ޕާކިސްތާނުގައި ޑޮކްޓަރެއްގެ އިހުމާލުން 90 އަށްވުރެ ގިނަ މީހުންގެ ގަޔަށް ބޭނުންކޮށްފައި ހުރި އިންޖެކްޝަން ޖެހުމުން އެ މީހުން އެޗްއައިވީއަށް ޕޮޒިޓީވްވެއްޖެއެވެ.

މި އެންޖެކްޝަން ޖެހި މީހުންގެ ތެރޭގައި 65 ކުޑަކުދިން ހިމެނެއެވެ. ރިޕޯޓްތައް ބުނާގޮތުގައި، ފުލުހަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މިހާރު އެ މައްސަލައާ ގުޅުން ހުރި ޑޮކްޓަރު ވަނީ ހައްޔަރުކޮށްފައެވެ.

ޕާކިސްތަނުގެ ލަރްކަނާ ސިޓީގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އަންނަ އެ ޑޮކްޓަރުވެސް އެޗްއައިވީ ބައްޔަށް ޕޮޒިޓީވްވެފައިވާކަމަށް ފުލުހުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

މިކަން ކަމާއި ބެހޭ ފަރާތްތަކުން ސަމާލުކަމަަށް އައިސްފައި ވަނީ މިދިޔަ ހަފްތާ ތެރޭގައެވެ. އެއީ އެ ސިޓީގެ ޓައުންއެއްގެ 18 ކުދިން އެޗްއައިވީއަށް ޕޮޒިޓިވް ވުމުންނެވެ. އަދި އެ ކުދިންގެ ހަށިގަނޑުން އެތައް ޖަރާސީމުގެ ބާވަތްތަކެއްވެސް ފެނިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

"މި ބައްޔަށް ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން 90އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހުނުއިރު، އޭގެ ތެރެއިން 65 މީހުންނަކީ ކުޑަކުދީން". އެ ހިސާބުގަނޑުގެ ހެލްްތް އޮފިޝަލަކު އޭއެފްޕީއަށް ބުންޏެވެ.

ކަމާއި ބެހޭ ފަރާތްތަކުން ބުނީ، މިކަމުގައި އިހުމާލު ވަނީ އެއް ޑޮކްޓަރު ކަމަށާއި، އޭނާ މީހުންގެ ގަޔަށް ބޭނުންކޮށްފައި ހުރި އިންޖެކްޝަން ޖަހަމުން އަންނަ ކަމަށެވެ.

އަދި އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ މީހުންގެ މައިންބަފައިންވެސް ޓެސްޓުތަކެއް ވަނީ ހަދާފައެވެ. ނަމަވެސް އެ މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައިއެއް ނުވެއެވެ. އަދި މިހާރު އެ ހިސާބުގައި މި ބަލީ ހުރިހާތޯ ބެލުމަށް ޓެސްޓު ހެދުމަށް ހާއްސަ ޕްރޮގްރާމެއް ވަނީ ފަށާފައެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ކޮން ގައުމެއްގެ ޑޮކްޓަރެއް ކަމެއް ބުނެފައެއް ނުވެއެވެ.