1983 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ތިމަރަފުއްޓަށް އުފަން އައިޝަތު މޫސާ އަކީ، އޭނާގެ އުމުރުން 35 އަހަރު ވީ އިރުވެސް ވަރަށް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން އައި މުރާލި މީހެކެވެ. ކުޑަ ދެ ކުދިންގެ މަންމައެކެވެ. ހީވާގި، ހިތްހެޔޮ އަނތްބެކެވެ. ނަމަވެސް އޭނާ އަށް މިއަދު ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަނެވެން އަންނަނީ ހެޔޮ އެދޭ އެތައް ފަރާތެއްގެ ދީލަތި އެހީ ލިބިގެންނެވެ. އައިޝަތު މޫސާއަށް ދިމާވެފައިވާ މި ހިތާމަވެރި ހާލަތުގެ ވާހަކަ އޭނާ ވަނީ “ވަގުތު” އާއި ޙިއްޞާކޮށްފައެވެ.

“މީގެ ދެ މަސްފަހުން މިކަމެއް އަހަންނަށް ދިމާވީ. އަހަރެންގެ ކަނައަތުފައިގައި ތިން ފޮޅު ޖަހައިގެން ރަށު ޞިއްޙީ މަރުކަޒަށް ދެއްކީ. ދައްކާފައި ރަނގަޅު ނުވެގެން އީވް ކްލިނިކަށް ދެއްކީ. ދެން އެމީހުން އެ ފޮޅުތައް ފަޅާލުމަށްފަހު، ކަތުރަކުން ސާފުކޮށްފަ ބެންޑޭޖު އެޅީ. އޭރުވެސް ވަރަށް ރިއްސާ. އެއްގޮތަކަށްވެސް ރަނގަޅުވާގޮތެއް ނުވޭ. ދެން އައިޖީއެމްއެޗަށް ދެއްކީ. ދެއްކި އިރު މުޅި އިނގިލިތައް އޮތީ ކަޅުވެފަ. އައިޖީއެމްއެޗުން ބުނީ ފައިގެ އިނގިލިތައް މަރުވެފައޭ ތިހުރީ. ޖެހޭނީ ބުރިކޮށްލާށޭ. ދެން ފައިގެ ކަކުލުހުޅުން ތިރިން ބުރިކޮށްލީ،” އައިޝަތު ކިޔައިދިނެވެ.

އައިޝަތުގެ ފައި ބުރިކޮށްލުމުގެ ސަބަބުން ދިރިއުޅުމަށް އޭނާ ކުރަމުން އައި ހުރިހާ މަސައްކަތެއްވެސް ހުއްޓުނީއެވެ. އޭނާގެ ކުޑަ ދެކުދިންނަށްވެސް ކޮށްދެންޖެހޭ ކަންކަން ނުކުރެވި، އެހެންމީހުންގެ އެހީ ހޯދަން މަޖުބޫރު ވީއެވެ. މިކަމުގައި އޭނާގެ އާއިލާގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށް އޭނާ އަބަދުވެސް ޝުކުރުވެރިވެއެވެ.

“އައިޖީއެމްއެޗުން ފައި ބުރިކޮށްލާފަ ފަހާފަ ބޭއްވީ، ނަމަވެސް އެއްގޮތަކަށްވެސް ރަނގަޅުވާގޮތެއް ނުވި. މުޅި ފައިއޮތީ ދޮސްގަނެފަ. ވަރަށް ރިއްސާ. ދެން އަނެއްކާވެސް އައިޖީއެމްއެޗަށް ދެއްކީ. ދެން ބުނީ އެތަނުން އެއްވެސް ކަމެއް ކުރެވެން ނެތްކަމަށް. ވަރަށް ދެރަވި. އާސަންދައެއްވެސް ނުލިބުނު. މާލެއިން ފައިބުރިކޮށްލެވޭތީ އާސަންދަ ނުލިބޭނެ ވާހަކަ ބުނީ،” ވަރަށް އަސަރާއި އެކު އޭނާ ކިޔައިދިނެވެ.

ފައި ބުރިކޮށްލައިގެންވެސް ރަނގަޅު ނުވެގެން އައިޝަތުގެ އާއިލާއިން އޭނާ ރާއްޖޭން ބޭރަށް ގެންދަން ނިންމިއެވެ. ފައި އިތުރަށް ބުރިކޮށްނުލައި ސަލާމަތްވާނެ ކަމުގެ އުންމީދުގައި އިންޑިޔާއަށް ފުރިއެވެ.

“އިންޑިޔާގެ ނިރުމަލާ ހޮސްޕިޓަލަށް ފައިދެއްވީ. އެހިސާބުން އެނގުނު އައިޖީއެމް ހޮސްޕިޓަލުން ވަރަށް ބޮޑަށް އިހުމާލުވެފައިވާކަން. ޕަންޕެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ފައި ސާފުކުރަން އަސްލުޖެހޭނީ. ނަމަވެސް އެގޮތަކަށް ނޫން ސާފުކުރީ. އިންޑިޔާއިންވެސް ބުނީ ފައި ޖެހޭނީ އަދިވެސް ބުރިކުރާށޭ. މިހާރު ކަކުލުން މަތިން ފައި ބުރިކޮށްލާފަވަނީ. އެހެން ފައެއް ޖެހޭވަރަށް ބައިދާފަ ބުރިކޮށްލީ. އިންޑިޔާއަށް ދެވުނީ ޤާޞިމް އިބްރާހިމްގެ އެހީ ލިބިގެން. މި ފުރުޞަތުގައި ޤާޞިމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،” އައިޝަތު ކިޔައިދިނެވެ.

އައިޝަތުގެ ފައި މިހާރުވަނީ ވަރަށް ބޮޑަށް ބުރިކޮށްލާފައެވެ. ހިނގާބިނގާވެ އުޅެވެނީ އަސާގަނޑެއްގެ އެހީގައެވެ. އެހެންނަމަވެސް ފައެއް ޖެހި، ކުރިންވެސް އުޅެމުން އައިގޮތަށް ދިރިއުޅެން އޭނާ ބޭނުންވެއެވެ.

”ފައެއް ޖެހޭނެ ދުވަހެއް ނޭނގެ. ތިންމަސް ފަހުން އިންޑިޔާއަށް ދާންޖެހޭ ފައިޖަހަން. ނަމަވެސް އަހަރެމެންގެ އާއިލާގައި އެހާ ތަނަވަސްކަމެއްނެތް. އެކި އެކި ފަރާތްތަކުން އެހީލިބޭތޯ މަސައްކަތްކުރަމުން މިދަނީ. އާސަންދަ ނުލިބޭތީ ހުރިހާ ޚަރަދެއްވެސް ކުރަންޖެހެނީ އަމިއްލަ އަށް. ހުރިހާ އެންމެންގެ ފަރާތުންވެސް އާދޭހާއި އެކު އެދެން ކޮންމެވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް. އިރާދަކުރެއްވިއްޔާ ތާއަބަދަށް އަޅުގަނޑު އެކަން ދެކޭނަން. އެއީ ގެއްލިގެންދާނެ އެއްޗެއްނޫން. އަަހަރެން އެންމެ ލޯބިވާ ދެ ދަރިންނަށްޓަކައިވެސް ކޮންމެވެސް މިންވަރެއްގެ އެހީއެއް ވެދެއްވާ،” ގިސްލަމުން އައިޝަތު ކިޔައިދިނެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިފަދަ ހިތާމަވެރިގޮތްތައް ދިމާވެފައިވާ މީހުންނަށް އެހީވުމަކީ އިންސާނިއްޔަތަށްތަކައިވެސް ކުރުން ކޮންމެހެން މުހިއްމު ކަމެކެވެ. އައިޝަތު މޫސާ އަށްވެސް އެކަމުން އަރައިގަނެވޭނީ، ތިޔަ އެންމެ ބޭފުޅުންގެ ހެޔޮ ދުޢާ އާއި، ދީލަތި އެހީތެރިކަން ލިބިގެންނެވެ. އޭނާ އެދެނީ ތިބޭފުޅުންގެ އެހީއަށެވެ. ﷲގެ ހަޟްރަތަށް ދުޢާ ކުރަނީ، އުފާވެރިކަމާއި އެކު ދިރިއުޅެވޭނެ ދުވަހެއް ދެއްކެވުން އެދިއެވެ.

އެހީތެރިކަން ދެއްވަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓް ނަމްބަރަށް ފައިސާ ޖަމާކޮށްދިނުމަށް އޭނާ އެދެއެވެ.

އެކައުންޓް ނަމްބަރު (ރުފިޔާ): 7730000259840

އެކައުންޓް ނަން: އައިޝަތު މޫސާ

ގުޅޭނެ ނަމްބަރ: 9482097 / 7579550

 


މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ލިލިއަން❤

    ތިމާގެ މުދަލުން ސަދަގާތް ކުރުން އިތުރު ކުރަންވީ. ކުރިޔަށް މިއޮތީ ރަމަޟާން މަސް. ޒަހީން ގެ ލިޔުން ވަރަށް ފުރިހަަމަ. ލޯބިވޭ❤

    34
    1
  2. އަލީ

    މި ރާއްޖޭގަ ވަރަށް ގިނަ މުއްސަނދިން އެކަމު މީހުން ރުޅިއަޔަސް ހިނިއަޔަސް ގާސިމް ވާވަރާ ގާތައްވެސް ދެން މިއުޅޭ މުއްސަނދިން އެހީއެއް ނުވޭ އެކަމް ކޮންމެ ކޮންމެ ފަހަރަކު ގާސިމުއަށްވެސް އަތްދަށުގަ އުޅޭ މީހުންގެ ސަބަބުން ނަމަވެސ އެހީ ނުވެވި ދިއުމަކީ ހަމަ ވެދާނެ ކަމެއް

    45
    2
  3. ކިނބޫ

    އާސަންދަވެސް ނުލިބުނު. އައިޖީއެމްއެޗްގެ އިހުމާލު އިންތިހާ. ގައުމުގެ ހާލަތު. ދެންވެސް ކިޔާ ހާދަ ރަނގަޅޭ ހާދަ ރަނގަޅޭ. މީގެކުރިން މިފަދަ ކަންކަމަށް އާސަންދަ ނުލިބި ނޯންނާނެ. މިހާލަތަށް ގައުމު ވައްޓާލުމުގަ ބައިވެރިވި އެންމެން ލަތުވެތިވާން ޖެހޭނެ.

    33
    2
  4. އއ

    އޭ މީސްތަކުންނެވެ ނިކަން ވިސްނަބަލާށެވެ. މިފެށޭ ރަމަޟާން މަހުވެސް ޓީވީ ތަކުން އެތައް ޕޮރުގުރާމެއް ދައްކާނެ އެވެ. ކޮންމެ ޕޮރުގުރާމެއްވެސް ފެށޭއިރު ސްޕޮންސަރސް ގެ ލިސްޓް އެހާމެ ދިގުވާނެ. އެފަދަ ޕޮރުގުރާމް ތަކުގަ ކުޑަ އިޝްތިހާރު ކޮޅެއް ދައްކާލަން އެތައް ލައްކަ ރުފިޔާ ހޭދަ ކުރެއެވެ.އެކަމަކު މިކަހަލަ ކަމަކަށް އެދިގެން މިހަކު އެއިން ވިޔަފާރި ވެރިއެއް ކައިރިއަށް ދިޔައިމަ ފޫކަހާވަރު އެނގޭނީ ކަމަކުޖެހިގެން އާދޭސްކުރަން ދާމީހުންނަށެވެ.

    36
    • ބޯހަލާކު 3 މެއި 2019

      ކޮބާ މިޤައުމު ގެހުރިހާ ފަޅުރަތްތައް މިލްކު ކޮށްގެން އުޅޭ ބޭފުޅުން މިކަހަލަ ނިކަމެތިންގެ ހާލަށް ހަމްދަރުދީ ނުވާތީ ހިތާމަކުރެވޭ.ހުރިހާ މުދާ.ހިފައި ގެންނުދެވޭނެ.ނިކަމެތިން ނަށް އެހީވަމާ އެއީ ގެންދެވޭނެ އެއްޗަކީ ރިސޯރޓު އޯނަރުންނަށް ވެދުން

      15
  5. ޒުހުރާ

    ޢިންޝާ ﷲ ރަނގަޅު ވާނެ

    15
  6. ނިކަމެތި ރައްޔިތުމީހާ

    އައިޖީއެމްއެޗްއަށް ނަމަނަމަ ނުދާތި. މަގޭ އަންހެނުން އޮޕަރޭޝަނެއް ކޮއްގެން ހޭނާރައިގެން ކިތައްމެ އިރަކު އޮތް އާއިލާ އަށް ނާންގާ އަހާ ކޮންމެފަރަކު އޯކޭ އޭބުނަނީ. ހޭ އެރިންސުރެއް އެއްވަރަކަށް ހޮޑުލީ މޭގަރިއްސާތީ ތެޅިފޮޅެން ހެދީމަބުނީ މާދެން ކަންތައް ބޮޑުކުރަނީ އޭ. އެކަމު ފަހުން ނަރުހެއްގެ ފަރާތުން އެނގުނީ ފުއްޕާމެޔަށް ހޭނައްތައިން މާ ގިނައިރުވެގެން ގެއްލުންވެފަކަން ހުރީ.އޮޕަރޭޝަން ކުރީ ބަނޑުގެ ދިމާމެދުން ފަޅާލައިން ކުރީ ކީއްކަމެއް ސަމަރީގަވެސް ނެތް. ބަނޑުގެބޮޑަކަށްފަޅާލައިން އޮޕޮރޭޝަނެއް ކޮއްގެން 24ގަޑިއިރުނުވަނިސް ނަގައިން ފިޒިޔޯހަދުވާފަ 3ވަނައަށްވީދުވަހު ގެއައްދޫކޮއްލި އެއިގެއަނެއްދުވަހު ފަޅާލައިފަ އިންތަނުން ލޭއަންނާތީ ދިޔައިމަބުނީ މައްސަލައެއްނޫނޭއެއީކީ އެންމެފަހުން އޭޑީކޭއަށް ދެއްކީމަ އަލުން އޮޕަރޭޝަންކުރި ތަންފަޅާލަންޖެހުނީ މުޅިތަންއޮތީ ދޮސްލާގެން ސަކަރާވެފަ އަދިވެސް މިއުޅެނީ އެކަމުން ސަލާމަތްނުވެވިގެން

    15
  7. އަޅުގަނޑު

    މާތްﷲ ހެޔޮރަހުމަތް ލައްވަވާ ޝިފާ ދެއްވަވާށި އާމީން