ބޮލީވުޑުގައި މިހާރު ހުރި އެންމެ ކާމިޔާބު އެއް އެކްޓަރުކަމަށް އެތައް ބަޔަކު އިއްތިފާޤުވާ ޝާހް ރުކް ޚާންގެ ޓްވިޓަރ ފޮލޯވަރުންގެ އަދަދު 33 މިލިޔަނަށް އެރުމުން، ތަފާތު ގޮތަކަށް އޭނާގެ ފޭނުންނަށް އޭނާ ޝުކުރު އަދާކޮށްފިއެވެ.

33 މިލިޔަނަށް ޓްވިޓަރ ފޮލޯވަރުންގެ އަދަދު އެރުމުން، ޝާހުވަނީ ސްވިމިންގ ޕޫލަކަށް ފުންމާލާ، ފެނު އަޑިން، އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފައެވެ.

ޝުކުރު އަދާކުރުމަށްފަހު، ޝާހު ބުނެފައިވަނީ އެކަންތައް ގޮސްފައިވަނީ އޭނާ ރާވާފައި ގޮތަކަށް ނޫންކަމަށެވެ. އަދި، އެއީ ޕޫލުތަކުގައި އުޅެން އޭނާއަށް ރަނގަޅަށް ނޭނގޭތީ ކަމަށާއި، ބަންދު ދުވަހަކު އެގޮތަކަށް ކަންތައް ވެދާނެކަމަށެވެ.

ޓްވިޓަރގައި އޭނާ ފޮލޯކުރާ މީހުންގެ އަދަދު 33 މިލިޔަނަށް އެރުމާއެކު، ޝާހު ވެގެންގޮސްފައިވަނީ ޓްވިޓަރގައި އެންމެ ގިނަ ފޮލޯ ބޭސް އެއް އޮތް ބޮލީވުޑުގެ އެކްޓަރަށެވެ.

މަޝްހޫރު އެތައް ބްލޮކްބަސްޓަރ ފިލްމުތަކެއްގައި ހަރަކާތްތެރިވެ، ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ޝާހް، ފިލްމީ ދާއިރާގައި ހަރަކާތްތެރިވާތާ 25 އަހަރުވަނީ ވެފައެވެ.

މީގެކުރިން، މަޝްހޫރު މީހުންގެ ފޭނުން، ތަފާތު ކަންކަން ކޮށް އުޅުނުކަމުގައިވިޔަސް، މިފަހަރު ތަފާތު ކަމެއް މިކުރީ މަޝްހޫރު މީހާއެވެ.