ސަނީ ލިޔޯން އޭ ބުނުމުން އެއީ ކާކުކަން ނޭންގޭ މީހަކު މަދުވާނެއެވެ. ބޮލީވުޑްގެ "އައިޓަމް ގާލް" ގެ ގޮތުން އޭނާ މަޝްހޫރުވެފައި ވަނީ އޭނާގެ ކުޅަދާނަ ނެށުންތަކާއި އޭނާގެ ރީތިކަމުންނެވެ.

ބޮލީވުޑްގެ ތަފާތު ކާމިޔާބީ ތަކަށްފަހު ސަނީ ލިޔޯން މިހާރު ތައްޔާރުވަމުންދަނީ އޭނާގެ އަމިއްލަ ކޮސްމެޓިކްސް ބްރޭންޑެއް ނެރުމަށެވެ. "ސްޓާ ސްޓްރަކް" ކިޔާ މި ކޮސްމެޓިކްސް ބްރޭންޑް މިފެށޭ މާޗް 1 ވަނަ ދުވަހު ނެރޭނެކަމަށް އޭނާ ބުންޏެވެ.

"މިއީ އަހަރެން ވަރަށް ކުރިންސުރެ ކުރަން ބޭނުންވެފައި ހުރި ކަމެއް. މިއީ އަހަރެންގެ ވަރަށް ގިނަ ވަގުތާއި އެތަށް ވިސްނުމަކާއި އަހަރެން އެކަމަކަށްޓަކައި ފިދާވިކަމެއް. މި ޕްރޮޑަކްޓް ނެރުމަށް ހުރިހާ ތައްޔާރީތަށް ނިމިފައިވާއިރު އަހަރެން މިހުރީ ވަރަށް އުފަލުން." ސަނީ ލިޔޯން އޭނާގެ ކޮސްމެޓިކްސް ބްރޭންޑާއި ގުޅޭގޮތުން މީޑިޔާއަށް މައުލޫމާތު ދެމުން ބުންޏެވެ.

ސަނީ ލިޔޯން އިތުރަށް ބުނީ "ސްޓާ ސްޓްރަކް ބްރޭންޑްގެ ހުރިހާ އުފެއްދުމަކީވެސް ވަރަށް ވިސްނުމަށްފަހު ހުރިހާ އަންހެނުންނަށް ކަމުދާނެހެން އެތަކެއް ދިރާސާތަކެއް ހެދުމަށްފަހު ނެރޭ ބްރޭންޑެއް. އަހަންނަށް ޔަގީން މި އުފެއްދުން ހުރިހާ ފަރާތްތަކަށްވެސް ކަމުދާނެ" ކަމަށެވެ.

ސަނީ ލިޔޯން ހާމަކުރާ ގޮތުގައި މިއީ އޭނާ ގޮތަށް އަބަދު ކެމެރާ ކުރިމަތީގައި ހަރަކާތްތެރިވާ އަންހެނުންނަށް ކަމުދާނެ އަދި މާކެޓްގައި ތަފާތު ކޮސްމެޓިކްސް ބްރޭންޑަކަށް ވާނެކަމަށާއި ސްޓާ ސްޓްރަކް ގެ ކޮންމެ އުފެއްދުމަކީ އޭނާ އާއި އޭނާގެ ޓީމް ވަރަށް ރަނގަޅަށް ބެލުމަށްފަހު ނެރޭ އުފެއްދުމެއް ކަމަށެވެ.

ސަނީ ލިޔޯން ވަނީ ބޮލީވުޑްގައި "ޖިސްމް 2"، އޭކް ޕަހެލީ ލީލާ"، "ކުޗް ކުލް ލޯޗާ ހޭ" އަދި "ވަން ނައިޓް ސްޓޭންޓް" ފިލްމް ތަކުގައި ހަރަކާތްތެރި ވުމުގެ އިތުރުން އެތަށް ލަވަތަކެއް ކުޅެދީފައެވެ.