓީ އެންޑް ކޮޕްލައިންސްގެ ޑެޕުޔިޓީ ޗީފް އޮފިސަރެއްގެ މަގާމު އަދާކުރަމުން ދާ މުހައްމަދު ޞާލިހެވެ. އެ ކުންފުނީގައި އޭނާ މަސައްކަތް ކުރަމުން އަންނަތާ މި އަހަރަށް 40 އަހަރު ވާނެއެވެ.

ޞާލިޙް އޯލެވެވް ނިންމާލީ މަޖީދިއްޔާ ސްކޫލުންނެވެ. ސަރުކާރުގެ ކޮންމެވެސް އޮފީހެއްގައި ވަޒީފާ އަދާކުރަން ޖެހުމަކީ އޭރުގައި އޮތް އުސޫލެކެވެ. އެ އުސޫލުގެ ދަށުން ޞާލިޙް އެންމެ ފުރަތަމަ ފިނޭންސް މިނިސްޓްރީގައި މަސައްކަތް ކުރަން ފެށިއެވެ. އޭގެ ފަހުން އެއާޕޯޓުން އެއާޓްރެފިކް ކޮންޓްރޯލަރެއްގެ ވަޒީފާއަށް ހުޅުވާލުމުން، އެތަނުން ވަޒީފާ ލިބިގެން ދިޔައެވެ. އެތަނުގައި މަސައްކަތް ކުރަން ފެށި ގޮތަށް އެއާޕޯޓްގެ އެކި މަސައްކަތުގައި ޞާލިޙްގެ ހިއްސާ އައީ ބޮޑުވަމުންނެވެ. ވަކިން ހާއްސަކޮށް މިހާރު އެއާޕޯޓް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި ޞާލިޙްގެ ހިއްސާ ވަރަށް ބޮޑެވެ. އަދި އޭނާއަކީ ބޭރުގެ ކަމާއި ބެހޭ މާހިރުންނާއި ވަރަށް ގާތްކޮށް މަސައްކަތް ކުރަމުން އަންނަ މީހެއްކަންވެސް ފާހަގަކޮށްލެވެއެވެ.

"އެތާ އުޅެނިކޮށް އޭރު އެއާޕޯޓް އޮފީހުން އިއުލާނުކުރީ އެއާޓްރެފިކް ކޮންޓްރޯލަރުން ޓްރެއިނިންގއަށް ބޭނުންވެޔޭ. އެއަށް އެޕްލައިކޮށްގެން އަޅުގަނޑު އެއަށް ހޮވިގެން ބެންގކޮކްގައި އެއް އަހަރުގެ ޓްރެއިނިންގ ހަދާފައި އައިސް، މިތަނުގައި ވަޒީފާ އަދާކުރަން ފެށީ. އެއީ 6 އޮކްޓޯބަރު 1979 ވަަނަ އަހަރު". ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙު “ވަގުތު”އަށް އިންޓަވިއުދެއްވަނީ - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

ޞާލިޙް ޓްރެއިނިންގ ނިންމާފައި އައިސް އެއާޕޯޓްގެ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިފަހުން، މަގާމުތަކުގެ ކުރިއެރުތައް ދިޔައީ ލިބެމުންނެވެ. މިގޮތަށް އެތަނުގައި މަސައްކަތް ކުރަމުންދާތާ 25 އަހަރުވިއިރު، އޭނާ ހުރީ އެތަނުގެ ޗީފް އެއާ ޓްރެފިކް ސަރވިސްގައެވެ. އެތަނުގައި މަސައްކަތް ކުރުމަށްފަހު ބަދަލުވީ ސޭފްޓީ ޑިޕާޓްމެންޓަށެވެ.

"ދެން އެތަނުގައި ޑިރެކްޓަރަކަށް ހުރެފައި ވަަރަށް ގިނަ މަގާމުތަކަށް ބަދަލުވެ، އެތަނުން ދެން ބަދަލުވީ ޕްރޮޖެކްޓްސްއަށް. މިތަނުގައި މީހުންނަށް އެޑްވައިސް ދިނުމުގެ ކަންތައްތަކުގައި މަސައްކަތް ކުރަމުންދިޔައީ، ދެން ވަރަށް ފަހުން އުފެއްދި މަގާމެއް މިހާރު ސޭފްޓީ އެންޑް ސެކިއުރިޓީ ކޮމްޕަލައިންސްއަކީ. މިތާގެ ހެޑަކަށް އަޅުގަނޑު މި ހުންނަނީ". ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް

މިހާރު ޞާލިޙް ކުރަން ޖެހޭ މަސައްކަތުގެ ތެރޭގައި، ސިވިލް އޭވިއޭޝަނުންނާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ގަވާއިދުތަކާއި އެއްގޮތަށް މި އެއާޕޯޓް ހިނގާތޯ ބެލުން ހިމެނެއެވެ.

ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިކަން ހުރި ޞާލިޙް ވިދާޅުވީ، އޭނާ އެއާޓްރެފިކް ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ފެށިއިރު، އެއާޓްރެފިކް ކޮންޓްރޯލް ކުރަން ޖެހެނީ އެއާޕޯޓް އޮފީހުގައި ހުންނަ ކުޑަ ދޮރެއް ކައިރީ މޭޒެއް ބަހައްޓައިގެން ކަމަށެވެ.

"އޭރުވެސް ކޮންޓްރޯލް ކުރަން، ދެން އޭރު ދުވާލަކު ފްލައިޓެއް ވަރު އުޅެނީ. ދެން ބައެއް ދުވަސް ދުވަހު ފްލައިޓެއް ނުވެސް އޮންނާނެ. އޭރު ވަރަށް ފަސޭހަ. އޭރު ދެން ބުނާނީ މަތިންދާ ބޯޓާއި ވާހަކަދެއްކުމޭ. ހަގީގަތުގައި މިހާރު އެހާ ފަސޭހަ ޖޮބެއް ނޫން އެއީ. މިހާރު ބަލާއިރު ވަރަށް ބިޒީ ދެއްތޯ" ޞާލިޙް ވިދާޅުވިއެެވެ.

ޞާލިޙް ވިދާޅުވީ، ޕައިލެޓެއްގެ ގޮތުގައި މަސައްކަތް ކުރަން ކުރިން ޝައުގުވެރިކަން ހުރި ނަމަވެސް، އެއިރު ޓްރެއިނިންގ އެއްޗެހި ހެދުމަކީ އުނދަގޫ ކަމެއް ކަމަށެެވެ. އަދި އެ ދާއިރާއިން ކުރިއަށްދާން ބޭނުންވި ނަމަވެސް ފުރުސަތު ނުލިބުނު ކަމަށް ވިދާޅުވިއެވެ.

ޞާލިޙްއަކީ އެއާޕޯޓްގެ ތަރައްގީގައި ވަރަށް ގިނަ މަސައްކަތްތައް ކުރި މީހެކެވެ. އެއާޕޯޓްގެ އާ ޓަވަރު އެޅުމުގައާއި، ރާޑަރތައް ގެނެސް އަދި އެ ނޫންވެސް ކަންކަމުގައި ޞާލިޙްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

އޭރާ މިހާރު ވަސީލަތްތަކުގެ ގޮތުން ހާސްބައި ތަފާތެވެ. އެއާޓްރެފިކް ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ފަށައިގަތްއިރު، ކުޑަ ދޮރެއް ކައިރީގައި އިންނަން ޖެހޭކަމަށް ޞާލިޙް ފާހަގަކުރިއިރު، ފަހުން އެތަނުން ރަންވޭ އާއި އެއްޗެހި ނުފެންނާތީ ސްކޫލް ބަހެއްގެ ތެރޭގައި ވެސް އެއާ ޓްރެފިކް ކޮންޓްރޯލް ކުރަމުން ދިޔައެވެ.

"ބަސް ތެރޭގައި އިނދެގެން ދެން ރޭޑިއޯ އެއްޗެހިވެސް އޮންނާާނީ ކުދިކުދި ސެޓްތައް. ދެން އެ އެހާ ދުރަަކަށް ނުދާނެ. ދެން ޓެލެފޯނަށް މި ހުންނަނީ މޭޒުމަތީ ބަހައްޓާ ލައިން ފޯން. ދެން އޭގެ އިތުރުން އަޅުގަނޑުމެންނަށް ޖެހޭ ލަންކާ އާއި އިންޑިއާއަށް ގުޅަން. އެޗްއެފް ރޭޑިއޯ ހުރޭ އޭގެންވެސް ހަޅޭލަވާލަވާ ކަރުން ހަންދާވަރުވާއިރު ކިރިޔާ އަޑު އިވޭނީ އެހާވެސް ދަށް އިކިއުޕްމެންޓްތަކެއް އޭރު ހުރީ". ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، އިކިއުޕްމެންޓްސްތައް އެހާ ދަށްކޮށް ހުއްޓާ ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެ އެއާޕޯޓް އިންޓަނޭޝަނަލް ވާން ވެގެން ކަމަށެވެ. އެހިސާބުން ފެށިގެން ފުދޭވަރަކަށް ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

ޞާލިޙް ފާހަގަކުރެއްވިގޮތުގައި، އޭނާ ފިނޭންސް މިނިސްޓްރީގެ އިނގިރޭސި ސެކެރެޓަރީއަކަށް ހުރިއިރު، 260 ރުފިޔާ މަހެއްގެ މައްޗަށް ލިބޭ ކަމަށެވެ. އެތަނުގައި ތިން މަސް އުޅުމަށްފަހު، ތައިލެންޑްގެ ބެންގކޮކްގެ ސިވިލް އޭވިއޭޝަން ސެންޓަރުގައި އަހަރެއްހާ ދުވަހުގެ ޓްރެއިނިންގ ނިންމާލުމަށްފަހު ވަޒީފާ ލިބުނެވެ. އޭރުގެ މުސާރާގެ ގޮތުގައި، ލިބެނީ 300 ރުފިޔާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭރު އޮންނަ މުސާރައިން ކަންކަން ހަމަޖައްސާލެވޭ ކަމަށްވެސް ޞާލިޙް ވިދާޅުވިއެވެ.

"އޭރު އަންހެނުންނާއި ދެ މީހުން ލިބޭ އެއްޗެހިން ހަމަޖައްސާލެވޭ. އެއިރު އޮންނަނީ ކަންމަތީ ފިހާރައިން އެއްޗެހި ނަގާނީ، އެއްޗެހި ނަގަނަގާފައި މަހު މުސާރަ ލިބުނީމަ ގޮސް ދައްކާގޮތަށް. އަސްލު ދެން އެއިރު ލިބޭ މުސާރައިން ހަމަޖެހޭ އަނެއްހެން ދައްޗެއް ނޫން" ޞާލިޙް ވިދާޅުވިއެވެ.

އޭޓީސީގައި ޞާލިޙް މަސައްކަތް ކުރަމުންދިޔައިރުގެ މާހައުލު ސިފަ ކުރަމުން ވިދާޅުވީ، އެއިރު އޮންނަނީ ވަރަށް ޑަލް މާހައުލެއް ކަމަށެވެ. އޭޓީސީގެ މާހައުލަކީ ވަރަށް ޗެލެންޖިންގ ވަރަށް ޑައިނަމިކް މާހައުލެއް ކަމަށްވެސް ވިދާޅުވިއެވެ.

"އެ ވާގޮތަކީ އެއާޓްރެފިކް ކޮންޓްރޯލަރަށް ދެ ދުވަހު އެއްގޮތަކަށް މަސައްކަތެއް ނޯންނާނެ، އަބަދުވެސް ކުރިއަށް މަސައްކަތް އޮންނަ ގޮތް ނޭގޭނެ ވިސްނާލަކަށް. އަބަދުވެސް ބަދަލުވަމުން އަންނާނީ. އަނެއްހެން ވަރަށް އިންޓަރެސްޓިންގ. ވަރަށް ޑައިނަމިކް މާހައުލެއް" ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ފާހަގަކުރެއްވިގޮތުގައި، އެންމެ ފުރަތަމަ ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔައިރު، ބިޒީއެއް ނޫނެވެ. އަދި އެއިރު އެހާ ގަވާއިދުތަކެއްވެސް ނޯޯންނަކަމަށްވެސް ވިދާލުވިއެވެ. އެހެން ނަމަވެސް އެ އެއާޕޯޓަށް ޖައްސާ ފްލައިޓްތައް އިތުރުވުމާއެކު، ވަރަށް ބޮޑަށް ބިޒީވެގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

"އެއިރު އެހާ ބިޒީ އެންވަރެމެންޓެއްގަ ނޫން އެއިރު މަސައްކަތް ކުރަނީ. ނަމަވެސް ފަހުން ފުދޭވަރެއްގެ ޗެލެންޖިންގ އެންވެރޮމެންޓެއްގަ މަސައްކަތް ކުރަމުންދިޔައޯ. އެއާޓްރެފިކް ކޮންޓްރޯލަރެކޭ ބުނީމަ އޭނާ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެއް އަސްލު، އަސްލު ޕައިލެޓް ގައިޑް ކުރަނީ. އެހެންވީމަ އޭޓީސީން ބުނާގޮތަކަށް ޕައިލެޓް ދުއްވާނީ، ޖައްސާއިރުވެސް ފުރާއިރުވެސް ކްލިއަރެންސްވެސް ދޭނީ. އަނެއްކޮޅުން ޕައިލެޓުން ގޮތަށް އޭޓީސީ މީހުންވެސް މެޑިކަލް ހަދާފައި ސިވިލް އޭވިއޭޝާން ލައިންސަންވެސް އޮވޭ، އެ ލައިންސަން އޮންނަ މީހަކަށް ދިމާވެދާނެ ޗެލެންޖްވެސް". ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، ނޮވެމްބަރު ތިނެއްގެ ހާދިސާ ދިމާވީވެސް އޭނާ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔައިރުއެވެ.

"ނޮވެމްބަރު ތިނެއްގައި އެރާ އެމީހުން އައިއިރު އަޅުގަނޑު ޓަވަރު ސުޕާވައިޒަރަކަށް ހުރީ. އެއިރުން ފެށިގެން އެއް ހަފްތާ ވަންދެން މިތާ ހުރީވެސް، އެއިރު އިންޑިއާ ސިފައިން އައިސް، އެ ހުރިހާ ކަމެއް ކުރިއިރު އެ މީހުންނާއެކު އަޅުގަނޑު އުޅުނީ. އެއީ ވަރަށް ބިރުވެރި ދުވަހެއް އަސްލު". ޞާލިޙް ވިދާޅުވިއެވެ.

އެ ދުވަހާއި ގުޅޭގޮތުން އިތުރަށް ވާހަަކަދައްކަމުން ޞާލިޙް ވިދާޅުވީ، އެ ދުވަހު އެއާޕޯޓްގައި މާބޮޑު ކަންތައްގަޑެއް ހިނގާފައިނުވާކަމަށެެވެ. ނަމަވެސް ވަސީލަތްތައް ނެތް ނަމަވެސް ތައްޔާރީ ހާލަތުގައި ތިބިކަމަށް ވިދާޅުވިއެވެ.

"މިސާލަކަށް ނެރާއި އެއްޗެހި ބަންދުކޮށް އެކަހަލަ ކަންތައްކޮށްގެން ތިބީ ނަސީބަކުން އެ މީހުން މިތާކަށް ނާދޭ. ދެން ޕްރޮގްރެސް ފްލައިޓް ފުރައިގެން ދިޔައިރު އިންޑިއާ މީހުން އައިސް ތިބީ. އޭގެ ފަހުން އިންޑިއާ ސިފައިންނާއެކު މަަސައްކަތް ކުރީ". ޞާލިޙް ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވިގޮތުގައި، އެ އެއާޕޯޓްގެ މަސައްކަތުގައި އޭނާއަށް 40 އަހަރު ހޭދަކުރުވުނުއިރު، އެކަށީގެންވާ ކުރިއެރުންތަކެއް އޭނާއަށް ލިބިއްޖެއެވެ. އަދި އެއާޓްރެފިކް ކޮންޓްރޯލިންގގެ މަސައްކަތްތަކަށްވެސް ކުރިއެރުންތައް ލިބިއްޖެކަމަށް ޞާލިޙް ފާހަގަކުރެއްވިއެވެ. އަދި އެއާޕޯޓަށް މިހާރު އަންނަމުންދާ ކުރިއެރުންތަކާއެކު، ދުނިޔޭގެ ފެންވަރުގެ އެއާޕޯޓަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޞާލިހު ވިދާޅުވިގޮތުގައި، އޭނާ އެއާޕޯޓްގައި މިހާރު އަދާކުރަން ބޭނުންވާ ވަޒީފާއެއް ދެން ނެތެވެ.

"އެއާޕޯޓްގައި އަޅުުގަނޑު ދެން އަދާކުރަން ބޭނުންވާ ވަޒީފާއެއް ނެތް، އަޅުގަނޑު ބޭނުން ނުވޭ އެމްޑީއަކަށް ސީއީއޯއަކަށް ވާކަށް. ދެން ބުނަންޏާ އޯގަނެޒޭޝަނ ޗާޓުގައި ދެވެން އޮތް އެންމެ މައްޗަަކަށް ދެވިފައި މިހިރީ. ދެން ކުރިއަށް އޮތް ހަތަރު ފަސް އަހަރު ތެރޭ ރިޓަޔާވާން ބޭނުންވަނީ" ޞާލިހް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސެން

    މައުލޫމާތު މުސަނދި ހިތްހެޔޯ ސަހްސެއް!! މަރްހަބާ!!

    12
    3
  2. ޓައުނޭ

    ?، ވާރކްސް ފޮރ ދެޓް ލޯންގް އަންޑަ އަ ސޭމް ކޮމްޕެނީ

    13
  3. ކޮރަލް

    ޒުވާނުން ކިޔާލަން ރަނގަޅު އިބުރަތް ތެރި ވާހަކަ އެކެވެ. ކެތްތެރިކަން އެބަހުއްޓެވެ. ލިބޭ އެއްޗަކަށް ޝުކުރު ކުރެއެވެ.

    21
    1
  4. ޔޫސުފް

    ޥަޒީފާގައި މުޅި އުމުުރު ދުއްވާލީމާ ފަހުން ދެރަވާނެ ..އެއީ ބެސްޓް ގޮތެއްނޫން އަމުދުން މިހާރަކު

    16
    2
  5. ހުޅުލެ ބޮޑުމީހާ

    އަދިވެސް 65 ނުވޭތަ

    2
    2