މި އަހަރުވެސް ޕްރިޔަންކާ ޗޯޕްރާ މެޓް ގާލާއަށް ދިޔައެވެ. މިފަހަރުވެސް ދިޔައީ ވަރަށް ތަފާތުކޮށެވެ. ވަރަށް ތަފާތު މޭކަޕްއަކާއި ހެއާ ސްޓައިލްއަކާއި އެކުގައެވެ. މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް ޕްރިޔަންކާ މެޓް ގާލާގައި އަޅައިގެން ހުރި ހެދުމުން ފާޑުކިޔުންތަކާއި، ޖޯކުވެސް ޖަހަމުންދިޔައެވެ.

މީގެ ތެރެއިންވެސް އެންމެ ބޮޑު ޖޯކަަކަށް ވެގެންދިޔައީ 2017 ވަނަ އަހަރުގެ މެޓްގާލާގައި ޕްރިޔަންކާ އަޅައިގެން ދިޔަ ހެދުމެވެ. އެ ހެދުމަށް އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި އެ ހެދުމަކީ އެއްޗެހި ފުހެން ގެންގުޅޭ އެއްޗެއް ކަމަށް ބުނެ ޖޯކު ޖެހިއެވެ. މީމްވެސް ހެދިއެވެ.

2018 ވަނަ އަހަރު ޕްރިޔަންކާ މެޓް ގާލާއަށް އަޅައިގެން ދިޔަ ހެދުން ވެގެން ދިޔައީވެސް ފާޑުކިޔުންތައް އަމާޒުވި ހެދުމަކަށެވެ.

މިއަހަރަށް ބަލާއިރު، އެހެން އަހަރުތަކާއި މި އަހަރާއި ޕްރިޔަންކާ ވަރަށް ތަފާތުވެ. ޕްރިޔަންކާގެ މެޓް ގާލާ ފޮޓޯތައް ބަލާލުމުން އޭނާހެންވެސް ހީނުވާަކަމަށް ގިނަ ބަޔަކު ބުނަމުން ދިޔައެވެ. އަދި މިހާރު ޓްވީޓާގައި ޕްރިޔަންކާގެ އެ ހެދުން އަޅައިގެން ހުރި ގޮތަށާއި، އޭނާގެ މޭކަޕްއަށް ފާޑުކިޔުން އަމާޒުވަމުންދާއިރު، ޕްރިޔަންކާ ޖޯކަރެއްގެ ގޮތުގައިވެސް ސިފަ ކުރަމުން ދެއެވެ.

އާއްމުކޮށް މިގޮތަށް މީހުން ކިޔާ އެއްޗެއްސަށް ޕްރިޔަންކާ އަޅައެއް ނުލައެވެ. އޭނާއަށްވެސް އެކަން ވަނީ މަޖާ ކަމަކަށެވެ.

މެޓް ގާލާއަށް ދާ އެންމެން އާއްމުކޮށްވެސް ހެދުން އަޅަނީ ވަރަށް ތަފާތުކޮށެވެ.

އަހަރަކު އެއް ފަހަރު ބާއްވާ މެޓް ގާލާގެ މި ހަފުލާ އަކީ އެ މިއުޒިއަމަށް ފަންޑް ރެއިޒް ކުރުމަށް ބާއްވާ ހަފްލާއެކެވެ. މިއަހަރުގެ މެޓް ގާލާ ތީމް އަކީ "ކޭމްޕް: ނޯޓްސް އޮން ފެޝަން" އެވެ.